އާ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޗެމްޕިއަން މާޒިޔާ އަށް ފެށުން ކާމިޔާބުކޮށްފި އެވެ

މިފަހަރުގެ ދިވެހި ލީގަކީ މާލޭން ބޭރުގައި މެޗުތައް ކުޅޭ، ފުރަތަމަ ފަހަރެވެ. ހއ. ދިއްދުއާއި ގދ. ގައްދޫ ލީގުގައި ކުޅޭ ހޯމް މެޗުތައް ކުޅޭނީ އެ ދެ ޓީމު ނިސްބަތްވާ އެ ދެ ރަށުގަ އެވެ. އެހެންވެ، މިއީ ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ މައި ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. 

ލީގު ހުޅުވަން، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށީ މުނިފޫހިފިލުވުމުގެ ރަސްމިއްޔާތުތަކާ އެކު އެވެ. ނަމަވެސް ނާލޭގެ މާލޭގެ ދަނޑުގައި އެ ޖޯޝާއި ފޯރިއެއް ނެތެވެ. ދިއްދުއާއި ގައްދޫގައި ކުޅޭ މެޗުތައް ފޯރިގަދަ ވާނެ ކަމަށް ބެލެވެ އެވެ. 

މާލޭގައި ކުޅުނު މެޗުގައި ދެ ޓީމުގެ ކުޅުމުން ވެސް މާ ބޮޑު ބަދަލުތަކެއް ނުފެނުނެވެ. 

ތަފާތަކަށް ވީ ޕެނަލްޓީއެކެވެ. މެޗުގެ ހަމައެކަނި ލަނޑު މާޒިޔާ އަށް އެ ޕެނަލްޓީން ޖަހައި ދިނީ ބެންޖަމިން ތޯމަސް ކޫކޫ އެވެ. ކަޕްވިނާސް ކަޕްގެ ތަށި މާޒިޔާ އަށް ކަށަވަރުކޮށް ދޭން، ނިއު ރޭޑިއަންޓާ ދެކޮޅަށް ޕެނަލްޓީޝޫޓްއައުޓްގެ ފަހު ޕެނަލްޓީ ވައްދާލީ ވެސް ނައިޖީރިއާގެ ފޯވާޑް ކޫކޫ އެވެ. 

ރޭގެ މެޗުގައި ވެސް އޮޑީގެ ކީީޕަރު މުހައްމަދު އަޝްވާން އަށް، އެއްވެސް ފުރުސަތެއް ނުދީ ކޫކޫ ޕެނަލްޓީ ވައްދާލި އެވެ. މެޗުގެ 12 ވަނަ މިނެޓްގައި ވައްދާލި، އެ ލަނޑުން ނަތީޖާ ބަދަލު ކުރި އެވެ. 

އެކަމަކު އެ ޕެނަލްޓީ މާޒިޔާ އަށް ހޯދައި ދިން ޒުވާން ކުޅުންތެރިޔާ އަބްދުﷲ ލޫތު އިބްރާހިމްގެ މަސައްކަތް މާ ބޮޑަށް ފާހަގަވެ އެވެ. 

މާޒިޔާގެ ފަހަތުން، އަހްމަދު އައިހަމް (ފަތޯ) ވިންގަށް ބޯޅަ ކުރިއަށްލައި ދިނީ އެ ބޯޅަ އަށް ލޫތު އަރާނެކަން އެނގިގެންނެވެ. އޮޑީގެ ހާފުގެ އަރިމަތިން މެދަކާ ހިސާނުން ބޯޅަ ލިބިގަނެ، އަރިމަތިން އަރައިގެން، އޭރިއާގެ ތެރެއަށް އޭނާ ވަދެގެން ދިޔަ އެވެ. 

ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި މުޒުދާން ހަސަން ވެސް ކަޓުވާލުމަށް ފަހު އެވެ. ލޫތު މަސައްކަތް ކުރީ ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލުމަށެވެ. އެކަމަކު އޭނާ ހުއްޓުވީ، ހޮކޭ ކުރި ފައުލުންނެވެ. އޭނާގެ ފައިގައި އަތުން ހިފަހައްޓައި އޭރިއާގެ ތެރެއަށް ވައްޓާލި އެވެ. މެޗުގެ ރެފްރީ ޖާވިޒް މުހައްމަދު، ވަގުތުން އަތުން އިޝާރާތްކޮށް ޕެނަލްޓީއެއް ކަމަށް ދެއްކި އެވެ. 

މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނަށް މެޗުގެ ކުރީކޮޅު އަނިޔާއެއް ވެގެން ބަދަލު ކުރި އެވެ. ކޫކޫ ކުޅެން ނުކުތީ އިލާންގެ ބަދަލުގަ އެވެ.