ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިން އުފާފާލު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 ޑިސެމްބަރ 2025 - 08:34
ވާދަވެރި މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުމަކަށް ފަހު ރާއްޖޭން ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓްގައި ކިރިގިސްތާން މޮޅުވީ 25-15 އިންނެވެ. ތަފާތު ބޮޑުކޮށް ކިރިގިސްތާނުން މޮޅުވިޔަސް، އެ ހިތްހަޖެހުމެއް ދެން އައި ސެޓްތަކުގައި އެ ޓީމަކަށް ނުހޯދުނެވެ.
އަނެއް ތިން ސެޓް ރާއްޖޭން ކާމިޔާބު ކުރީ ވަރުގަދަ ފައިޓަކަށް ފަހު އެވެ. ކިރިގިސްތާނުން ރާއްޖެއަށް ވަރުގަދަ ޗެލެންޖެއް ދިނެވެ. އެކަމަކު ދިވެހި ޓީމުން ދޫނުދީ ތިން ސެޓް ވެސް ކާމިޔާބު ކުރި އެވެ.
އެ ތިން ސެޓް ދިޔައީ 25-23، 25-19 އަދި 25-22 ންނެވެ.
ރައުންޑް ރޮބިންގައި ކުޅުނު ތިން މެޗު ވެސް ރާއްޖޭން ކާމިޔާބުކޮށް އެއްވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ކިރިގިސްތާނަށް ހަ ޕޮއިންޓެވެ.
އިއްޔެ ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ކާމިޔާބު ހޯދި އަފްޣާނިސްތާނުން ވަނީ ރޭންކިންގެ ތިންވަނަ ހޯދައިފަ އެވެ.
އަފްޣާނުން އެ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 25-20، 25-21، 21-25 އަދި 25-16 އިންނެވެ.
ސެމީ ފައިނަލުގައި ރާއްޖޭން ވާދަކުރާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. ކިރިގިސްތާނާއި އަފްޣާންގެ ސެމީގެ މެޗު އޮންނާނީ މާދަމާ ރޭގަ އެވެ.
ސެމީން ބަލިވި ދެ ޓީމުގެ މެޗުގައި ތިންވަނަ ހޯދާ ޓީމު ކަނޑައަޅަން ކުޅޭ ލޯ މެޑަލް މެޗު ބުރާސްފަތި ދުވަހު ހަވީރު އޮންނާނެ އެވެ. ފައިނަލު މެޗު އޮންނާނީ އެ ރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
23 December 2025
މިޤައުމުގެ އަންހެންދަރީންއަސްލު މާކުޅަދާނަ. ކޮންމެދިމައަކަށް ބަލާލިޔަސް ކުރީސަފުގަ އަންހެންދަރީން. ކޮލެޖް ގްރެޖްއޭޝަންތަކުގެ %70، ޓީޗަރުންގެ %90، މިހެންގޮސް ކިޔާނެކަމެއްނެތް. ކުޅިވަރުތަކުގަވެސް އެވެރިންމާކުޅަދާނަ. ފިރިހެނުންގެކަމަކީ ކެފޭތަކުގަ އަނގަތަޅަން މުޅިދުވަސް ވޭސްޓްކުރުން.
ޝޫލީ
23 December 2025
ތިބުނީ ވަރަށްބޮޑު ހަގީގަތެއް
ކެފޭ
23 December 2025
އެކަމުވެސް ގާނޫނަކުން ދަނޑިމާރު އަޅައިގެން ސިޔާސީ ދާއިރާގައި ވާދަ ކޮށްލެވޭ ވަރުވަނީ…