24 ޑިސެމްބަރ 2025 - 14:52
އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗު ޑިއޭގޯ ސިމިއޯނީގެ މުސާރަ އިތުރަށް ބޮޑު ކުރަން އެތުލެޓިކޯ މެޑްރިޑުން ހުށަހަޅައިފި އެވެ.
ސިމިއޯނީގެ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ވަނީ ހުށަހަޅައިފަ އެވެ. ޑިސެމްބަރު 2011 ގައި އެތުލެޓިކޯއާ ހަވާލުވި ކޯޗު އެ ޓީމާ އެކު ކޮންޓްރެކްޓް އާ ކުރަން ތައްޔާރު ވަނީ ނުވަވަނަ ފަހަރަށެވެ. މިހާރު އޮތް ކޮންޓްރެކްޓްގެ ދަށުން ސިމިއޯނީ އަށް މުސާރައިގެ ގޮތުގައި ދެނީ އަހަރަކަށް 40 މިލިއަން ޑޮލަރެވެ. އާ އެއްބަސްވުމުގައި އޭނާ ސޮއި ކުރުމުން، އަހަރަކު 47 މިލިއަން ޑޮލަރު އޭނާ އަށް ދޭނެ އެވެ.
ސިމިއޯނީގެ 14 އަހަރުގައި އޭނާ ވަނީ ލަލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. އަދި ޔޫރޮޕާ ލީގު ދެ ފަހަރު ޔޫއެފާ ސުޕަ ކަޕް ވެސް ދެ ފަހަރު ހޯދި އެވެ.
ސިމިއޯނީ ފާހަގަވެފައި ވަނީ ސްޕެއިންގައި ރެއާލް މެޑްރިޑާއި ބާސެލޯނާއިން އެކަނި ދަމަހައްޓަމުން އައި ނުފޫޒަށް ނިމުން ގެނައި ކޯޗުގެގެ ގޮތުގަ އެވެ.
އަދި އޭނާ އެ ކްލަބްގައި ދެމެހެއްޓި އަނެއް ފިލޯސަފީއަކީ، އާދައިގެ އަގުތަކުގައި ކުޅުންތެރިން ގަތުމަށް ފަހު އެ ކުޅުންތެރިންގެ ފެންވަރު މަތިކޮށް ބޮޑު އަގުގައި ވިއްކާލުމެވެ. އޭގެ ސަބަބުން އެތުލެޓިކޯގެ އާމްދަނީ ވެސް މައްޗަށް ޖެހިލި އެވެ.
އެތުލެޓިކޯގެ މެޖޯރިޓީ ހިއްސާ، އެމެރިކާގެ އެޕޯލޯއިން އިން ވަނީ ގަނެފަ އެވެ.
- ޑިއޭގޯ ސިމިއޯނީ (އެތުލެޓިކޯ މެޑްރިޑް) – 40 މިލިއަން ޑޮލަރު
- ސިމޯނޭ އިންޒާގީ (އަލް ހިލާލް) – 29.8 މިލިއަން ޑޮލަރު)
- ޖޯސެފް ޕެޕް ގާޑިއޯލާ (މެންޗެސްޓާ ސިޓީ) – 29.2 މިލިއަން ޑޮލަރު
- މިކަލް އާޓެޓާ (އާސެނަލް) - 22 މިލިއަން ޑޮލަރު
- ޑޭވިޑް މޮއިސް (އެވަޓަން) - 17 މިލިއަން ޑޮލަރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy