ކޯޗު މަރެސްކާ (މ)، ޗެލްީގެ ޑިލެޕް (ވ) އާއެކު.-- ފޮޓޯ: ގެޓީ އިމޭޖަސް
29 އޮކްޓޯބަރ 2025 - 06:31
ލަންޑަން (އޮކްޓޫބަރު 29) - އިނގިރޭސި ކްލަބް ޗެލްސީން މި ސީޒަންގައި ގެނައި ފޯވާޑް ލިއަމް ޑިލެޕްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
އެއާ އެކު ޗެލްސީގެ ފޯވާޑް ލައިނަށް ދިމާވެފައިވާ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކްލަބުން އުންމީދު ކުރެ އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ 2-1 އިން ސަންޑަލެންޑް އަތުން ބަލިވި މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ޗެލްސީ އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ޑިލެޕް އަށް ވަނީ އަނިޔާގެ ސަބަބުން 10 މެޗު ގެއްލިފަ އެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވުމުން މަރެސްކާ ވަނީ ޗެލްސީން މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ ލީގު ކަޕް މެޗުގެ ސްކޮޑުގައި އޭނާ ހިމަނައިފަ އެވެ.
ޑިލެޕް އަށް އަނިޔާވި މެޗުގައި އޭނާ ދަނޑުން ބޭލުމުގެ ކުރިން ފަރުވާދެނީ.-- ފޮޓޯ: އޭއެފްޕީ
މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަދި ނިއުކާސަލް ޔުނައިޓެޑް ވެސް ފާރަލަމުން ދަނިކޮށް ޗެލްސީން އިޕްސްވިޗް ޓައުންގެ އޭރުގެ ފޯވާޑް، ޑިލެޕް ގެނައީ 40.6 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ. އަދި ކުޅުންތެރިން ކުޅުވާ އޯޑަރުގައި، ޑިލެޕް ބޭނުން ކުރަމުން އައީ 82 މިލިއަން ޑޮލަރުގެ ފޯވާޑް ޔާއޯ ޕެޑްރޯގެ ފަހަތުންނެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ޗެލްސީއަށް ތިން މެޗުން ތިން ގޯލު ޖަހައިދިން ޕެޑްރޯ ވަނީ ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅުނު ފުރަތަމަ ހަތަރު މެޗުން ދެ ގޯލު ޖަހައި ތިން އެސިސްޓް ކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް އޭނާ އަށް ގޯލެއް ޖެހޭ ގޮތެއް ނުވެ އެވެ.
މަރެސްކާ ބުނީޕެޑްރޯއަކީ އެންޒޯ ފެނާންޑޭޒް އާއި މޮއީސެސް ކައިސޭޑޯ ހިމެނޭ ގޮތަށް، ފަރުވާތެރިވާން މުހިއްމު ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށެވެ.
ޑިލެޕް އާއި އެންޒޯ ފެނާންޑޭޒް
"ޔަގީނުން ވެސް ފިޒިކަލީ ރަނގަޅު ހާލަތުގައި ހުރުން މުހިއްމު. އެއީ 100 ޕަސެންޓް ފިޓް ނޫން ކަމަށް ވާނަމަ ވާދަކުރަން އުނދަގޫ ވާނެ، ހާއްސަކޮށް މި ލީގުގަ،" ޕެޑްރޯއާ ގުޅޭގޮތުން މަރެސްކާ ބުންޏެވެ.
"ޔާއޯ ޕެޑްރޯއަކީ އަހަރަކު 20 ގޯލު ޖަހާނެ ސެންޓްރަލް ސްޓްއިކަރުގެ މަގާމަށް ކުޅޭ ކުޅުންތެރިޔެއް ނޫން. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް، އޭނާ ގޯލު ވެސް ޖަހާނެ، އެސިސްޓް ވެސް ކުރާނެ، އޭނާއަކީ ތަފާތު ވައްތަރެއްގެ ނަންބަރު ނައިންއެއް [ސެންޓަ ފޯވާޑް] އަހަރަކު 20 ނޫނީ 25 ގޯލު ޖަހާ [ރޮބާޓް] ލެވަންޑޯސްކީ، [ކިލިއަން] އެމްބާޕޭ ނޫނީ [އާލިން] ހާލަންޑް ފަދަ."
ފޯވާޑުންގެ އިތުރުން ވެސް ޗެލްސީއަށް ވަނީ އިތުރު ގޮންޖެހުންތައް މި ސީޒަންގައި ކުރިމަތިވެފަ އެވެ. އެ ޓީމުގެ ކޯލް ޕާމާ މިހާތަނަށް ސްޓާޓް ކޮށްފައި ވަނީ ދެ މެޗުގަ އެވެ. އަދި އަނިޔާއިން ރަނގަޅުވެގެން ޑިސެމްބަރުގެ ކުރިން އޭނާއަށް ކުޅުމުގެ ތެރެއަށް ނާދެވޭނެ އެވެ.
ޑިލެޕް އާއި ޔާއޯ ޕެޑްރޯ
ބޮރޫޝިއާ ޑޯޓްމަންޑުން 66.25 މިލިއަން ޑޮލަރަށް ގެނައި ވިންގާ ޖެމީ ބިނޯއި-ގިޓެންްސް މިހާތަނަށް ކުޅުނު 10 މެޗުން އެއްވެސް ގޯލެއްގައި ހިއްސާ ވެފައި ނުވެ އެވެ. ޖުމުލަ 54 މިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑުން ގެނައި އަލެހަންދްރޯ ގާނާޗޯ ކުޅުނު ހަތް މެޗުން ޖެހުނީ އެންމެ ގޯލެކެވެ.
އެސްޓަވާއޯ ވިލިއަން 65 މިލިއަން ޑޮލަރުގެ އަގަކަށް ޗެލްސީއަށް ބަދަލުވެ ރަނގަޅު ކުޅުމެއް ދައްކާފައި ވިޔަސް އޭނާއަށް މިހާތަނަށް އަދި ހިއްސާ ވެވުނީ ދެ ގޯލާއި އެއް އެސިސްޓުގަ އެވެ. ޗެލްސީގެ އެކަޑަމީ ގްރެޖުއޭޓް ތައިރިގް ޖޯޖް ވެސް ވަނީ ދެ ގޯލު ޖަހައި އެސިސްޓެއް ކޮށްފަ އެވެ. އަދި ސްޓްރައިކަރު މާކް ގިއޫ އާއި ބްރައިޓަންއިން ލޯނުގައި ގެނައި ފަކުންޑޯ ބޫނަނޯޓޭ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
މީގެ އިތުރުން މިދިޔަ ސީޒަންގައި ހަތް ގޯލު ޖެހި ލެފްޓް ބެކް މާކް ކުކުރެލާ އަދި މިސީޒަންގައި ގޯލެއް ނުޖަހަ އެވެ. ވިންގާ ޕެޑްރޯ ނެޓޯ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ގޯލެއް ޖަހައި ދެ އެސިސްޓް ކޮށްފަ އެވެ. ނަމަވެސް އޭގެ ކުރީ 10 މެޗުން އޭނާއަށް ޖެހުނީ އެންމެ ގޯލެކެވެ.
މި ސީޒަންގައި މިހާތަނަށް 13 މެޗު ކުޅެފައި ވާއިރު، ދެ ގޯލަށް ވުރެ ގިނައިން ޗެލްސީގެ އެއްވެސް ފޯވާޑަކަށް ގޯލެއް އަދި ނުޖެހެ އެވެ. އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އެންޒޯ ފެނާންޑޭޒް އާއި ކައިސެޑޯ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy