ފްރާންސްގެ މިޑްފީލްޑަރު އެންގޯލާ ކޮންޓޭ، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުގުޣާންގެ އެއްބާރުލުމާ އެކު އެ ގައުމުގެ ފެނަބާޗޭ އަށް ބަދަލުވެއްޖެ އެވެ.
ސައުދީ އަރަބިއާގެ އަލް އިއްތިހާދު ދޫކޮށް، ތުރުކީގެ ކްލަބަށް ކޮންޓޭ ބަދަލުވީ އިއްޔެ އެވެ. އޭނާގެ ޓްރާންސްފާ އަށް ފެނަބާޗޭން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވެ އޮތީ އިދާރީ ބުރުއެރުމަކާ ހެދި ކަމަށް ވަނީ ބެލެވިފަ އެވެ.
އެކަމަކު އިއްޔެ، އެ ޓްރާންސްފާގެ އިންތިޒާމުތައް ހަމަޖެހުނު ވަގުތާއި، އުރުދުޣާން ސައުދީ އަށް ކުރެއްވި ދަތުރުފުޅުގެ މުއްދަތު ވެސް ބައްދަލުވީ އެއް ވަގުތަކާ އެވެ. އަންގާރަ ދުވަހު އުރުދުޣާން ވަނީ ސައުދީ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ ދެ އަހަރުތެރޭ އޭނާ އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ފެނާބާޗޭގެ ރައީސް ސާދައްތިން ސަރާން ވަނީ ކޮންޓޭގެ ޓްރާންސްފާ ހަމަޖެހުމުގައި އުރުދުޣާން އަދާކުރެއްވި ދައުރަށް ޝކުރު އަދާކުރައްވާފަ އެވެ.
"އަހަރެމެންގެ ކްލަބުން ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ކުޅުންތެރިޔެއް ކަމަށްވާ އެންގޯލާ ކޮންޓޭގެ ޓްރާންސްފާ ކާމިޔާބުކަމާއެކު ނިންމާފައި،" ސާދައްތިން ވިދާޅުވި އެވެ.
"ފެނަރުބާޗޭ އާއި ތުރުކީގެ ފުޓްބޯޅަ ވެސް ކުރިއެރުމަށް އެހީތެރިވެ ދެއްވައި މި ޓްރާންސްފާގެ މަރުހަލާ ފަސޭހަކޮށް ނިންމުމަށް ދެއްވި މުހިންމު އެއްބާރުލުމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެންގެ ކްލަބުގެ ނަމުގައި ތުރުކިޔޭގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާނަށް ޝުކުރު އަދާކުރަން،"
ތުރުކިޔޭގެ ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި، އެ ޓްރާންސްފާގެ ވާހަކަތައް ދައުރު ކުރަނީ ރަސްމީ ހަވާސާއިން ބޭރުގައި ސައުދީގެ އިސް ވަލީއަހްދު މުހައްދު ބިން ސަލްމާން އަރިހުގައި، އުރުދުޣާން އެ ވާހަކަ ދެއްކެވި ކަމަށެވެ. ކޮންޓޭގެ ޓްރާންސްފާގައި އަލް އިއްތިހާދުން ލުއި ދީ ފަސޭހަކޮށް ދިނީ އޭގެ ފަހުގައި ކަމަށް އަޑު ފެތުރިފައި ވެއެވެ. އިއްތިހާދު މައި ފައިނޭންސަރަކީ ސައުދީގެ ސްވްރިން ފަންޑެވެ.