ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ޒުވާން ޓީމަކަސް، ބޮޑު ބަޖެޓްގެ ކްލަބްތަކާ ވާދަކުރެވޭނެކަން ވެލެންސިއާ ސާބިތުކޮށްދީފި: ފެސްކޯ

ވެލެންސިއާގެ ކޯޗު ފެސްކޯ: އޭނާ ބުނީ ވެލެންސިއާގެ ޒުވާން ސްކޮޑުން، ބޮޑު ބަޖެޓްގެ ޓީމުތަކާ ވާދަކުރެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށް

19 އޮކްޓޯބަރ 2025 - 22:38

ޒުވާން ސްކޮޑެއް އޮތަސް، ބޮޑު ބަޖެޓްގެ ޓީމުތަކާ ވާދަކުރެވޭނެކަން ވެލެންސިއާއިން ސާބިތުކޮށްދެމުންދާ ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނެފި އެވެ.

މި ސީޒަނަށް ވެލެންސިއާ ނުކުތީ ޒުވާން ސްކޮޑަކާ އެކު އެވެ. އެ ޓީމުގެ ގިނައީ އުމުރުން 18 އަހަރު ވެސް ނުފުރޭ ކުޅުންތެރިންނެވެ. ސީނިއާ ނަންތަކުގެ ގޮތުގައި ތިބީ ބިދޭސީ ކުޅުންތެރިންނެވެ.

ފެސްކޯ ބުނި ގޮތުގައި ޒުވާން ސްކޮޑަކަސް، ބޮޑު ބަޖެޓްގެ ޓީމުތަކާ ދެކޮޅަށް ވެސް ވާދަކުރެވޭނެކަން، އެ ކްލަބުން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ސާބިތުކޮށްދިނެވެ.

ވެލެންސިއާއިން ލީގުގައި އެންމެ ފަހުން މެޗެއް ކުޅުނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މި މަހުގެ އެއްވަނަ ދުވަހު ކުޅުނު މެޗުގައި، ނިއު އަށް ވެލެންސިއާ ކައިރިން މޮޅުވެވުނީ އުނދަގުލުންނެވެ. އެ ޓީމު މޮޅުކޮށްދިނުމުގައި ފެނުނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ތަޖުރިބާ އެވެ.

ފުޓްބޯޅައިގައި ވެލެންސިއާގެ އެންމެ ބޮޑު ވާދަވެރިންނަކީ ނިއު އާއި ވިކްޓަރީ އެވެ. އެ ދެ ކްލަބަށް ވުރެ ވެލެންސިއާގެ ޓީމު ބަލިކަށިކަމަށް ބައެއް މީހުން ފާހަގަ ކުރިޔަސް ފެސްކޯ، އެކަމާ އެއްބަހެއް ނުވެ އެވެ.

ވެލެންސިއާ ބަލިކަށިކަމަށް ބުނާ ފަރާތްތަކަށް ފެސްކޯ އިލްތިމާސް ކުރީ ވެލެންސިއާއިން ނިއުއާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށެވެ.

"ވެލެންސިއާ އާއި ތި ވިދާޅުވާ ސޯ ކޯލްޑް ރައިވަލްސް ނިއު ރޭޑިއަންޓާ އެއްކޮށް އަޅުގަނޑުމެން ކުޅުނު އެ މެޗު ބައްލަވާލެއްވިއްޔާ ތީގެ ޖަވާބު މިހާރު ލިބިފަހެން އޮންނަންވާނީ،" ވެލެންސިއާގެ ކުރީގެ ވާދަވެރި ދެ ކްލަބަށް ވުރެ އެ ޓީމު ބަލިކަށިކަމަށް ބައެއް މީހުން ސިފަކުރާކަން ފާހަގަކޮށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ފެސްކޯ ވާހަކަ ދެއްކި އެވެ.

"މެޗުގައި އިން ޕްރެކްޓިކަލީ [އަމަލީގޮތުން] އަޅުގަނޑުމެން އެ އޮތީ އެއަށް ޖަވާބުދާރީ ވެފަ."

އެ މެޗުގައި ވެލެންސިއާއިން ދެއްކި ކުޅުން މީޑިއާއިން ސިފަކޮށްދޭން ޖެހޭނެ ގޮތެއް އޭނާ އަށް ނުބުނެވޭނެ ކަމަށް ތަޖުރިބާކާރު ބުންޏެވެ.

"ވެލެންސިއާގައި ވަރަށް ޒުވާން ޓީމެކޭ އޮތީ. ނިއު ރޭޑިއަންޓްގައި އޮތީ ވަރަށް ތަޖުރިބާކާރު ބިގް ބަޖެޓް ޓީމެކޭ. ވެލެންސިއާ އޮތީ ތަންކޮޅެއް އާދައިގެ ގޮތެއްގައޭ. (އެކަމަކު) އިން ރިއަލިޓީ ދަނޑުގައި ބެޓްލް ގްރައުންޑްގައި ކޮބާތޯ ތަފާތަކަށް އައި ކަމަކީ. ކިހާވަރެއްގެ ނަތިޖާއެއްތޯ. ނަތީޖާތައް ނުކުތީ ކޮންކަހަލަ ސިޓްއޭޝަނެއްގައި ތޯ. ފުރަތަމަ ލަނޑު އައީ ކިނިނެއްތޯ. ދެވަނަ ލަނޑަކީ ކޮން ކަހަލަ ލަނޑެއްތޯ،" މީޑިއާއިން އެކަންކަން ސިފަ ކުރަން ޖެހޭނެ ގޮތް އޭނާ އަށް ނޭނގޭނެ ކަމަށް ބުނެ ފެސްކޯ ވާހަކަ ދެއްކި އެވެ.

"(އެކަމަކު) މިހުރިހާ އެއްޗެއްގެ ޖަވާބު އަސްލު އަޅުގަނޑުމެން އެ އޮތީ ދަނޑުމަތިން ދައްކާފަ."

ވެލެންސިއާއާ އަބަދުވެސް ގާތް ފެސްކޯ ބުނި ގޮތުގައި އެ ކްލަބުން ޒުވާން ސްކޮޑެއް އޮތަސް ނުކުންނާނީ ވަރުގަދަ ރޫހެއްގަ އެވެ. އެއީ ވެލެންސިއާއިން ދަހަމައްޓަމުން އަންނަ ޒަމާންވީ ޕްރެކްޓިހެއް ކަމަށް އެ ކްލަބްގެ ކުރީގެ ކީޕަރު ބުންޏެވެ.

"ކޮންމެ ބަޔަކު ގޮވައިގެން ނުކުތް ކަމުގައި ވިޔަސް، ކިތަންމެ ކުޑަކުދިންތަކެއް ގޮވައިގެން ނުކުތްކަމުގައި ވިޔަސް ފައިޓިން ސްޕްރިޓެއް ނެތި ވެލެންސިއާ ނުނިކުންނާނެ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އަށް ކުރިއަށް އޮތީ މާދަމާ ރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454