ފުޓްސަލް އޭގެ ހަގީގީ ސިފައިގައި ރާއްޖޭގައި ތަރައްގީވާން ޖެހޭ ކަމަށް ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް ބުނެފި އެވެ. 

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ފިރިހެން ޓީމުގެ ކޯޗުކަމާ ހަވާލުވި ޒަކިރޯވްގެ ބެލުމުގެދަށުން ރާއްޖޭން މަހެއްހާ ދުވަހުގެ މުއްދަތަކަށް ޕްރެކްޓިސް ކުރީ، މިނީ ޓާފް ދަނޑެއްގަ އެވެ. އޭގެ ފަހުން ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަކަށް ޗައިނާގައި އިންޑޯގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ އެވެ. 

ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗު ވެސް ތަފާތު ބޮޑުކޮށް މޮޅުވެ، ދިވެހި ޓީމު އޮތީ ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގެ އެއްވަނައިގަ އެވެ. 

ޒަކިރޯވް ބުނީ ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވުމުން އެހެން ޓީމުތަކުން ރާއްޖެއާ މެދު ސީރިއަސްކޮށް ވިސްނަން ފަށައިފި ކަމަށެވެ. އެހެންވެ ކުރިއަށް އޮތް މެޗުތަކުގައި ދިވެހި ޓީމު ވެސް ފަރުވާތެރިވެ ކުރިއަށްދާން ޖެހޭ ކަމަށް، ޕީއެސްއެމްއަށް ދިން އިންޓަވިއުގައި ޒަކިރޯވް ބުންޏެވެ.  

"އަހަރުމެން ޖެހޭނެ އިތުރަށް ސަމާލުވާން. ސަބަބަކީ މިހާރު އެހެން ޓީމުތަކަށް އެނގިއްޖެ އަހަރެމެންނަކީ ވަރުގަދަ ޓީމެއްކަން. އެހެންވީމަ ކުރިއަށް ހުރި މެޗުތަކަށް 100 ޕަސަންޓް މަސައްކަތް ކުރަން ޖެހޭ،"  އޭނާ ބުންޏެވެ. 

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް މިހާރު ދެކެނީ ރާއްޖެ އެވެ. ޒަކިރޯވް ބުނީ މޮޅުވުން ނޫން އެހެން ގޮތެއް ރާއްޖެ އަށް ނެތް ކަމަށެވެ.

އުޒުބެކިސްތާނުގެ އަންހެން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކުރާ ޒަކިރޯވް ބުނިގޮތުގައި ރާއްޖޭގައި ފުޓްސަލް އޮތީ މިނީ ފުޓްބޯޅައިގެ ގޮތުގައެވެ.. މުބާރާތް ކާމިޔާބުކޮށްފިނަމަ "ހަގީގީ ފުޓްސަލް" ގެ ގޮތުގައި މި ގޭމް ރާއްޖޭގައި ތަރައްގީ ކުރަން ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ އުއްމީދު ކުރެ އެވެ. 

"އަހަރެމެން މޮޅުވެއްޖެނަމަ އަހަންނަށް ހީވަނީ ރާއްޖޭގައި ފުޓްސަލް ތަރައްގީވެގެންދާނެހެން ހަގީގީ ފުޓްސަލްގެ ގޮތުގައި. (ފުޓްސަލް ތަރައްގީވާން ޖެހޭނީ) މިނީ ފުޓްބޯޅައިގެ ގޮތުގައެއް ނޫން. ހަގީގީ ފުޓްސަލްގެ ގޮތުގައި ތަރައްގީވާން ޖެހޭނީ،" އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ލީގުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ތަޖުރިބާކާރު ބުންޏެވެ. 

ރާއްޖޭގައި ގިނަ އަދަދެއްގެ ފުޓްސަލް މުބާރާތްތަކެއް ބޭއްވި ނަމަވެސް އިންޑޯއެއް ނެތެވެ. ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ.

ފުޓްސަލް އަންހެން އޭޝިއަން ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އިރުޝާދު ދިން ޒަކިރޯވް ބުނީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމަށް ވެސް ބޭނުން ވަނީ އިންޑޯގެ ތަމްރީނު ކޭމްޕަކާއި މެޗުތަކެއް ކުޅެ ތަޖުރިބާތަކާ އެކު ކުރިއަށް ދިއުން ކަމަށެވެ. 

ޒަކީރޯވް، ރާއްޖޭގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާނީ މުބާރާތުގެ ނިޔަލަށެވެ. އެއަށް ފަހު އަނެއްކާވެސް އޭނާ ދާނީ އުޒްބެކިސްތާނުގެ ލީގަށެވެ. ރާއްޖޭގެ ކޯޗުގެ ގޮތުގައި މުބާރާތް ނިމެންދެން އޭނާ މަސައްކަތް ކުރަން އޭނާ ކޯޗުކޮށްދޭ ކްލަބުން ވަނީ ރިލީޒް ދީފަ އެވެ.