މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް އަދި އޮޑީގެ ކޯޗު އެންޑްރެސް ގާސިއާ: ދެ ކޯޗުން ވެސް ފާހަގަ ކުރީ ރާއްޖޭގެ ލީގުގެ ފެންވަރު ރަނގަޅުކަން --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
29 ސެޕްޓެމްބަރ 2025 - 16:48
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފެންނަ ވާދަވެރިކަމާއި ޓީމުތަކުގެ ކުޅުމުގެ ފެންވަރަށް، ބިދޭސީ ދެ ކޯޗުން ތައުރީފު ކޮށްފި އެވެ.
ރާއްޖޭގެ މައި ފުޓްބޯޅަ ލީގު، މި މަހު ފެށީ ދޮޅު އަހަރުގެ ދިގުމުއްދަތަކަށް ފަހު އެވެ. އެހެންވެ އެހާ ދިގު މުއްދަތެއް ރަސްމީ އެއްވެސް މުބާރާތެއް ނެތި ދިވެހި ފުޓްބޯޅަ ކަޑަތުކުރުމަށް ފަހު ލީގުގެ ވާދަވެރިކަމާއި ފެންވަރު ދަށްވެ ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ލީގުގައި ޓީމުތަކުގެ ވާދަވެރިކަމާއި ކުޅުމުގެ ފެންވަރު ރަނގަޅު ކަމަށް މާޒިޔާ އާއި އޮޑި ސްޕޯޓްސްގެ ކޯޗުން ފާހަގަ ކުރި އެވެ.
މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ ލީގުގެ ޕޮއިންޓް ތާވަލަށް ބެލުމުން އެ ވާދަވެރިކަން ފެންނާނެ ކަމަށެވެ.
"ތިން ހަތަރު ފަސް ޓީމެއް އެއްވަނަ މަގާމަށް ވާދަކުރާތަން އެބަ ފެނޭ،" ލީގުގެ ފެންވަރު ރަނގަޅުކަން ހާމަކޮށް ލުއިސްމާ ވާހަކަ ދެއްކި އެވެ.
އޭނާ ބުނީ ބައެއް ޓީމުތަކުން ސީޒަނަށް ލަހުން ތައްޔާރުވާން ފެށުމުން ބައެއް މެޗުތަކުގެ ނަތީޖާތައް ތަފާތު ބޮޑުކޮށް ފެނުނު ކަމަށެވެ. އެކަމަކު އެ ޓީމުތަކުން ވެސް ފުރަތަމަ މެޗަށް ވުރެ ދެވަނަ މެޗުގައި ރަނގަޅަށް ކުޅުނުތަން ފެނުނު ކަމަށް ސްޕެއިންގެ ތަޖުރިބާކާރު ބުންޏެވެ.
އޮޑީގެ ކޯޗު އެންޑްރެސް ގާސިއާ ބުނީ ހުރިހާ ޓީމަކުން ވެސް ރަނގަޅު މެޗުތަކެއް ކުޅެން މަސައްކަތްކުރާތަން ފެންނަ ކަމަށެވެ. ހާއްސަކޮށް ލީގުގެ ދެވަނަ ހަފުތާގެ މެޗުތަކުގައި އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށް ތަޖުރިބާކާރު ބުންނެވެ.
"(ދެވަނަ ހަފުތާގެ މެޗުތަށް ނިމުނު އިރު) އެނގިއްޖެ ލީގުގެ ވާދަވެރިކަން ރަނގަޅުކަން. ހުރިހާ ޓީމަކުން ވެސް ރަނގަޅު ކުޅުމެއް ދައްކަން ފަށައިފި. ކުޅުމުގެ ފެންވަރު ވެސް ރަނގަޅު،" އޭނާ ބުންޏެވެ.
ޓީމުތަކުގެ ކޯޗުންގެ މަސައްކަތާއި ފެންވަރު ވެސް ރަނގަޅު ކަމަށް ސްޕެއިން އަށް ނިސްބަތްވާ ގާސިއާ ބުންޏެވެ.
"ޓީމުތަކުގެ ކޯޗުންގެ މަސައްކަތް ވެސް ރަނގަޅު. މި ލީގުގެ ފެންވަރު އަހަންނަށް ވަރަށް ރަނގަޅު،" ގާސިއާ ބުންޏެވެ.
މާޒިޔާގެ ލުއިސްމާ ބުނީ ލީގުގެ ވާދަވެރިކަމާއި ކުޅުމުގެ ފެންވަރު ރަނގަޅުވުމުން އޭގެ ފައިދާ ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށެވެ.
ގައުމީ ޓީމަށް އެ ފައިދާ ލިބުމަކީ، އޭނާ ސިފަ ކުރި ގޮތުގައި މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ މުހިންމު "ޚަބަރެވެ."
"މިއީ ގައުމީ ޓީމަށް އުފާވެރި ޚަބަރެއް. ހުރިހާ ޓީމަކުން ވެސް ރަނގަޅަށް ވާދަކުރާތަން ފެނުމަކީ،" ލުއިސްމާ ބުންޏެވެ.
"ހަމައެކަނި މާޒިޔާއަކުން ނޫން. ހުރިހާ ޓީމަކުން ވެސް ގައުމީ ޓީމަށް އެހީވާތަން މި ފެންނަނީ."
އޭނާ ބުނީ ސީޒަންގެ މެދުތެރެއިން ދެ އަންނަ ޓްރާންސްފާ ޕީރިއަޑްގައި ގެންނަ ބަދަލުތަކާ އެކު ޓީމުތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
29 September 2025
މޮޅެތި ހުނަރު ހުރި މީޙުން އެބަ ހުއްޓެވެ. މަދު ވަނީ އަހްލާގް އާއި ބުންވަރެވެ.