ބްރެޒިލްގެ ފޯވާޑް ވިނީސިއުސް ޖޫނިއާގެ ޓްރާންސްފާ އަށް އިނގިރޭސި ޗެމްޕިއަން އާސެނަލުން ސީރިއަސްކަމާ އެކު ޝައުގުވެރިކަން ފާޅުކުރުމުން، ރެއާލް މެޑްރިޑްގެ އެލާޓަށް އަތުވެއްޖެ އެވެ. 

މެޑްރިޑްގެ ކްލަބާ އެކު ވިނީ ހަދާފައިވާ ކޮންޓްރެކްޓްގެ އެންމެ ފަހު އަހަރާ ކުރިމަތިލަނީ އެވެ. އެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 26 އަހަރުގެ ވިނީގެ ކޮންޓްރެކްޓް އާ ކުރަން އަހަރެއް ވަންދެން އޭނާގެ އެޖެންޓުންނާ އެކު ރެއާލުން ކުރި މަޝްވަރާތައް ކާމިޔާބެއް ނުވި އެވެ. ކޮންޓްރެކްޓް އާ ކުރަން ވިނީ ބޭނުން ނުވަނީ މުސާރައާ މެދު ހިތްހަމަނުޖެހިގެންނެވެ.

އޭނާގެ އެޖެންޓުން ޑިމާންޑް ކުރަނީ ރެއާލުން، ކިލިއަން އެމްބާޕޭ އަށް ދޭވަރުގެ މުސާރައެއް ވިނީ އަށް ވެސް ދިނުމަށެވެ. އެއީ ޓެކްހަށް ކެންޑުމަށްފަހު އަހަރަކު ސާފު 30 މިލިއަން ޔޫރޯގެ މުސާރައެކެވެ. އެކަމަކު އެވަރުގެ މުސާރަ އިތުރު އެހެން ކުޅުންތެރިޔަކަށް ދޭން ރެއާލުން ތައްޔާރެއް ނޫނެވެ.

ދި އެތުލެޓިކް ނޫހުން ބުނިގޮތުގައި އާސެނަލުން ދަނީ ވިނީސިއުސްގެ ޓްރާންސްފާ އަށް ބޮޑު އަގެއް، ރެއާލަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.

ރެއާލަށް އޮތް ބިރަކީ، އާސެނަލުން ހުށަހަޅާ ބިޑަށް އެ ކްލަބުން މިވަގުތު ދެކޮޅުހަދައިފިނަމަ، އެއް އަހަރު ފަހުން އެއްވެސް އަގެއް ނުދައްކައި ވިނީ ގެންދިއުމުގެ ފުރުސަތު އާސެނަލަށް އޮވެދާނެތީ އެވެ. 

ކޮންޓްރެކްޓް އާ ކުރަން ވިނީ އެއްބަސްނުވެ، ބާކީ އޮތް އެއް އަހަރު ރެއާލަށް ކުޅުމަށް ފަހު ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު، ހިލޭ އޭނާ އަށް އާސެނަލަށް ސޮއި ކުރެވޭނެ އެވެ.

ފުޓްބޯޅައިގެ ބިޒްނަސް މޮޑެލް އަށް އަބަދުވެސް ބަރޯސާވާ ރެއާލުން، އެ ކްލަބަށް ފައިސާ ލިބޭނެ ހުރިހާ ގޮތަކަށް ވިސްނާނެ އެވެ. އެންމެ ޕީކް އުމުރުގައި ހުރި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއްގެ ޓްރާންސްފާއަށް ފައިސާ ފޮއްޗެއް ވެސް ނުވަދެ، އެ ކުޅުންތެރިޔަކު ކްލަބް ދޫކޮށްދިއުމަކީ ރެއާލްގެ ސާގަފަތުގައި މީގެ ކުރިން ކަން ހިނާގައިވާ ގޮތެއް ނޫނެވެ.  

ވިނީގެ ޓްރާންސްފާ އަށް އާސެނަލުން ވަންނަ ވާހަކަ އަޑު ފެތުރުމުން ރެއާލުން ވަނީ އިތުރު ފިޔަވަޅުތައް އަޅާފަ އެވެ. ރެޑްބުލް ލައިޕްޒިގްގެ ފޯވާޑް ޔާން ޑިއޮމާންޑޭ ގަތުމުގެ މަޝްވަރާތައް ރެއާލުން ފަށާފައިވާކަމަށް، ސްޕެއިންގެ ކުޅިވަރު ނޫސް، މާކާއިން ބުންޏެވެ. 

އައިވަރީ ކޯސްޓްގެ ފޯވާޑްގެ ގަންނަން ރެއާލުން 100 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުންޏެވެ. އެއީ މި ޓްރާންސްފާ ޕީރިއަޑްގައި އާސެނަލަށް، ވިނީ ވިއްކާލާނަމަ، އެވަރުގެ ހަލުވި އެހެން ފޯވާޑެއް ހޯދުމުގެ ގޮތުން ރެއާލުން ކުރާ ހޭދައެކެވެ. 

ޑިއޮމާންޑޭގެ އެޖެންޓާއި ވިނީގެ އެޖެންޓުންނަކީ ވެސް އެއް ކުންފުންޏެއް ކަމަށްވާ 'ރޮކް ނޭޝަން' އޭޖެންސީގެ ކްލައިންޓުންނެވެ. އެކަމަކު އަދި އެއްވެސް ކަށަވަރު ނިންމުމެއް އެއްވެސް ފަރާތަކުން ނިންމާފައެއް ނުވެ އެވެ. އެކަމަކު ރެއާލްގައި ވިނީގެ ކުރިމަގާ މެދު މިހާރު ވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.