16 އޮކްޓޯބަރ 2025 - 13:16
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ގޯލް ޖެހުމުގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑެއް ގާއިމު ކޮށްފި އެވެ.
މި ހަފްތާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި 6-0 އިން ޕުއެރްތޮ ރިކޯ ބަލިކުރަން ދެ އެސިސްޓް ކޮށްގެން މެސީ ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ އެސިސްޓް ކުރުމުގެ ރެކޯޑް މުގުރާލައިފަ އެވެ.
އުމުރުން 37 އަހަރުގެ މެސީ ވަނީ އާޖެންޓީނާއަށް މިހާތަނަށް ކުޅެދިން 195 މެޗުން 60 އެސިސްޓް ކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ 59 އެސިސްޓާ އެކު ބްރެޒިލްގެ ނޭމާ އަތުގަ އެވެ.
އެމެރިކާގެ ކުރީގެ ތަރި ލަންޑަން ޑޮނޮވަން 58 އެސިސްޓް ކޮށްފައި ވެ އެވެ. ފަންސާހުން މަތިން އެސިސްޓް ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ 53 އެސިސްޓް ކޮށްފައި ވާ ހަންގޭރީގެ ފެރެންކް ޕުސްކަސް އާއި 51 އެސިސްޓް ކުރި އެގައުމުގެ ސެންޑޯ ކޮސިސް އެވެ.
މިއާ އެކު މެސީ މިވަނީ ކެރިއަރުގެ 400 ވަނަ އެސިސްޓާ ވެސް ގާތްވެފަ އެވެ. މިހާތަނަށް އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް ކުޅުނު 1129 މެޗުން 398 އެސިސްޓް ކޮށްފަ އެވެ.
މިހާތަނަށް އެންމެ ގިނަ އެސިސްޓް ކޮށްފައިވާކަމަށް ރެކޯޑް ކުރެވިފައި ވަނީ ރެއާލް މެޑްރިޑްގެ ލެޖެންޑް ޕުސްކަސް އެވެ. އޭނާގެ ކެރިއަރުގައި 404 ގޯލު އެސިސްޓް ކޮށްފައިވާކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.
އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާއަކީ ދެކުނު އެމެރިކާ ސަރަހައްދުން، އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެސީ ވަނީ، އަންނަ އަހަރުގެ މުބާރާތުގައި އޭނާ ނުކުޅޭނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. ނަމަވެސް އަދިވެސް އެކަން އޭނާ ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ޔޫރަޕް ދޫކޮށް އެމެރިކާގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ މެސީ ވަނީ މިއަހަރު ވެސް މިހާތަނަށް އެ ކްލަބަށް ކުޅެދިން 42 މެޗުން 34 ގޯލު ޖަހައި 18 އެސިސްޓް ކޮށްފަ އެވެ.
ދާދި ފަހުން މެސީގެ އެންމެ ވާދަވެރި ޕޯޗުގަލްްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، 40، ވެސް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯޓު
16 October 2025
"މެސީގެ އެންމެ ވާދަވެރި ޕޯޗުގަލްްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ" މިތަންކޮޅު ރަނގަޅުކޮއްލާ. މެސީއާއި ވާދަކުރެވޭ ވަރުގެ ކުޅުންތެރިޔެއް ދުނިޔެ ނުދެކޭ. މިސާލަކަށް ލިޔެވިދާނެ މެސީ ފިޔަވައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކަމަށް ފުޓްބޯޅަ ނުދަންނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިގޮތައް
ފަރުލަމާ
16 October 2025
މިހާރު ދަނޑުމަތީ ހުރެ ލެވޭ ވައިވެސް ރެކޯޑެއް ގޮތުގަ ބަލާތަ؟ ތަބަކަކަށް ލާފަ އެއްޗެހި ބެހިޔަސް ތީ ދެން ބޮޑުވަރު