ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ މި ސީޒަނުގައި ފޯމު ގެއްލި، އުނދަގޫ ހާލަތެއް ތަހައްމަލުކުރަމުންދާ މަންޒަރު ފެނުމުން ހިތްފަޅައިގެންދާ ކަމަށާ، އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. 

މި ސީޒަނުގައި ކުޅުނު ނުވަ މެޗުން ބްރެޒިލްގެ ފޯވާޑް ވިނީއަށް ޖެހުނީ އެންމެ ލަނޑެކެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގައި އޭނާއަށް ކުރެވުނީ އެންމެ އެސިސްޓެކެވެ. ލީގުގައި އެންމެ ފަހުން ވިޔަރެއާލް އަތުން 1-0 އިން ރެއާލް މޮޅުވި މެޗުގައި، ނޭތަން ސަލީބާގެ އިސްތަށިގަނޑަށް ދަމައިގަތުމުގެ ސަބަބުން ދެވަނަ ހާފުގައި ވިނީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ސްކާއި އިޓާލިއާ އަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ، ވިނީ ތަހައްމަލުކުރާ ހާލަތު ފެނުމުން ހިތްދަތިވާ ކަމަށެވެ.

"މިފަދަ ހާލަތެއްގައި ވިނީ އުޅޭ މަންޒަރު ފެނުމުން އަހަރެންގެ ހިތްފަޅައިގެންދޭ. އޭނާއަކީ ކޮންމެ ދުވަހަކުވެސް އުފަލާއެކު ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިޔެއް. ނަމަވެސް މި ސީޒަނުގައި މެޗެއްގެ ނަތީޖާ ބަދަލުކޮށްލުމުގެ އުފާވެރިކަން އޭނާއަށް އަދި ހޯދިފައެއް ނެތް،" މޮރީނިއޯ ބުންޏެވެ.

ވިނީ އަށް ދެއްކި ރަތްކާޑާ ގުޅިގެން ލަލީގެ އިތުރު މެޗުތަކެއް އޭނާ އަށް ގެއްލޭނެކަމަށް ބެލެވެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު މެޗުތަކުގައި އޭނާ އަށް ކުޅެވޭނެ އެވެ.

ވިނީޝިއުސް ޖޫނިއާ: އޭނާގެ ފޯމު ވަނީ ދަށްވެފައި --- ފޮޓޯ: ގެޓީ އިމޭޖަސް
ވިނީޝިއުސް ޖޫނިއާ: އޭނާގެ ފޯމު ވަނީ ދަށްވެފައި --- ފޮޓޯ: ގެޓީ އިމޭޖަސް

ލީގުގައި ކުޅެން ނުލިބި، ޗެމްޕިއަންސް ލީގުގެ މެޗަށް ނުކުންނައިރު އޭނާގެ ކުޅުމަށް ބަދަލު އަންނާނެ ކަމަށް މޮރޯނިއޯ ބުންޏެވެ.

"ލީގުގައި އޭނާ ސަސްޕެންޑްވެފައިވުމުން، ދެން އޮތް ޗެމްޕިއަންސް ލީގު މެޗުގައި އަލުން އަސްލު ވިނީޝިއުސްގެ ފޯމަށް އޭނާއަށް އާދެވޭތޯ ބަލަމާ ހިނގާ،" މޮރީނިއޯ ބުންޏެވެ.

އޭނާ އަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި އިތުރު ސަސްޕެންޝަނެއް އަތުވެއްޖެނަމަ، މި މަހު 25 ގައި ކޭމްޕް ނޯގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ސީޒަނުގެ ފުރަތަމަ އެލް ކްލާސިކޯ މެޗު ވެސް އޭނާ އަށް ގެއްލުމުގެ ބިރު އެބައޮތެވެ.

ވިނީއާ އެކު އެޓޭކުގައި ދެން ބައިވެރިވާ ކީލިއަން އެމްބާޕޭ ވަނީ މި ސީޒަނުގެ އަށް މެޗުން އަށް ލަނޑު ޖަހައިފަ އެވެ. އަދި ދެ އެސިސްޓް  ވެސް އެވެ. ވިނީ ވަނީ 2023-24 ސީޒަނުގައި 24 ލަނޑު ޖަހައި އެ ސީޒަނުގައި ރިއާލްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. 

ނަމަވެސް މިހާރު އުމުރުން 26 އަހަރުގެ ފޯވާޑަށް އެ ކުޅުން ނުދެއްކޭތީ ސެންތިއާގޯ ބާނަބެއޫގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ވެސް އޭނާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.