މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި މާޒިޔާ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ވާދަ ކުރަން ޖެހިއްޖެ އެވެ.
މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޮޑި ވަނީ 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.
އޮޑީގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 51 ވަނަ މިނިޓުގައި އަހުމަދު އައިހަމް (އައިހު) ނަގައިދިން ބޯޅައެއް ބޮލުން ޖަހައިގެން ކާމިޔާބު ކުރީ އިސްލާމް ފެކްރީ އެވެ. އަދި 63 ވަނަ މިނިޓުގައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ދިން ތުރޫ ޕާހަކުން ދެވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަހުޒަމް ރަޝީދު (އަހޫ) އެވެ.
މާޒިޔާ ވަނީ ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލި ކޮށްފަ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 2-2 އިން އެއްވަރު ވުމުން ޕެނަލްޓީގައި ކުރި ހޯދީ 4-3 އިންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ވަނީ ފުރަތަމަ ހާފުގައި އަހުމަދު އައިހަމް (ފަތޯ) ގެ ގޯލުތަކުން ލީޑު ނަގައިފަ އެވެ. އެގޮތުން މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން އޭނާ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓުގަ އެވެ. އަދި ހަސަން ނަޒީމް (ޗޯޓު) ޖައްސާލި ބޯޅައެއް ހޯދައި ލީޑު ފުޅާ ކޮށްދިނީ 40 ވަނަ މިނިޓުގަ އެވެ.
ނިއު އިން ވަނީ 51 ވަނަ މިނިޓުގައި އެ ޓީމުގެ ޔާޔާ ބިލިޓީ ބޮލުން ޖައްސާލި ބޯޅަ ހޯދައި އަލްހާޖީ ގެރޯ ޖަހައިދިން ގޯލުން ފަރަގު ކުޑަ ކޮށްފަ އެވެ. އަދި އަލީ ފާސިރު (ސެންޓޭ) ދިން ޕާހަކުން 67 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ޕެނަލްޓީގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނަޒީމް މަމަދުޒާދާ އަދި ފަތޯ އާއި ރެގަން އޮބެންގް އެވެ. އިބްރާހިމް އައިސަމް (ޓޯނީ) ޖެހި ޕެނަލްޓީ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް މަތަ ކުރި އެވެ.
ނިއު އިން ކާމިޔާބު ކުރީ ގެރޯ އާއި ސެންޓޭ އަދި އަހުމަދު ހުސާމް (ހުސާންކޮ) ގެ ޕެނަލްޓީ އެވެ. ޔާޔާ ބިލިޓީ އާއި ދަގަނޑޭގެ ޕެނަލްޓީގެ ހުރަހަކަށް ވީ އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް އެވެ.
މިއީ އޮޑި ސްޕޯޓްސް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވެސް މާޒިޔާގެ ފަހަތުން ދެވަނައިގައި ނިންމައިފަ އެވެ. ލީގުގައި އޮޑީ އާއި މާޒިޔާ ބައްދަލު ކުރި ދެ މެޗުން ވެސް މާޒިޔާ ވަނީ 1-0 އިން މޮޅު ވެފަ އެވެ.
ގަލޮޅު ދަނޑުގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10 ޖަހާއިރެވެ.