މެންޗެސްޓާ (ޖެނުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް، ބްރައިޓަންއާ ވާދަކޮށް 2-1 އިން ބަލިވެއްޖެ އެވެ.
މިއާއެކު ޔުނައިޓެޑް މި ވަނީ އިންގްލެންޑްގެ ޑޮމެސްޓިކް ދެ މުބާރާތުން ވެސް ވާދަކުރި ފުރަތަމަ ބުރުން ކަޓައިފަ އެވެ. ލީގް ކަޕުން ކެޓީ އެ މުބާރާތުގެ ދެވަނަ ބުރުގައި ގްރިމްސްބީ ޓައުންއާ ވާދަކޮށް 2-2 އިން އެއްވަރުވެގެން ޕެނަލްޓީގައި 12-11 އިންނެވެ.
ރޭގެ މެޗުގައި ބްރައިޓަން ވަނީ 12 ވަނަ މިނިޓުގައި ބްރާޔާން ގްރޫޑާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ދެވަނަ ހާފުގައި ދެވަނަ ގޯލު 64 ވަނަ މިނިޓުގައި ޖަހައިދިނީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކް އެވެ.
ޔުނައިޓެޑްގެ ހަމައެކަނި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ބެންޖަމިން ސެސްކޯ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ޝިއާ ލޭސީ އަށް ވަނީ ދެ މިނިޓް ތެރޭ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ބްރައިޓަން ވަނީ މިދިޔަ އޮކްޓޫބަރު މަހު ލީގް ކަޕްގެ ހަތަރު ވަނަ ބުރުގައި އާސެނަލްއާ ވާދަކޮށް ބަލިވެގެން އެ މުބާރާތުން ކަޓައިފަ އެވެ. މިއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ދެން މި ސީޒަންގައ އޮތީ ލީގުގައި ނަތީޖާ ހޯދުމެވެ. ލީގުގައި މިވަގުތު ހަތްވަނައިގައި އޮތީ ހަތަރުވަނައާ ތިން ޕޮއިންޓްގެ ތަފާތުންނެވެ.
އެފްއޭ ކަޕްގައި އާސެނަލް ވަނީ ރޭ ރަށުން ބޭރުގައި ޕޯޓްސްމަތާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ. ޕޯޓްސްމަތުން ތިންވަނަ މިނިޓުގައި ލީޑު ނެގި ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ބައިކޮޅަށް ވަން ގޯލަކުން ވަނީ ނަތީޖާ އެއްވަރު ވެފަ އެވެ. އާސެނަލްގެ އަނެއް ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ ގެބްރިއެލް މާޓިނެއްލީ އެވެ. ފުރަތަމަ ހާފުގައި އާސެނަލް އަށް ލީޑު ހޯދައިދިނުމަށް ފަހު ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގައި ޖެހި ދެ ގޯލުންނެވެ.
ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ވެސް ވަނީ ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްގެން ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިރޭ މި މުބާރާތުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބާންސްލީއާ ދެކޮޅަށް ނުކުންނާނެ އެވެ.