ވިކްޓަރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލި ކޮށް ބުރު ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ އުންމީދު ހޯދައިފި އެވެ.

މެޗުގައި ތިން ގޯލު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގަ އެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ބުރުން ލީޑު ނެގީ ހަސަން ގައިސް މުހައްމަދު ތަނަވަސް ކޮށްދިން ފުރުސަތަކުން ހަޑްސަން ޑި ޖީސަސް ޖަހައިދިން ގޯލުންނެވެ.

އޭގެ 20 މިނިޓު ފަހުން، މެޗުގެ 77 ވަނަ މިނިޓުގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައެއް ބުރުގެ ޑިފެންޑަރުން ބްލޮކް ކުރަން އުޅުމުގެ ތެރޭގައި މިލޯސް ލެޗްނީ އަށް ލިބުނު ފުރުސަތަކުން އޭނާ ވަނީ ވިކްޓަރީ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ވިކްޓަރީން ނަތީޖާ އެއްވަރު ކުރިތާ ހަތަރު މިނިޓު ފަހުން އަބްދުﷲ ޔާމީން (ޔާނު) ތަނަވަސް ކުރި ފުރުސަތެއްގައި ބުރަށް އަލުން ލީޑު ހޯދައިދިން ގޯލު ވެސް ޖަހައިދިނީ ޑި ޖީސަސް އެވެ.

ވިކްޓަރީ އާއި ބުރު ހިމެނެނީ މާޒިޔާ އާއެކު ގުރޫޕް 1ގަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި ބުރު ވަނީ މާޒިޔާ އަތުން 1-0 އިން ބަލި ވެފަ އެވެ.

މިއާ އެކު ބުރާއި މާޒިޔާ އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ގުރޫޕްގެ ފަހު މެޗުގައި ހޯމަ ދުވަހުގެ ރޭ 9 ޖަހާ އިރު މާޒިޔާ އާއި ވިކްޓަރީ ބައްދަލު ކުރާނެ އެވެ. މި ގުރޫޕުން ސެމީ ފައިނަލަށް ދާ ދެ ޓީމު ވެސް ކަށަވަރު ވާނީ އެ މެޗަށް ފަހު އެވެ.