ބާސެލޯނާ (މާޗު 1) - ރޯދައަށް ހުރެ ކާމިޔާބު ކުރި ކެރިއަރުގެ ފުރަތަމަ ހެޓްރިކާ އެކު ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ރެކޯޑެއް މުގުރާލައިފި އެވެ.

ވިޔަރެއާލާ ދެކޮޅަށް އިއްޔެ އަމިއްލަ ދަނޑުގައި ބާސާ 4-1 އިން މޮޅުވި މެޗުގައި ޔަމާލް ހެޓްރިކް ހެދި އިރު، ޓީމުގެ ފަހު ލަނޑު ޖެހީ ޕޭޕް ގޭ އެވެ.

ރޯދައަށް ހުރެ ޔަމާލް ކުޅުނު މި މެޗުގައި ހެދި ހެޓްރިކާ އެކު، އުމުރުން 18 އަހަރާއި  ދުވަހުގައި ޔަމާލް ވެފައި ވަނީ 21 ވަނަ ގަރުނުގައި ލަ ލީގާ ގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2008 ގައި ބާސާއަށް ކުޅެމުން 19 އަހަރާއި ހަ ދުވަހުގައި ހެޓްރިކް ހެދި މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންތޯސް އަތުގަ އެވެ.

"މި ސީޒަންގެ ކުރީކޮޅު އަހަރެން އެހާ ރަނގަޅު ހާލަތެއްގައެއް ނޫން [އަނިޔާގެ] މައްސަލަތަކާވެސް ހުރެ، އޭރު ހެޕީއެއް ނޫނޭ ބުނެވޭނީ،" މެޗަށް ފަހު ޔަމާލް ބުންޏެވެ.

"އެކަމު ކުރިއަށް ވުރެ ރަނގަޅަށް ވަރަށް ކުޅޭހިތުން މިހާރު ކުޅެވޭތާ ހަފްތާއެއް ވެއްޖެ. ކުޅެނީ ހިތްހަމަ ޖެހިގެން، މި ހިތްހަމަޖެހުން ނުލިބޭތާ ދުވަސްތަކެއް ވެއްޖެ. ދަނޑުމަތީގައި މިހާރު މި ހުންނަނީ ވަރަށް ހެޕީ ކޮށް."

ލަ ލީގާ ގައި ޔަމާލަށް ވުރެ ހަގު އުމުރުގައި ހެޓްރިކް ހެދީ 20 ވަނަ ގަރުނުގައި، 1934ގައި 18 އަހަރާއި 200 ދުވަހުގައި ޕަބްލޯ ޕޮމްބޯ އަދި 1930 ގައި 17 އަހަރާއި 337 ދުވަހުގައި ތިން ގޯލު ޖަހާފައިވާ ޖޯސޭ އިރަރަގޯރީ އެވެ.

މީގެ އިތުރުން ޔަމާލް ވެފައި ވަނީ 21 ވަނަ ގަރުނުގައި 19 އަހަރު ވުމުގެ ކުރިން ޔޫރަޕްގެ ގަދަ ފަސް ލީގުގައި 25 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ހެޓްރިކާ އެކު ޔަމާލް ވަނީ މި ސީޒަންގައި ބާސާއަށް 31 ގޯލުގައި ހިއްސާ ވެފަ އެވެ. އެއީ 18 ގޯލު ޖަހައި، 13 އެސިސްޓް ކޮށްގެންނެވެ. މީގެ އިތުރުން، އޭނާގެ ކެރިއަރުގައި މިހާރު ވަނީ ކްލަބާއި ގައުމީ ޓީމަށް 49 ގޯލާއި 52 އެސިސްޓާ އެކު 101 ގޯލުގައި ހިއްސާ ވެފަ އެވެ.

"އުމުރުން 16 އަހަރުގައި މީހުން ބޭނުން ވަނީ އަހަރެން 100 ގޯލު ޖަހަން، އެއީ ިއުނދަގޫ ކަމެއް. އަހަރެން ވެސް ގިނަ ގޯލު ޖަހަން ބޭނުންވޭ، އެކަމަކު އެއީ އަބަދު ވާނެ ކަމެއް ވެސް ނޫން،" ޔަމާލް ބުންޏެވެ.

ބާސާ ލީގުގެ އެއްވަނައިގައި އޮތީ 26 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން 60 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑް މާދަމާރޭ އަމިއްލަ ދަނޑުގައި ގެޓަފޭއާ ދެކޮޅަށް ނުކުންނާނެ އެވެ.