30 އޯގަސްޓް 2025 - 23:23
ލަންޑަން (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި 2-0 އިން ފުލަމް ބަލިކުރި މެޗުގައި، ޗެލްސީގެ ފޯވާާޑް ލިއަމް ޑިލެޕް އަށް އަނިޔާވުމާ ގުޅިގެން، ނިކޮލަސް ޖެކްސަން ލޯނު އުސޫލުން ބެޔާން މިއުނިކަށް ނުފޮނުވާން ޗެލްސީ ނިންމައިފި އެވެ.
ރެކޯޑް ލޯން ފީއެއް ކަމަށްވާ 13 މިލިއަން ޕައުންޑަށް ޖެކްސަަން ބެޔާން މިއުނިކަށް ފޮނުވަން ޗެލްސީން ކުރިން އެއްބަސްވި އެވެ. މީގެ އިތުރުން 56.2 މިލިއަން ޕައުންޑަށް އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ވެސް ޗެލްސީން ވަނީ ބެޔާންއާ އެކު އެއްބަސްވެފަ އެވެ.
ނަމަވެސް މިރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޑިލެޕްގެ ފަލަމަސްގަނޑަށް ކުރިމަތިވި އަނިޔާއާ ގުޅިގެން، ޗެލްސީގެ ލީޑާޝިޕާއި ކޯޗު އެންޒޯ މަރެސްކާގެ މަޝްވަރާތަކަށް ފަހު ކްލަބުން ނިންމީ އުމުރުން 24 އަހަރުގެ ޖެކްސަން ޓީމުގައި މަޑުކުރުވުމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޖެކްސަން ވަނީ 2033 ގެ ނިޔަލަށް ޗެލްސީގައި ހުންނަން ކޮންޓްރެކްޓް އާކޮށްފަ އެވެ.
ޖެކްސަން.--
"ދެ ސްޓްރައިކަރުން ތިބިއްޔާ އެވަރުން ފުދޭ. އެކަމަކު އެކަކު އަނިޔާގައި ހުރެއްޖެ ނަމަ އެވަރުން ނުފުދޭ،" މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޑިލެޕްގެ އަނިޔާއާ ގުޅޭގޮތުން މަރެސްކާ ބުންޏެވެ.
"ޑިލެޕްގެ އަނިޔާ އަދި ފެންނަނީ ގޯސްކޮށް. އޭނާ ދިޔައީ ފުލް ސްޕީޑުގައި، ފަލަމަސްގަނޑުގެ އަނިޔާއިން ރަނގަޅުވާން ގިނަ ހަފްތާތަކެއް ބޭނުންވާނެ."
ޖެކްސަން އާއި ޑިލެޕްގެ އިތުރުން ޗެލްސީގައި މިވަގުތު ހުރީ ޖާއޯ ޕެޑްރޯ އެވެ. ޗެލްސީ ވަނީ އިއްޔެ 32 މިލިއަން ޕައުންޑަށް ކްރިސްޓޮފާ އެންކޫންކޫ އޭސީ މިލާނަށް ވިއްކާލައި، 40 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ އަލެހަންދްރޯ ގާނާޗޯ ގަނެފަ އެވެ.
ޑިލެޕްގެ އަނިޔާއާ ގުޅިގެން ޗެލްސީން ޖެކްސަން ބަހައްޓަން ބޭނުން ވިޔަސް އޭނާ ބޭނުމީ ބެޔާން މިއުނިކަށް ބަދަލުވާން ކަމަށް މީޑީއާތަކުން ރިޕޯޓް ކުރެ އެވެ. ފާއިތުވި ދެ ސީޒަންގައި 81 މެޗުން 30 ގޯލު ޖަހާފައިވާ ޖެކްސަން މި ސީޒަނުގައި އަދި ޗެލްސީއަށް މެޗެއް ނުކުޅެ އެވެ.
ސްޓޭމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން ފުލަމް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުގެ ދިގު ރިވިއު އަށް ފަހު ވަނީ ގޯލް ކެންސަލް ކޮށްލާފަ އެވެ. މިއާ ގުޅިގެން ފުލަމްގެ ކޯޗު މާކޯ ސިލްވާ ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ.
ފުލަމްއާ ދެކޮޅަށް ޗެލްސީގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފު ނިމެނިކޮށް ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. އަދި ދެވަނަ ހާފުގައި ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލެއްގި ސިޓީ ފޭންސް
31 August 2025
ވީއޭއާރްއިން ފުޓްބޯޅަ ހަލާކުކޮށްފި.