އާސެނަލުން ސޮއިކުރުވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ، ވިނީޝިއުސްގެ ޖޫނިއާގެ ވާހަކަ އެހުމުން، އެ ކްލަބްގެ ކޯޗު މިކޭލް އާޓެޓާ ފިނި ޖަވާބަކުން ފުއްދާލައިފި އެވެ. 

ރެއާލް މެޑްރިޑްގެ ފޯވާޑް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ ފަހު އަހަރު އެކަންޏެވެ. އެއްބަސްވުން އާ ކުރާނެކަމުގެ އެއްވެސް އިޝާރާތެއް ބްރެޒިލްގެ ވިންގާގެ ފަރާތުން ދީފައެއް ނުވެ އެވެ. ސްޕެއިންގެ މާކާއިން ބުނިގޮތުގައި ވިނީގެ އެޖެންޓުން އެދެނީ، ރެއާލުން ކިލިއަން އެމްބާޕޭ އަށް ދޭވަރުގެ މުސާރައަކަށެވެ. އެއީ ޓެކުހަށް ކެނޑުމަށް ފަހު އަހަރަކު 30 މިލިއަން ޔޫރޯ ވެ. 

އެވަރުގެ މުސާރައެއް އެހެން ކުޅުންތެރިޔަކަށް ދޭން، ރެއާލުން އޮތީ ތައްޔާރަކަށް ނޫނެވެ. ވިނީގެ އެއްބަސްވުން އަންނަ އަހަރު ޖޫން މަހު ހަމަވުމުން އޭނާ އަށް އެހެން ކްލަބަކަށް ހިލޭ ބަދަލުވެ ވޭނެ އެވެ. 

އީއެސްޕީއެންއިން ބުނީ ކޮންޓްރެކްޓް އާ ކުރަން ވިނީ ބޭނުން ނުވާނަމަ، ރަނގަޅު އަގެއްގައި، މި ޓްރާންސްފާ ޕީރިއަޑްގައި އޭނާ ދޫކޮށްލަން ރެއާުލުން ތައްޔާރުކަމަށެވެ. ހިލޭ ކުޅުންތެރިޔަކު ކްލަބް ދޫކޮށްލުމަށް ވުރެ، ޓްރާންސްފާ ފީއެއް ލިބިގެން ދޫވެގެންދާން، ރެއާލްގެ ވެރިންގެ ހިތައް ވެސް ފަސޭހަ ވާނެ އެވެ. 

އުމުރުން 26 އަހަރުގެ ފޯވާޑް ސޮއި ކުރުވަން އާސެނަލުން ޝައުގުވެރިވާކަމަށް މިދިޔަ ހަފުތާގައި ރިޕޯޓްތައް އާންމުވި އެވެ. އެކަމަކު އީއެސްޕީއެން ބުނީ އެ ކްލަބްގެ ފަރަތުން އެއްވެސް ހުށަހެޅުމެއް ވިނީގެ އެޖެންޓުންނާއި ރެއާލަށް ވެސް އަދި މިހާތަނަށް ފޮނުވާފައި ނުވާ ކަމަށެވެ. 

ވިނީ އާސެނަލް އަށް އަންނާނެތޯ، ނޫސްވެރިޔަކު އެހެމުން އާޓެޓާ ޖަހާލީ ހިނި ގަނޑކެވެ. 

އެކަމަކު ސީދާ ވިނީޝިއުސްގެ ނަން ވެސް ނުކިޔައި އާޓެޓާ ބުނީ މި ޓްރާންސްފާ ޕީރިއަޑްގެ ބާކީ އޮތް ބައިގައި ވެސް ޓީމަށް ބަދަލު އަންނާނެ ކަމަށެވެ. 

"އަހަރެމެން މި އޮތީ ވަރަށް ހަރަކާތްތެރިކޮށް. ޓީމުގެ ފެންވަރު މަތިކޮށް މަޑުމަޑުން ކުރިއެރުން ގެންނަމުން މިގެންދަނީ. އެކަން ވަރަށް ސާފު،" ޕްރީ ސީޒަނުގެ އެކުވެރިކަމުގެ މެޗުގައި ހޮނިހިރު ދުވަހު ޖިރޯނާ އަތުން 4-1 ން މޮޅުވުމަށް ފަހު އާޓެޓާ ބުންޏެވެ. 

"ކުރިއަށް އޮތް މަދު ހަފުތާތަކެއްގައި އިތުރު ބަދަލުތައް އަންނާނެކަމަށް އަހަރެމެން މި ބަލަނީ. އެއީ ހަމަ ޔަގީންކަމެއް. ސަބަބަކީ އެހެން ޓީމުތަކެކޭ އެއްފަދައިން އަހަރެމެންގެ ފެންވަރު ވެސް ރަނގަޅު ކުރުމުގެ މަސައްކަތް އަހަރެމެން ކުރާނެ."

އޭނާ ބުނީ އިތުރަށް ވަރުގަދަ ކުރުމުގައި އާސެނަލް އޮތީ ބޮޑު އުއްމިދެއްގައި ކަމަށެވެ.

"އަހަރެމެން ކުރަން ބޭނުންވާ ކަމެއްގައި އަހަރެމެން މިތިބީ ވަރަށް އުއްމީދުގައި،" އާޓެޓާ ބުންޏެވެ. 

ބްރެޒިލްގެ ބްރުނޯ ގިމަރޭޝް އަށް ވެސް އާސެނަލުން ޝައުގުވެރިވެ އެވެ. ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީްލޑަރުގެ ޓްރާންސްފާ އަށް އާސެނަލުން މަސައްކަތް ކުރަމުންދާ ކަމަށް އީއެސްޕީއެންއިން ބުންޏެވެ. 

އާސެނަލުން މި ޓްރާންސްފާގައި ސޮއި ކުރުވި ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ކްލަބް ބްރްގާއިން ގެންދިޔަ ގްރީކްގެ ފޯވާޑް ކްރިސްޓޯސް ޒޯލިސް އެވެ.