ބާސެލޯނާ (ޖެނުއަރީ 25) - ލަމީން ޔަމާލްގެ ބައިސިކަލް ކިކް ގޯލަކާ އެކު ސްޕެނިޝް ލަ ލީގާގައި ބާސެލޯނާ މިރޭ 3-0 އިން އޮވިއޭޑޯ ބަލި ކޮށްފި އެވެ.

ޔަމާލް މެޗުގެ 73 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ނަގައިދިން ބޯޅަ އޭރިއާ ތެރޭ ޑީ އޭރިއާ ކައިރީ ހުރެ ސިޒާ ކިކަކުން ފޮނުވާލައި އޭނާ ވަނީ ލީގުުގައި އަށްވަނަ ގޯލު ޖަހައިފަ އެވެ.

ސޯޝަލްމީޑިއާގައި ވެސް މި ގޯލަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މަދުން ނޫނީ ނުފެންނަ މި ފަދަ މޮޅު ގޯލުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ސަމާލުކަން ލިބެ އެވެ. އެގޮތުން ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް މި ސީޒަންގައި މިފަދަ މޮޅި ބައިސިކަލް ކިކް ގޯލެއް ޖަހާފައިވެ އެވެ.

އެއީ ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މިދިޔަ އޮކްޓޫބަރު މަހު އޮޑި ސްޕޯޓްސް ކްލަބް ގޯލު ޖެހި ވިންގާ އަންނަނީ ހަތަރު އަހަރަށް ފަހު އަލުން ފުރަތަމަ ޑިވިޝަންގައި ކުޅެމުންނެވެ.

ޔަމާލް ގޯލު ޖެހުމަށް ފަހު އޭނާ ސެލެބްރޭޓް ކޮށްފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގައި، ދަނޑުގެ ވަށައިގެން ހުރި ބިލްބޯޑް މަތީ އިށީނދެ އުފާފާޅުކުރި ގޮތަށެވެ. ނަމަވެސް ރޮނާލްޑޯ އެ ގޮތަށް ސެލެބްރޭޓް ކުރީ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކެއް ހެދުމަށް ފަހު އެވެ.

ބާސާގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 52 ވަނަ މިނިޓުގައި އޮލްމޯ ޖެހި އިރު، އޭގެ ފަސް މިނިޓު ފަހުން ލީޑު ފުޅާ ކޮށްފައި ވަނީ ރަފީނިއާގެ ގޯލުންނެވެ.

މި ނަތީޖާއާ އެކު ބާސާ ވަނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް އެއް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ.

ރެއާލް މެޑްރިޑް ވަނީ ރޭ ކިލިއަން އެމްބާޕޭގެ ގޯލުތަކުން 2-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ.