މި މަހުގެ 13 އިން 25 އަށް ތައިލެންޑުގައި ބާއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރުމަށްޓަކައި، ރާއްޖޭގެ ފުރަތަމަ ގައުމީ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމު އެކުލަވައިލުމުގެ މަގްސަދުގައި އެފްއޭއެމުން މިދިޔަ މަހު ވިމެންސް ފުޓްބޯލް ލީގު ބޭއްވި ނަމަވެސް އެ މުބާރާތުގައި ފުލުހުންގެ ތެރޭގައި އުޅޭ ކުޅުންތެރިން ކުޅުން އެ އިދާރާ އިން ވަނީ މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ލީގު ކުރިއަށް ގެންދަން ޖެހުނީ އެ ފުލުހުންގެ ކުޅުންތެރިންނާ ނުލަ އެވެ.
ނަމަވެސް ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެ ކުޅުންތެރިންނަށް ވެސް ފުރުސަތު ދީގެންނެވެ. އޭގެ ތެރެއިން ދެ ކުޅުންތެރިން ވަނީ ފައިނަލް ސްކޮޑުގައި ހިމަނައިފަ އެވެ. އެއީ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ހިމެނޭ މަރިޔަމް ރިފާ އާއި ރާނިޔާ އިބްރާހިމް އެވެ.
ގައުމީ ފުޓްސަލް ޓީމަށް 14 ކުޅުންތެރިން ނަގާފައި ވާއިރު، މުޅިންހެން ހިމެނެނީ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިންނެވެ. މުޅިން އަލަށް ގައުމީ ޓީމަށް ހޮވިފައި ވަނީ، މިދިޔަ މަހު އޮތް އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓަށް ކުޅުނު ފާތިމަތު ފައިހާ އަލީ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ފުޓްސަލް ޓީމް:
- ފާތިމަތު އަފްޒާ (މާޒިޔާ)
- ފާތިމަތު ސާލިޔާ (އޮޑި)
- ފާތިމަތު ސައުސަން - ގޯލްކީޕަރު (ވިކްޓަރީ)
- މަރިޔަމް ރިފާ
- ފާތިމަތު އިނާޝާ އާދަމް (އޮޑި)
- ރާނިޔާ އިބްރާހިމް
- ސާއިގާ ހުސެއިން - ގޯލްކީޕަރު (އޮޑި)
- އާމިނަތު ފަޒްލާ (ނިއު ރޭޑިއަންޓް)
- ފާތިމަތު ސައިނާ (ވިކްޓަރީ)
- މަރިޔަމް ނޫރާ (ނިއު ރޭޑިއަންޓް)
- ފާތިމަތު ފައިހާ އަލީ (ނިއު ރޭޑިއަންޓް)
- އާމިނަތު ޝާމިލާ (އޮޑި)
- މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ (ވިކްޓަރީ)
- ހައްވާ ހަނީފާ (ނިއު ރޭޑިއަންޓް)
ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކްލަބް މޯލްޑިވްސްގައި ޕޮލިސް ކްލަބްގެ އަންހެން ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އެސިސްޓެންޓް ކޯޗަކީ، ބިސް ބުރު ސްޕޯޓްސްގެ ކޯޗު މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އާމިނަތު ސިޔާނާ އެވެ.
ސިޔާނާ ވަނީ ވިމެންސް ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗުކަން ކޮށްފަ އެވެ. ލީގުގެ ތިންވަނަ ހޯދި ވިކްޓަރީ އަކީ އަންހެން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅުނު ހަމައެކަނި ޓީމެވެ. އަދި އެ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ވެސް މުޅިން ހިމެނުނީ އަންހެނުންނެވެ.
ފުޓްސަލް ޗެމްޕިއަންޝިޕްގައި ހަތް ގައުމެއް ވާދަ ކުރެ އެވެ. މި މަހުގެ 13 ގައި މުބާރާތް ފަށާނީ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުންނެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ އަށް ފަހު، ޕާކިސްތާނާއި ބޫޓާން އަދި ސްރީ ލަންކާއާ ވާދަކޮށް ފަހު މެޗުގައި ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ފިރިހެން ފުޓްސަލް ގައުމީ ޓީމު ވެސް އަންނަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުންނެވެ. ފިރިހެން ޓީމު ފައިނަލް ކުރާނީ އުޒްބަކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން މިވަގުތު ޗައިނާގައި ކުރިއަށް ގެންދާ ޓްރީނިން ކޭމްޕަށް ފަހު އެވެ.