އަލް ނަސްރުގެ މެނޭޖްމެންޓާއި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު އުފެދުނު ދެބަސްވުން ހައްލުކޮށް އަލުން ދަނޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ. 

ސައުދީގެ ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރޮނާލްޑޯ ބައިވެރިއެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ހިތްހަމަނުޖެހުނީ އެ ކްލަބްގެ މެޖޯރިޓީ ހިއްސާދާރު ސައުދީގެ ސޮވެރިން ފަންޑުން، ކްލަބް ވަރުގަދަ ކުރުމުގެ ފުރުސަތު ނުދޭތީ އެވެ. 

ސައުދީ ލީގުގެ ގަދަ ހަތަރު ކްލަބްގެ މެޖޯރިޓީ ހިއްސާދާރަކީ އެ ގައުމުގެ ސޮވެރިން ފަންޑެވެ. ނަސްރުގެ ޒަމާންވީ ވާދަވެރިޔަކީ އަލް ހިލާލެވެ. އެ ކްލަބްގެ ހިއްސާގެ 75 ޕަސަންޓް ކޮންޓްރޯލް ކުރަނީ ވެސް ސައުދީ ސްވޮރިން ފަންޑުންނެވެ. ޓްރާންސްފާގައި އެ ކްލަބުން ވަނީ ކަރީމް ބެންޒެމާ ސޮއި ކުރުވާފަ އެވެ. އެކަމަކު އާ ކުޅުންތެރިން ސޮއި ކުރުވުމުގެ ކޮންޓްރޯލާއި ފައިސާ އައް ނަސްރަށް، ސޮވެރިން ފަންޑުން ނުދޭ މައްސަލަ ރޮނާލްޑޯ ފެންމަތި ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

ސޮވެރިން ފަންޑުން ވަނީ އައް ނަސްރުގެ ސީއީއޯ ހޯސޭ ސެމޭޑޯ އާއި ސްޕޯޓިން ޑައިރެކްޓާ ސިމާއޯ ކުޓީނިއޯ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ވެސް ރޮނާލްޑޯގެ ހިތްހަމަނުޖެހުން ފެންމަތި ކުރި ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ސޮވެރިން ފަންޑުން ވަނީ ރޮނާލްޑޯ އަށް ރައްދު ދީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ކްލަބްގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް އެއްވެސް ކުޅުންތެރިޔަކަށް ނުދޭނެ ކަމަށެވެ. 

އެކަމަކު ދެ ފަރާތުގެ ދެމެދުގައި މައްސަލަ ހައްލުކޮށް، ސޮވެރިން ފަންޑުން ވެސް ދޫ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ނަސްރުގެ ސީއީއޯ އާއި ސްޕޯޓިން ޑައިރެކްޓަރުގެ ސަސަޕެންޝަން ވެސް މިހާރު އުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކުޅުންތެރިންގެ މުސާރަ އާއި ޓީމަށް އިތުރަށް ހަރަދުކުރަން ފައިސާ ދޭން، ސޮވޮރިން ފަންޑުން ނިންމުމުން ދަނޑަށް ނުކުންނަން މިހާރު ރޮނާލްޑޯ ހުރީ ތައްޔާރަށެވެ. 

އަންނަ ހޮނިހިރު ދުވަހު އަލް ފަތަހްއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ނުކުންނާނެ އެވެ.