ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު 1-1 ގައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓް 5-4 އިން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ގިނަ މާޒިޔާ ބަލިކޮށް، މި ޑިވިޝަނުގައި ދާދި ފަހުން ވާދަކުރަން ފެށި އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މެޗު ފެށިގެން ތިން ވަނަ މިނިޓުގައި މާޒިޔާ ވަނީ ލީޑު ނަގައިފަ އެވެ. އޮޑީގެ ޑިފެންސަށް ރަނގަޅަށް ހަމަޖެހި ނުލެވެނީސް ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ.

ނަމަވެސް އޮޑިން ކުރިއަށް ޖެހިގެން ހޯދި ފުރުސަތުތަކުގައި އެ ޓީމުން ވަނީ 14 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މާޒިޔާގެ ކުޅުންތެރިއެއް އަތުން އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޯޅަ ހޯދައި އަރިމަތިން އަހުމަދު އައިހަމް (އައިހު) އަށް ދިން ބޯޅަ އޭނާ އޭރިއާ ތެރެއަށް ހުރަސް ކޮށްލުމުން، އަހުޒަމް ރަޝީދު އޭރިއާ ތެރޭ ހުރެ ހޯދި ބޯޅަ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީނޫ މާޝް ބްރައުން އެވެ.

ދެ ވަނަ ހާފުގައި ވެސް އޮޑިން ވަނީ މޮޅަށް ކުޅެ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ވެސް އޮޑި އަށް ކުރީކޮޅު އުނދަގޫތަކެއް ކުރިމަތިވި އެވެ. އެޓީމުގެ ބާނަބަސް ތޮތު ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ދެން ޖެހި ދެ ޕެނަލްޓީ ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ. ވައިސް ކެޕްޓަން އިއްބެ ފޮނުވާލި ޕެނަލްޓީ ކީޕަރު ހުސެއިން ޝަރީފް މަތަ ކުރި އިރު ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެކަމަކު މާޝް ބްރައުން އާއި އިސްލާމް ފެކްރީ އަދި ގާނިއު އަޓަންޑާ އޮގުންބޭ އަދި އައިހު ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. މޮޅުވި ޕެނަލްޓީ ޖެހީ އައިހު އެވެ.

މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނަޒީމް މަމަދުޒާދާ އަދި މުހައްމަދު އިލާން އިމްރާން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު އިބްރާހިމް އައިސަމް (ޓޯނީ) އާއި އަހުމަދު އައިހަމް (ފަތޯ)ގެ ޕެނަލްޓީ އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ދިފާއު ކުރި އިރު، ރޭގަން އޮބެންގްގެ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ނަމަވެސް އެ ޓީމުގެ ފަހު ޕެނަލްޓީ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ފޮނުވާލުމުން ވެސް ހުރަހަކަށް ވީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކީޕަރު ޝަފީއު އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އޮޑީގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އަހްޒަމް ރަޝީދު (އަހު) އެވެ.

އޮޑި ސްޕޯޓްސް ވަނީ މުޅިން އަލަށް މި ސީޒަނަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް ފަހު، ސީޒަން ފެށުމުގެ ކުރިން އޮތް އެފްއޭއެމް ލީގް ކަޕްގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި ވެސް އޮޑި އާއި މާޒިޔާ ބައްދަލު ކުރި އިރު، އެ ފައިނަލުން މާޒިޔާ މޮޅުވީ 4-0 އިންނެވެ.

މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގައި އޮޑި ނިންމާލީ މާޒިޔާގެ ފަހަތުން ތާވަލްގެ ދެ ވަނައިގަ އެވެ. ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗުން ވެސް މާޒިޔާ ވަނީ 1-0 އިން މޮޅު ވެފަ އެވެ.