ކުޅިވަރު / ފީފާ

ޕީއެސްޖީން ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި

18 ޑިސެމްބަރ 2025 - 08:50

ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ފީފާ އިން އިންޓަ ކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި އެވެ.

ޕީއެސްޖީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި، ބްރެޒިލްގެ ފްލަމެންގޯ އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗު 1-1 އިން އެއްވަރު ވުމުން ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

ފުރަތަމަ ހާފުގައި ކިވިޗާ ކްވަރަޓްސްކޭލިއާ ޕީއެސްޖީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ފްލަމެންގޯ އެއްވަރު ކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ޖާމިޔާބު ކުރީ ކުރިން ޗެލްސީއަށް ކުޅުނު މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.

ޕީއެސްޖީގެ ގޯލު ބެލެހެއްޓި ރަޝިއާގެ މަޓްވޭ ސޮފޮނޯވް ވަނީ ޕެނަލްޓީގައި ފްލަމެންގޯގެ ހަތަރު ޕެނަލްޓީ ހުއްޓުވައިފަ އެވެ. އޭގެތެރޭގައި މި އަހަރު އެތުލެޓިކޯ މެޑްރިޑް ދޫކޮށް ފްލަމެންގޯ އަށް ބަދަލުވި ސައުލް ނިގޭޒްގެ ޕެނަލްޓީ ވެސް ހިމެނެ އެވެ. ޖޯޖީނިއޯ ވަނީ މެޗުގެ 75 ވަނަ މިނިޓުގައި ބާލައިފަ އެވެ. ފްލަމެންގޯ އަށް ކާމިޔާބުވީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ އެވެ.

ޕީއެސްޖީން ވިޓީނިއާ އާއި ނޫނޯ މެންޑޭޒްގެ ޕެނަލްޓީ ކާމިޔާބު ކުރި އިރު، ބްރެޑްލީ ބާކޮލާ އާއި މި އަހަރު ބެލޮންޑިއޯ އާއި ފީފާ ބެސްޓް އެވޯޑް ހޯދި އުސްމާން ޑެމްބެލޭގެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ޑެމްބެލޭގެ އިތުރުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް ވަނީ ބެލޮންޑިއޯ އާއި ފީފާ ބެސްޓް އެވޯޑް ހަފްލާގައި ވެސް އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދައިފަ އެވެ.

ފްލަމެންގޯގެ ކޯޗަކީ ކުރިން އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ އަދި ބްރެޒިލް ގައުމީ ޓީމަށް ވެސް ކުޅުނު ލެފްޓް ބެކް ފިލިޕޭ ލުއިޒް އެވެ. މިދިޔަ އަހަރު އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ އޭނާ ވަނީ އެ ޓީމަށް ބްރެޒިލްގެ އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

މީގެ އިތުރުން، މި އަހަރު، އޭނާގެ ފުރަތަމަ ފުލް ސީޒަނުގައި ވަނީ ބްރެޒިލް ސުޕަ ކަޕާއި ރިއޯ ޑި ޖެނީރޯ ސްޓޭޓް އެއްވަނަ ޑިވިޝަން ލީގުގެ އިތުރުން، ބްރެޒިލް އެއްވަނަ ޑިވިޝަން ލީގާއި ދެކުނު އެމެރިކާ ސަރަހައްދުގެ ކޮޕާ ލިބަޓަޑޯރެސް ވެސް ކާމިޔާބު ކޮށްފަ އެވެ. މި މުބާރާތުން އެ ޓީމަށް ފުރުސަތު ލިބުނީ ލިބަޓަޑޯރެސް ކާމިޔާބު ކުރުމުންނެވެ.

މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ވެސް ފްލަމެންގޯ ވަނީ ވާދަ ކޮށް، ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އެ މުބާރާތުގައި ޕީއެސްޖީ ވަނީ ފައިނަލްގައި ޗެލްސީ އަތުން ބަލިވެފަ އެވެ.

އިންޓަ ކޮންޓިނެންޓަލް ކަޕަކީ ޕީއެސްޖީ މި އަހަރު ކާމިޔާބުކުރި ހަ ވަނަ މުބާރާތެވެ. މިދިޔަ ސީޒަންގެ ފްރާންސް ސުޕަ ކަޕާއި އެފްއޭ ކަޕް އަދި ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވާއިރު، މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޔޫއެފާ ސުޕަ ކަޕް ވެސް ޕީއެސްޖީ ވަނީ ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން އަހަރަކު ހަ ތަށި އުފުލާފައި ވަނީ ދެ ކްލަބެވެ. އެއީ 2009 ގައި ބާސެލޯނާ އަދި 2020 ވަނަ އަހަރު ބެޔާން މިއުނިކްގެ.

ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕަކީ ކުރިން ކްލަބް ވޯލްޑް ކަޕް ނަމުގައި ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް 2023 ވަނަ އަހަރު، މުޅިން އާ ފޯމެޓުގައި ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމުމުން، ކުރިން ބާއްވަމުން އައި ފޯމެޓުގައި އިންޓަ ކޮންޓިނެންޓަލް ކަޕް ބާއްވަން ފެށީ މިދިޔަ އަހަރެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454