ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ގްރީން ސްޓްރީޓްސްގެ މައްޗަށް ޓީސީން 2-0 ން މޮޅުވުމުން ރެލިގޭޝަން ޒޯނުގައި އެ ޓީމުން ފަރަގު ބޮޑުކޮށްފި އެވެ.

ރެލިގޭޝަން ޒޯނަކީ ފުލުގައި އޮންނަ ހަތަރު ޓީމެވެ. އޭގެ ތެރެއިން އެންމެ ފުލުގައި އޮންނަ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ހަތްވަނަ ޓީމާއި އަށްވަނަ ޓީމަށް ޖެހޭނީ ރެލިގޭޝަންގެ ޕްލޭޮފްގައި ރާއްޖޭގެ ޙަތަރު ޒޯނުގެ ޗެމްޕިއަން ޓީމުތަކާ ދެކޮޅަށް ކުޅޭށެވެ.

ރެލިގޭޝަން ޒޯނުގައި ޓީސީ ފިޔަވައި އަނެއް ތިން ޓީމު އޮތީ ޕޮއިންޓްގެ ގޮތުން ކައިރިކައިރީގަ އެވެ. ޓީސީ އަށް ހަތަރު ޕޮއިންޓްގެ ލީޑެއް އެބައތެވެ. އިއްޔެގެ މެޗުން މޮޅުވެ ޓީސީން  ހަތްވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ފަހަތުން ދެން އޮތީ ގްރީން އާއި ވެލެންސިއާ އެވެ. އެ ދެ ޓީމަށް ވެސް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ފުލުގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމަށް ހަތް ޕޮއިންޓެވެ. 

ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމަށް ވުރެ ކުރީގައި އޮންނަން ފުރުސަތެއް އަދި އެބައޮތެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ ތިން މެޗެވެ. 

ގްރީން ކޮޅަށް ޓީސީގެ ލަނޑުތައް ޖެހީ ހުސައިން ޝަރީފް މުހައްމަދާއި މުހައްމަދު ދާނިޝް އިބްރާހިމެވެ. ގްރީންއިން މެޗު ނިންމާލީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދަށް ދެއްކި ރަތްކާޑާ އެކު އެވެ. 

ލީގުގެ 16 ވަނަ ހަފުތާގެ ކުޅުން ދެން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެރޭ ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ. މާޒިޔާއިން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ދުވަހު ހަވީރު ނިއު ރޭޑިއަންޓުން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.