ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ފީފާ އިން މި އަހަރު ބާއްވަން ފެށި ވިމެންސް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދައިފި އެވެ.

އާސެނަލް މޮޅުވީ ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އެކްސްޓްރާ ޓައިމް ކުޅެގެން ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން، ބްރެޒިލްގެ ކޮރިންތިއަންސް 3-2 އިން ބަލި ކޮށްގެންނެވެ.

ފުރަތަމަ ހާފުގައި އޮލިވިއާ ސްމިތު އާސެނަލަށް ލީޑު ނަގައިދިން އިރު ހަ މިނިޓު ތެރޭ ކޮރިންތިއަންސް ވަނީ ގަބީ ޒަނޯޓީގެ ގޯލަކުން އެއްވަރު ކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލޯޓޭ ވުބެން މޮއި އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނިކޮށް ކޮރިންތިއަންސް އެއްވަރު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓޯރިއާ އެވެ.

އާސެނަލްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އާސެނަލްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނު އިރު، އާސެނަލް މޮޅުވި ލަނޑު ފުރަތަމަ ހާފު ނިމެނިކޮށް ޖަހައިދިނީ ކެއިތުލިން ފޯޑެވެ.

އާސެނަލް މި މުބާރާތުން ފުރުސަތު ހޯދީ މިދިޔަ ސީޒަންގެ ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.

ލަންޑަނުގައި ހަ ޓީމާ އެކު ކުރިއަށް ދިޔަ މި މުބާރާތުގައި އާސެނަލް އާއި ކޮރިންތިއަންސްގެ އިތުރުން، ދެން ވާދަ ކުރީ އުތުރު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން ގޮތަމް އެފްސީ އާއި އެފްރިކާ ބައްރުގެ ޗެމްޕިއަން މޮރޮކޯގެ ރޯޔަލް އާމް ފޯސް ޓީމާއި އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗައިނާގެ ވޫހާން ޖިއަންޑާ އަދި އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަން، ނިއު ޒިލެންޑްގެ އޮކްލެންޑް ޔުނައިޓެޑެވެ.

ފިރިހެނުން ކުޅުންތެރިންނަށް ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވާ އުސޫލުން ފީފާއިން މި ވަނީ އަންހެން ކުލުންތެރިންނަށް ވެސް މިފަދަ މުބާރާތްތައް އިންތިޒާމް ކުރަން ފަށައިފަ އެވެ.

ކޮންމެ ބައްރެއްގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ފީފާ ޗެމްޕިއަންސް ކަޕް ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައި ވާއިރު، ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ފީފާ ވިމެންސް ކްލަބް ވޯލްޑް ކަޕް ވެސް ބާއްވަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އެންމެ ފުރަތަމަ ވިމެންސް ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ތާވަލް ކުރެވިފައި ވަނީ 2028 ގެ ޖެނުއަރީ މަހަށެވެ.