ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ ފެންވަރު މަތިކުރަން އިތުރު ފުރުސަތުތައް ހޯދަން މަސައްކަތް ކުރާނެކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ. 

ފުޓްސަލްއަކީ ފުޓްބޯޅައިގެ އެއް ފިތެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ފުޓްސަލްގެ މައި އިދާރާއަކީ ވެސް ފީފާ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ފުޓްސަލް އޮތީ ގައުމީ ފުޓްބޯޅަ އިދާރާގެ ޓަޗްލައިނުން ބޭރުގަ އެވެ. 

ސާފް ފުޓަސަލް ޗެމްޕިއަންޝިޕްގެ ކާމިޔާބަށް ފަހު، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ތޯރިގް ވިދާޅުވީ ފުޓްސަލްގެ ކުޅުންތެރިންގެ ކުރިއެރުމަށް އެފްއޭއެމުން އިތުރު ފުރސަތުތައް ހޯދާނެ ކަމަށެވެ. މި އަހަރު އެފްއޭއެމުން ނެރުނު ފުޓްބޯޅަ ކަލަންޑަރުގައި ވަނީ ފުޓްސަލްގެ އިތުރުން ބީޗް ސޮކާގެ މުބާރާތް ބާއްވަން އިއުލާންކޮށްފަ އެވެ. 

ފުޓްސަލްގެ ގައުމީ ފެންވަރުގެ މުބާރާތް މި ސީޒަނުގައި ބާއްވަން، އެފްއޭއެމުން އިއުލާންކުރާނެކަން، ތޯރިގް ވަނީ ތަކުރާރު ކުރައްވާފަ އެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ ކިބައިގައި ހުނަރު ހުރި ކަމަށެވެ. ތަޖުރިބާކާރު ބިދޭސީ ކޯޗެއްގެ އެހީތެރިކަމާ އެކު އެ ހުނަރު ޓީމެއްގެ ސިފައިގައި ގެނެވިދާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރިކަމަށް ތޯރިގް ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފާހަގަކުރެވުނީ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅުކަން. ބޭރުން ކޯޗެއް ހޯދައިގެން މި ކުޅުންތެރިން ބޭނުންކޮށްފިކަމުގައިވާނަމަ އަދި މި ކުޅުންތެރިންނަށް ފުރސަތު (ހޯދައި) ދެވިއްޖެކަމުގައިވާނަމަ މި ސަރަހައްދުގެ ތަށި ނެގުމުގެ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުރިކަން (ގަބޫލުކުރެވުނު)،" ތޯރިގް ވިދާޅުވި އެވެ. 

"ދެން އެހިސާބުން މަސައްކަތް ފަށައިގެން އައިއިރު އަޅުގަނޑަށް ފާހަގަ ކުރެވުނު އަދި ޕްރެކްޓިސް ފަށައިގަތް ދުވަސްކޮޅު ޓީމާ ބައްދަލުކޮށްފައި ވެސް ބުނިން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްދޭށޭ. ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފިކަމުގައިވާނަ ތަށި ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތޭ. (އެހެންވީމަ) ތައްޓަށޭ މަސައްކަތް ކުރާށޭ ޖެހޭނީ."

އެހާހިސާބުން ފެށިގެން މިހާތަނަށް ވެސް ކުޅުންތެރިން ވަރަށް ޑިސިޕްލިންކޮށް ޓީމެއްގެ ސިފައިގައި މަސައްކަތްކޮށްފައިވާކަމަށް ވެސް ގައުމީ ޓީމުގެ ކުރީގެ ސްޓައިކަރު ތޯރިގް ވިދާޅުވި އެވެ. 

"އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެހީވެ ވަރަށް ޑިސިޕްލިންކޮށް ޓީމެއްގެ ސިފައިގައި ރާއްޖޭން ކުޅެމުންދަނީ. މުޅި ޓީމުން ރާއްޖެއަށް އެ ތަށި ހޯދައިދިނުމަށްޓަކައި ހާއްސަކޮށް ފުޓްސަލް ކުޅުންތެރިންން އަދި ޓީމުގެ ކޯޗުންނާއި އޮފިޝަލުން މަސައްކަތްކުރިކަން އަޅުގަނޑު ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ. 

ފުޓްސަލްގެ ފިރިހެން ގައުމީ ޓީމަށް އެފްއޭއެމުން ހަމަޖެއްސީ އުޒުބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް އެވެ. އެ ގައުމުގެ ގައުމީ ފުޓްސަލް ލީގުގެ ކްލަބެއް ކަމަށްވާ، "ނެފްޗީ" ކޯޗެއްގެ ގޮތުގައި ވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ކޯޗުގެ މަގާމަށް އޭނާ ގެންނަން، އެފްއޭއެމުން ވަނީ ނެފްޗީއާ އެކު އެއްބަސްވެ ރިލީޒް ހޯދާފަ އެވެ.

މި މަހުގެ ނިޔަލަށް ރާއްޖޭގެ ޓީމާ އެކު ޒަކިރޯވް މަސައްކަތް ކުރާނެ އެވެ. ފުޓްސަލް އޭޝިއަން ކަޕަށް އުޒްބެކިސްތާނުގެ ޓީމު ކޮލިފައިކޮށްދިން ޒަކިރޯވް އަށް އެހާހިސާބުން ރާއްޖޭގެ މަސައްކަތް ނިމުނީ އެވެ. އެއަށް ފަހު އަނެއްކާވެސް އޭނާ އެނބުރިދާނީ ނެފްޗީ އާއި އުޒުބެކްގެ ގައުމީ ޓީމުގެ މަސައްކަތަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް: މުބާރާތަށް ފަހު ހަގީގީ ފުޓްސަލް ރާއްޖޭގައި ތަރައްގީ ކުރާނެކަމަށް އޭނާ އުއްމީދުކުރޭ --- ފޮޓޯ: އެފްއޭއެމް
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް: މުބާރާތަށް ފަހު ހަގީގީ ފުޓްސަލް ރާއްޖޭގައި ތަރައްގީ ކުރާނެކަމަށް އޭނާ އުއްމީދުކުރޭ --- ފޮޓޯ: އެފްއޭއެމް

ތޯރިގް ވިދާޅުވީ ޒަކިރޯވްގެ އެހީތެރިކަމާ އެކު ރާއްޖޭން ހޯދި ތައްޓަކީ ފުޓްސަލް އިތުރަށް ކުރިއަށްގެންދިއުމުގެ ވަރުގަދަ ފިޔަވަޅެއް ކަމަށެވެ. ފުޓްސަލް ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިކުރަން ކުރިއަށް އޮތްތަނުގައި ވެސް ބިދޭސީ ކޯޗުންގެ އެހީތެރިކަން އެފްއޭއެމުން ހޯދާނެކަމަށް ތޯރިގް ވިދާޅުވި އެވެ.

"މި ތައްޓަކީ ފުޓްސަލް ކޮމިޔުނިޓީން ނުވަތަ ފުޓްސަލް ކުޅުންތެރިން އެފްއޭއެމާ ގުޅިގެން މުސްތަގްބަލުގައި ކުރަން ހުރި މަސައްކަތްތަކަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު،" ތޯރިގް ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމްގެ ފަރާތުން މި ސީޒަނުގައި ފުޓްސަލް ކުޅުންތެރިންނަށް މުބާރާތް ވެސް އިއުލާން ކުރާނަން. އަދި މި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށްޓަކައި ބިދޭސީ ކޯޗުންގެ އެހީތެރިކަމާ އެކު ކުރަން ހުރި ކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާނަން ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން." 

ރާއްޖޭގެ ފިރިހެން ޓީމުގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 4:30ގަ އެވެ.