ގެލާ، ރާއްޖެގައި މަސައްކަތް ކުރި އިރު: ތަޖިކިސްތާނުގެ ކޯޗުކަމުން އޭނާ ވަކިކޮށް، އެހެން ކޯޗަކު ވަނީ ހަމަޖައްސާފަ --- ފައިލް ފޮޓޯ: އެފްއޭއެމް
04 އޮކްޓޯބަރ 2025 - 13:30
ރާއްޖެއާ ދެކޮޅަށް ނުކުންނަން ފުރުސަތު ނުލިބި ތަޖިކިސްތާނުގެ ކޯޗުކަން ގެލޭ ޝެކިލާޒީ އަށް ގެއްލިއްޖެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ، މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް ކުރީ ތަޖިކިސްތާނުގެ ހެޑް ކޯޗުގެ ގޮތުގަ އެވެ. ޖޯޖިއާ އާއި ބެލްޖިއަމް އަށް ވެސް ނިސްބަތްވާ، ގެލާ ވަނީ ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ޝެގަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ރާއްޖޭގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ބަންގްލަދޭޝްގައި 2018 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި ގެލާ ވަނީ މުހިންމު ހިއްސާއެއް ވެފަ އެވެ.
ޖެނުއަރީ 2022 ގައި ޝެގަޓް، ތަޖިކިސްތާނާ ހަވާލުވުމުން އެ ޓީމުގައި ވެސް އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ގެލާ މަސައްކަތް ފެށި އެވެ. މިދިޔަ އަހަރު ގަތަރުގައި ބޭއްވި އޭޝިއަން ކަޕަށް، ޝެގަޓްގެ ކޯޗުކަމުގެދަށުން ތަޖިކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގެ ކުއާޓާ ފައިނަލާ ގެންގޮސްދިނެވެ. މުބާރާތަށް ފަހު ޝެގަޓްގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާ މަގާމު ދޫކޮށްލުމުން ތަޖިކިސްތާނުގެ އެފްއޭއިން ނިންމީ ހެޑް ކޯޗުކަން ގެލާ އަށް ދިނުމަށެވެ.
މިދިޔަ މަހު ބޭއްވި ސެންޓްރަލް އޭޝިއަން (ކާފް) ޗެމްޕިއަންޝިޕްގައި ތަޖިކިސްތާނަށް ކުރިމަތިވި ނާކާމިޔާބާ އެކު ގެލާ، ކޯޗުކަމުން ވަކި ކުރި އެވެ.
އޭނާގެ ކޯޗުކަމުގެދަށުން އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރު ކުރި އެވެ. އެއްވަނައިގައި އޮތް ފިލިޕީންސާއި ތަޖިކިސްތާނާ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ފިލިޕީންސް ކުރިގައި އޮތީ ފައިދާ ގޯލުންނެވެ.
ތަޖިކިސްތާނުގެ އާ ކޯޗު ގޯރާން ސްޓެވާނޮވިޗް: އެ ގައުމުގެ ޓީމުގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ އިއްޔެ
ރާއްޖެއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ތަޖިކިސްތާނުން ކުޅޭ މެޗަށް ތައްޔާރުވާން ފެށުމުގެ ކުރިން އެ ގައުމުގެ ފެޑެރޭޝަނުން ވަނީ ސާބިއާގެ ގޯރާން ސްޓެވާނޮވިޗް، މަގާމަށް ހަމަޖައްސާފަ އެވެ.
ގާނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރިން ކުރި ސްޓެވާނޮވިޗް، ތަޖިކިސްތާނާ ހަވާލުވީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އޭޝިއަން ކަޕް ކޮލިފައިން ނިމޭނީ މާޗް މަހު އެވެ. ތަޖިކިސްތާނުގެ އެފްއޭއެއިން ބުނީ އިތުރު އަހަރަކަށް އޭނާ މަގާމުގައި ބެހެއްޓުމުގެ ފުރުސަތު ވެސް އެއްބަސްވުމުން ލިބޭނެ ކަމަށެވެ.
ރާއްޖެއާ ތަޖިކިސްތާނު ކުޅޭ ދެވަނަ ލެގް މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު މާލޭގަ އެވެ. އެ ދެ މެޗަށް ތައްޔާރުވުމަށް ރާއްޖޭން ވެސް ވަނީ ޕްރެކްޓިސް ފަށާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy