ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލްގެ ފަހު ޖާގަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފި އެވެ.

އަހުމަދިއްޔާ ވަނީ ރޭ ސީއެޗްއެސްއީ މާލެއާ ވާދަކޮށް 3-0 އިން ބަލި ވެފަ އެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ވަނީ 4-1 އިން ސީއެޗްއެސްއީ ހުޅުމާލެ ބަލި ކޮށްފަ އެވެ.

މިއާ އެކު، ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވާ ސީއެޗްއެސްއީ މާލެ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓް ހޯދާފައި ވާއިރު، އަހުމަދިއްޔާ އާއި ވިލާ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ނަމަވެސް އަހުމަދިއްޔާއަށް ކުރި ލިބުނީ އެއް ގޯލުގެ ތަފާތުންނެވެ. އަހުމަދިއްޔާ އިން ޖެހި ހަތް ގޯލާއި ބައިކޮޅަށް ވަން ހަތަރު ގޯލާ އެކު ފައިދާ ތިން ގޯލު ހޯދާފައި ވާއިރު، ހަ ގޯލު ޖަހައިގެން ކޮޅަށް ވަން ހަތަރު ގޯލާ އެކު ވިލާއަށް ލިބުނީ ފައިދާ ދެ ގޯލެވެ.

އިއްޔެގެ މެޗުގައި ވިލާ ސްކޫލުން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް
އިއްޔެގެ މެޗުގައި ވިލާ ސްކޫލުން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

ރޭގެ މެޗުގައި ސީއެޗްއެސްއީ މާލޭގެ ލަނޑުތައް ޖެހީ މުހައްމަދު އާޔަން ޝާޒް އާއި އީދާން އަހުމަދު މޫސާ އަދި އަހްމަދުﷲ ޒަހުވާން އަބްދުﷲ ފާއިޒް އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލާގެ ލަނޑޫތައް ޖަހައިދިނީ މުހައްމަދު ޒީކް އަހުމަދާއި ކާއިން އަބްދުﷲ ފާއިޒްގެ އިތުރުން ލޫތު އިޒްއާން ބިން އަހުމަދާއި އަހުމަދު ލައިތު އައްބާސް އެވެ. ސީއެޗްއެސްއީ ހުޅުމާލޭގެ ލަނޑަކީ ވިލާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.