ބޫޓާން ބަލިކޮށް މިއަދު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޔަގީން ކުރި ދިވެހި ގައުމީ ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމަށާއި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމަށެވެ.

"މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް. ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން." ރައީސް ވިދާޅުވި އެވެ.

ރާއްޖެ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ. އަދި މިއަދު ބޫޓާން ބަލިކުރީ 3-1 އިންނެވެ.

ފަހަތުން އަރައި ރާއްޖެ މިއަދު މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖުނެއިދާއި އަހުމަދު ހަމީދު އަދި ކެޕްތަން މުހައްމަދު އިމްރާނެވެ.

ރާއްޖޭގެ ފަހު މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މިއީ ފުޓްސަލް ގައުމީ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ފުޓްބޯޅައިން ރާއްޖެ ވަނީ ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އެއީ 2008 އަދި 2018ގަ އެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް މިހާތަނަށް އިންޑޯ ފުޓްސަލް ދަނޑެއް ގާއިމްވެފައި ނެތުމާ އެކު މުޅިންހެން ކުޅެ އުޅެނީ ޓާފް ދަނޑުގައި މިނީ ފުޓުބޯޅަ އެވެ. ނަމަވެސް މުބާރާތަށް ފަހު ރާއްޖޭގައި ހަގީގީ "ހަގީގީ ފުޓްސަލް" ތަރައްގީ ކުރާނެ ކަމަށް އުންމީދުކުރާކަން ގައުމީ ޓީމުގެ ކޯޗު އުޒްބަކިސްތާންގެ ފާރޫކް ޒަކީރޯވް ވަނީ ހާމަކޮށްފަ އެވެ. ޓާފް ދަނޑުތަކުގައި ތަމްރީނުތައް ކޮށް، ގައުމީ ފުޓްސަލް ޓީމު މުބާރާތަށް ދިޔައީ ޗައިނާގައި 10 ދުވަހުގެ އިންޑޯ ތަމްރީނުތަކަކަށް ފަހު އެވެ.