31 އޮކްޓޯބަރ 2025 - 06:20
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕޯލް ސްކޯލްސް ދަރިފުޅަށް ވަގުތު ދޭން ބޭނުންވާތީ މީޑިއާ އަދި ކޮމެންޓްރީގެ މަސައްކަތް ހުއްޓާލައިފި އެވެ.
ސްކޯލްސްގެ ކުރީގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ. އަންހެން ދަރިފުޅު އެލީސިއާ ސްކޯލްސް އަކީ އިންގްލެންޑްގެ ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ. ދެ ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ.
ސްކޯލްސްގެ ދުވަސްވީ ކައިވެނި ރޫޅުނު ނަމަވެސް އޭނާ އާއި ކުދިންގެ މަންމަ އަންނަނީ ކެތްތެރިކަމާ އެކު އުމުރުން 20 އަހަރުގެ އެއިޑެން ސްކޯލްސް ބަލަހައްޓަމުންނެވެ.
މިހާރު އުމުރުން 50 އަހަރުގެ ސްކޯލްސް ވަނީ މީޑިއާގައި މަސައްކަތް ކުރުމުގެ ކުރިން 2013 ވަނަ އަހަރު ރިޓަޔާ ވުމަށް ފަހު ކޯޗުކަން ވެސް ކޮށްފަ އެވެ.
"މިހާރުން ފެށިގެން އަހަރެން ކުރާ ހުރިހާ ކަމެއް ވެސް ބައްޓަން ވާނީ އޭނާ ވަށައިގެން،" ފުޓްބޯޅަ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސްކޯލްސް ބުންޏެވެ.
"އަހަރެން ސްޓޫޑިއޯ މަސައްކަތް ކުރާނަން، އެކަމަކު އެ ކަންކަން ވެސް ކުރެވޭނީ އޭނާގެ ދުވަސް އޮންނަ ގޮތަކަށް ބަލާފައި. އެއީ މިދިޔަ ސީޒަންގައި އަހަރެން ޖެއްސީ މެންޗެސްޓާ ޔުނައިޓެޑްގެ ޔޫރޮޕާ ލީގު މެޗުތައް، އެ ރޭތަކުގައި އަހަރެން އޭނާ ކައިރީގައި ހުންނަން ބޭނުންވާނެ. އެހެންވެ [އަހަރެން ކައިރީގައި ނެތުމުން] އޭނާއަށް ވަރަށް ބައިވަރު އުނދަގޫތަކެއް ވެސް ވެފައި އެބަހުރި."
ސްކޯލްސް ވަނީ އޭނާ ކުޅުނު ދުވަސްވަރު ދަރިފުޅުގެ ހާލަތު އެނގުނު ފުރަތަމަ ދުވަސްކޮޅު މި ކަން ސިއްރު ކޮށްފަ އެވެ. އަދި އެ ދުވަސްވަރު ކޯޗު ސާ އެލެކްސް ފާގަސަން، ސްކޯލްސް ޔުނައިޓެޑްގެ ސްޓާޓިން އިން ވެސް ބޭރުކުރި ކަމަށް ސްކޯލްސް ވަނީ ބުނެފަ އެވެ.
ސްކޯލްސް ބުނީ ކުޅުނު ދުވަސްވަރު ދަރިފުޅު އޯޓިޒަމް ހުންނަކަން އެނގުނީ އޭނާގެ އުމުރުން ދެ އަހަރާ ބައިގައި ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް ގޯހެއް އުޅޭކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އެ ކަން އެނގުނު ފަހުން އޮތް ފުރަތަމަ މެޗަކީ ޑާބީ މެޗެއް. އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނުވި ދާކަށް ހަގީގަތުގައި. އަދި ހަނދާންވޭ އޭގެ ޖެހިގެން އައި ހަފުތާ އަށް މެނޭޖަރު އަހަރެން ބަދަލުކުރީ ބެންޗަށް،" ޔުނައިޓެޑުން 1999 ސީޒަންގައި ޓްރެބްލް ނެގި ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ސްކޯލްސް ބުންޏެވެ.
"އަހަރެން މިވާހަކަ ނުބުނަން އެއްވެސް މީހެއް ގާތު. އެކަމަކު އޭގެ ދެތިން ހަފުތާއެއް ފަހުން އަހަރެންނަށް އެވާހަކަ ކިޔައިދޭން މަޖުބޫރުވީ. މިހާރު އަހަރެންގެ ސިކުނޑީގައި އަބަދު އޮންނަ ކަމަކީ އަހަރެން ނެތް ދުނިޔެއެއްގައި އޭނާ އަށް ވާނީ ކިހިނެއްބާއޭ."
މުޅި ކެރިއަރު ޔުނައިޓެޑްގައި ހޭދަކުރި ސްކޯލްސް ވަނީ އެ ކްލަބަށް 716 މެޗު ކުޅެދީ 155 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 66 މެޗު ކުޅެދީ 14 ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޅޯބި
31 October 2025
ކޮންމެދީނަކަށްވިޔަސް ކޮންމެ ނަސްލަކަށްވިޔަސް.. މިވާހަކައިން ހާމަވީ ދަރިންނަށްޓަކައި ބައްޕައިންގެ ހިތުގައި އޮތް ލޯބި... މިފަދަ މައިންބަފައިން އަދިވެސް އެބަތިބިކަން....