ރެއާލް މެޑްރިޑްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި ހޯޒޭ މޮރީނިއޯ، ނިދަނީ އެ ކްލަބްގެ ޕްރެކްޓިސް ދަނޑުގައިކަން ހާމަވެއްޖެ އެވެ.
ރެއާލްގެ ކޯޗުކަމާ އަލުން ހަވާލުވި މޮރީނިއޯ ވަނީ އޭނާގެ "އަމިއްލަ ގެ" ގޮތުގައި ރެއާލް ސިފަކޮށްފަ އެވެ.
ދި އެތުލެޓިކް ނޫހުން ބުނިގޮތުގައި ޕްރެކްޓިސް ދަނޑު ހުންނަ ސެންޓަރުގައި މޮރީނިއޯ ނިދަނީ، މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރުމުގެ ގޮތުންނެވެ. ހޮޓަލުގައި ނުވަތަ ރެޒިޑެންޝަލް އިމާރާތެއްގައި ދިރިއުޅޭނަމަ، އޭނާގެ ވަގުތުތައް ދަތުރުކުރުމުގައި ވެސް ހޭދަކުރަން ޖެހޭނެ އެވެ.
މެޑްރިޑަކީ ކާރޫބާރޫ ބޮޑު ސިޓީއަކަށްވުމުން، ޓްރެފިކްގެ ގޮންޖެހުމާ ހެދި މަސައްކަތަށް ދިއުމަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭނެ އެވެ.
ރެއާލް މެޑްރިޑަށް ހާއްސަ ނުސްވެރިޔެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މާރިއޯ ކޯޓެގާނާ ދި އެތުލެޓިކްގައި ލިޔެފައިވާ ގޮތުން ރެއާލްގައި މޮރީނިއޯގެ ދެވަނަ ދައުރަށް އޭނާ ހުށަހަޅާފައިވަނީ ވަރަށް ބޮޑު ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓް ފުރހަމަ އަށް ތަންފީޒުކުރުމަށް، އޭނާ ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓެގާނާ ލިޔެފައިވެ އެވެ.
ވިދިވިދިގެން ދެ ސީޒަނުގައި ބޮޑު މުބާރާތެއްގެ ތަށި ނުލިބި ރެއާލުން ނިންމާލުމުން، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމީ އަލުން މޮރީނިއޯ ރެއާލަށް ގެންދިއުމަށެވެ. އެ ކްލަބްގެ ކޯޗުކަމާ އެންމެ ފުރަތަމަ މޮރީނިއޯ 2010 ގައި ހަވާލުވީ ވެސް ތައްޓެއް ނުލިބި ވިދިވިދިގެން ދެ ސީޒަން ކުރިމަތިވެފައި އޮތް ހާލާތެއްގަ އެވެ.
މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބެންފީކާގެ ކޯޗު ކަމާ ވެސް ހަވާލުވި މޮރީނިއޯ ވަނީ، އެ ކްލަބްގައި ވެސް ފުރަތަމަ ދުވަސްކޮޅު ޓްރޭނިން ސެންޓަރުގައި ދިރިއުޅެފަ އެވެ.
މީގެ ކުރިން ބައެއް އެހެން ކޯޗުން ވެސް ވަނީ ކްލަބްގެ ޓްރޭނިން ސެންޓަރުގައި ދިރިއުޅެފަ އެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް އެ ކްލަބްގައި ފުރަތަމަ އަހަރު ނިދީ ޓްރޭނިން ސެންޓަރުގަ އެވެ. އަދި ޖެކް ވިލްޝަޔާ ވެސް ލޫޓަން ޓައުންގައި އޭނާގެ ކޯޗިން އޮފީހުގައި އެނދެއް ބަހައްޓާފައި ހުންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.