ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭއޮފް މެޗުން މޮޅުވެގެން، މުބާރާތުގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

ވިކްޓަރީ ވަނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނިޓުގައި ލިބުނު ފުރުސަތަކުން ވިކްޓަރީއަށް ލީޑު ނަގައިދިނީ އަލީ ނަސޫހު (ޕިލާ) އެވެ. އަދި 58 ވަނަ މިނިޓުގައި އޭނާ ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ޕްލޭއޮފްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އީގަލްސް ވަނީ 6-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލި ކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި ގްރީންގެ އަލް ސައީދު މަހުމޫދު އަތުން ބައިކޮޅަށް ވަން ލަނޑަކުން އީގަލްސް ލީޑު ހޯދި އިރު، 30 ވަނަ މިނިޓާއި 35 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ޖަހައިދިން ގޯލުތަކުން އެ ޓީމު ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ.

ފޭދޫ އިއްބެ ވަނީ 52 ވަނަ މިނިޓުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އީގަލްސްގެ ފަސްވަނަ ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ޝަމްހާން އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ފަހު ލަނޑު ޖަހައިދިނީ އަލީ ހާފިޒު (ހާއްޕެ) އެވެ.

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސީދާ ޖާގައެއް ދިވެހި ޕްރިމިއާ ލީގުގެ 10 ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމަށް ލިބިފައި ވާއިރު، ރެލިގޭޓް ނުވެ އޮތް ދެ ޓީމު ފިޔަވައި ހަތަރު ޓީމަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ދީފަ އެވެ.

ވިކްޓަރީ ވާދަކުރާނީ މާޒިޔާ އާއި ބުރު ސްޕޯޓްސް ކްލަބާ އެކު ގުރޫޕް 1 ގަ އެވެ. ގުރޫޕް 2 ގައި ހިމެނެނީ އީގަލްސް އާއި ނިއު ރޭޑިއަންޓް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ބުރު ސްޕޯޓްސް އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ. އަދި އެ ރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު އާއި އޮޑި އެވެ.

ދިވެހިރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ނަމުގައި 2005 ގައި ބާއްވަން ފެށީ އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެއަށް ފަހު 2015 އިން ފެށިގެން އެކި ފޯމެޓްތަކަށް މުބާރާތް ބާއްވަމުން ގެންދިޔަ އިރު، އެންމެ ފަހު ދެ އަހަރު މުބާރާތް ބާއްވާފައި ވަނީ ސީޒަން ފެށުމުގެ ގޮތުން، ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ކުޅޭ މުބާރާތެއްގެ ގޮތުގަ އެވެ. މިއާއެކު މުބާރާތުގެ މުހިއްމުކަން ގެއްލިފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެފްއޭއެމަށް ފާޑު ކިޔައިފަ އެވެ.