މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ކުޅުންތެރިންނާއި، ކޯޗުންނާއި، އޮފިޝަލުން، އަދި ނޫސްވެރިން ނޮމިނޭޓްކުރަނީ އެސޯސިއޭޝަންތަކުން ކަމަށާއި އެކަމުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، އެވޯޑް އިންތިޒާމްކުރާ ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.
މާދަމާރޭ ބާއްވާ އެވޯޑުގެ ބައެއް ނޮމިނޭޝަންތަކާ މެދު ސޯޝަލް މީޑިއާގައި އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބައެއް ކުޅިވަރުތަކުން އެއްވެސް ކުޅުންތެރިޔަކު ނޮމިނޭޓެއް ނުވެ އެވެ. އެތައް ކާމިޔާބެއް ހޯދި ކޯޗުންނާއި، ހިދުމަތްތެރި ރެފްރީން ވެސް ބާކީވެފައި އެބަހުއްޓެވެ. މީޑިއާ ކެޓަގަރީން ނޫސްވެރިޔާގެ އެވޯޑާއި، ވިޝުއަލް އާޓިސްޓްސްގެ އެވޯޑަށް އަދަދު ހަމަވާ ވަރަށް ނޮމިނޭޓެއް ނުވެ އެވެ. އޭގެ ތެރެއިން ވެސް، ފާހަގަކުރެވޭ އެތައް ބަޔަކު ނޮމިނޭޓްނުވާތީ ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ސްޕޯޓްސް ކައުންސިލުން ހަދާފައިވާ އެވޯޑުގެ އުސޫލުގައިވާ ގޮތުން ހުރިހާ ކެޓަގަރީއަކަށް ވެސް ނޮމިނޭޝަންސް ފޮނުވުމުގެ ފުރުސަތު އޮންނަނީ އެސޯސިއޭޝަންތަކަށް ކަމަށެވެ.
"ފަނޑިޔާރުންގެ މޭޒުމައްޗަށް އެސޯސިއޭޝަންތަކުން ފޮނުވާ ނަންތަކާއި، ޕޯޓްފޯލިއާ އަށް ފަނޑިޔާރުން އިންސާފުކުރައްވާނީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ފަހަރު ބައެއް އެސޯސިއޭޝަންތަކުން ނޮމިނޭޝަންސް ފޮނުވިއިރު އަދަދު ވެސް ހަމަކޮށްފައިނުވާ ކަމަށާއި، ބައެއް އެސޯސިއޭޝަންތަކުން އެއްގޮތަކަށް ވެސް ނުފޮނުވާއިރު، މުއްދަތު ހަމަވި ފަހުން ވެސް ބައެއް އެސޯސިއޭޝަންތަކުން ފޮނުވި ކަމަށެވެ.
އެގޮތުން ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި، ސާފިން އިން މޮޅު ކުޅުންތެރިޔާ އަށް އެއްވެސް ކުޅުންތެރިޔަކު ނޮމިނޭޓް ނުކުރެ އެވެ. މީގެ ތެރެއިން ފުޓްބޯޅައިގެ ހަރަކާތެއް 2024 ގައި ނެތްއިރު، ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ނަންތައް ނުފޮނުވީ އެންމެ މުބާރާތެއް އޮތުމުން ކަމަށް ބުނެ އެވެ. ސާފިން އިން ނަން ފޮނުވީ މުއްދަތު ހަމަވި ފަހުންނެވެ.
"އަޅުގަނޑުމެންނަށް ވެސް އެބަ އެނގޭ މިވެނި ކުޅުންތެރިޔަކު، ނޫނީ ރެފްރީއަކު، ނުވަތަ ކޯޗަކު ނޫނީ ނޫސްވެރިޔަކު ވަރަށް ރަނގަޅަށް ޕާފޯމްކުރިކަން. އެކަމަކު މިހާރު އުސޫލު އޮންނަ ގޮތުން، އެސޯސިއޭޝަނަކުން އެ ނަމެއް ނުފޮނުވާ ނަމަ މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނޯވޭ،"
އޭނާ ވިދާޅުވީ މި ފަހަރުގެ ތަޖުރިބާ އަށް ބަލާއިރު، ނޮމިނޭޓްކުރުމުގެ ފުރުސަތު ހަމައެކަނި އެސޯސިއޭޝަންތަކަށް ދިނުމުން ބައެއް ފަރާތްތަކުގެ ހައްގު ގެއްލޭތީ، އުސޫލު ބަދަލުކޮށް، އަމިއްލަ އަށް ވެސް ނަން ހުށަހެޅޭ ގޮތަށް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ސްޕޯޓްސް ކައުންސިލުން އެކަމާ ވިސްނަވާނެ ކަމަށް އުއްމީދުކުރަނީ،"