ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ މާޒިޔާ 2-0 އިން ވިކްޓަރީ ބަލިކޮށް، ގުރޫޕް 1ގެ އެއްވަނަ ހޯދުމުން، ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓާ ވާދަކުރަން ޖެހިއްޖެ އެވެ.
މާޒިޔާގެ ދެ ގޯލު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
ލީޑު ނެގީ 36 ވަނަ މިނިޓުގައި ސާޖިއޯ މެންޑީ ޖަހައިދިން ގޯލުންނެވެ. އަހުމަދު އައިހަމް (ފަތޯ) އޭރިއާ ތެރެއިން ހޯދި ބޯޅަ އޭނާ ގޯލު ކުރިމައްޗަށް ނަގައިދިނުމުން މުހައްމަދު އިލާން އިމްރާން ޖައްސާލި ބޯޅަ ބޭރުވާން ދަނިކޮށް މެންޑީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
އޭގެ ތިން މިނިޓު ފަހުން ނާއިޒް ހަސަން (ދާދު) ހުރަސް ކޮށްލި ބޯޅަ ހައިޝަމް ހަސަން (ބިޑި) ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ވިކްޓަރީ ކީޕަރު ކިރަން ކުމާރު ލިމްބޫ އަތުގައި ޖެހިފަ އެވެ.
މިއާ އެކު، މާޒިޔާ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅު ވެފަ އެވެ. ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް ބަލި ކުރީ 1-0 އިންނެވެ. ގުރޫޕްގެ ދެވަނަ މެޗުގައި ބުރު ވަނީ 2-1 އިން ވިކްޓަރީ ބަލި ކޮށްފަ އެވެ.
މާޒިޔާ، މުބާރާތުގެ ސެމީ ފައިނަލްގައި ވާދަ ކުރަން ޖެހެނީ ގުރޫޕް 2 ގެ ދެވަނަ ލިބުނު ނިއު ރޭޑިއަންޓާ އެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 10 ޖަހާއިރެވެ.
ސެމީގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 10 ޖަހާއިރު ބުރު ސްޕޯޓްސް ކްލަބް ނުކުންނާނީ ގުރޫޕް 2 ގެ އެއްވަނަ ހޯދި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.