ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމުން ޝޯން ޑައިޗް ވަކިކޮށް، ކޯޗުން ވަކި ކުރުމުގައި އެ ކްލަބުން މި ސީޒަނުގައި ހެޓްރިކް ހަދައިފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ބައްދަލުކޮށް 0-0 އިން އެއްވަރުވި މެޗަށްފަހު، ފޮރެސްޓުން ވަނީ ޑައިޗް މަގާމުން ވަކިކޮށްފަ އެވެ. 

މިއަދު ހެނދުނު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ޑައިޗް މަގާމުން ވަކިކުރަން ނިންމީ ޓީމުގެ ނަތީޖާތައް ދަށްވުމުން ކަމަށެވެ. މިއީ މި ސީޒަނުގައި ފޮރެސްޓުން ކޯޗަކު ވަކިކުރި ހަތަރުވަނަ ފަހަރެވެ. އޮކްޓޯބަރު މަހު އެ ޓީމާ ހަވާލުވި ޑައިޗް މަގާމުގައި ހުރީ އެންމެ 114 ދުވަހުއެވެ.

ރޭ ފޮރެސްޓުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން 35 ހަމަލާ އުފެއްދި ނަމަވެސް، ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗު ނިމުމުން ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ޓީމުގެ ކުޅުމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. މި ނަތީޖާއާއެކު ފޮރެސްޓް އޮތީ ތާވަލުގެ 17 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ 3 ޕޮއިންޓް ކުރިއެވެ.

ނޮޓިންހަމްގެ ފޮރެސްޓްގެ އޯނަރު އިވެންޖެލޯސް މެރިނާކިސް: އޭނާ ދަނީ މި ސީޒަނަށް ހަތަރުވަނަ ކޯޗު ހޯދުމުގެ މަސައްކަތް ކުރަމުން --- ފޮޓޯ: ގެޓީ އިމޭޖަސް
ނޮޓިންހަމްގެ ފޮރެސްޓްގެ އޯނަރު އިވެންޖެލޯސް މެރިނާކިސް: އޭނާ ދަނީ މި ސީޒަނަށް ހަތަރުވަނަ ކޯޗު ހޯދުމުގެ މަސައްކަތް ކުރަމުން --- ފޮޓޯ: ގެޓީ އިމޭޖަސް

މަގާމުން ވަކިކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިޗް ބުނީ، ކްލަބުގެ ވެރިޔާ އިވެންޖެލޯސް މެރިނާކިސް، އޭނާއާ މެދު އިންސާފުން ކަންތައް ކުރި ކަމަށެވެ.

"ކްލަބްގެ އޯނަރު ބޭނުންވާނަމަ ބަދަލެއް ގެނައުމަކީ އޭނާގެ އިޚްތިޔާރުގައި އޮތް ކަމެއް. މިއީ ފުޓްބޯޅަ މިހާރު އޮތް ގޮތް،" ޑައިޗް ބުންޏެވެ.

އިވާންޖެލޮސް މަރިނާކިސް މި ނިންމުން ނިންމެވީ، އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅެއް ނުލިބުމުންނެވެ.

މި ސީޒަނަކީ ނޮޓިންހަމް ފޮރެސްޓަށް ވަރަށް ހަލަބޮލި ސީޒަނެކެވެ. ސީޒަން ފެށިއިރު ކޯޗަކަށް ހުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ ސެޕްޓެމްބަރު މަހު ވަކިކުރުމަށްފަހު، އެންޖް ޕޮސްޓެކޮގްލޫ ގެނައި ނަމަވެސް އޭނާ މަގާމުގައި ހުރީ އެންމެ 39 ދުވަހުއެވެ.

އިނގިރޭސި ފުޓްބޯޅައިގައި މިއީ ކޯޗުންގެ ވަޒީފާ ގެއްލުން ގިނަވެފައިވާ ދަނޑިވަޅުގައި، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ތޯމަސް ފްރޭންކް ވެސް ވަނީ ރޭ މަގާމުން ވަކިކޮށްފައެވެ.