ފުޓްބޯޅައިގެ ފެންވަރަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފެށި އެންމެ މުހިއްމު އެއް ސަބަބަކީ އެކަޑަމީ ލެވެލުން ފެށިގެން ގައުމުތަކުން ހެދި ޕްލޭންތަކާ އެކު އެވެ. ކޮންމެ ގައުމަކުން އެ ޕްލޭން ހަދަނީ އެ ގައުމެއްގެ ސަގާފަތާއި އެހެން މުހިއްމު ކަންތައްތަކަށް ބެލުމަށް ފަހު އެވެ. އެކި ގައުމުތަކުގައި ކަންތައްތައް ކުރިއެރުވޭނީ މާހައުލާ ގުޅޭގޮތަށް ކަންތައްތައް ރޭވިގެންނެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އެފްއޭއެމްގެ އެކި ދައުރުތަކުގައި އެކި ޕްލޭންތަކުގެ ވާހަކަ ދެކެވެ އެވެ. އެކަމަކު އެކަޑަމީގެ މަސައްކަތްތަކެއް އަދިވެސް ރަނގަޅަށް ފަށައިގަނެވޭ ގޮތެއް ނުވެ އެވެ.

އެފްއޭއެމުން މީގެ ދެ އަހަރު ކުރިން ވަނީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް އެކަޑަމީ ހިންގުން ލާޒިމްކޮށްފަ އެވެ. އޭރު އެކަޑަމީތައް ކްލަބްތަކުން ފެށީ މާ ބޮޑު އޮނިގަނޑެއް އެކުލަވާލުމެއްނެތި އެ ވަގުތަކަށް އެންމެ ރަނގަޅު ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. އަދި ރާއްޖޭގެ ފެންވަރަށް ބަލާއިރު އެންމެ ރަނގަޅު ކޯޗުންގެ ބެލުމުގެ ދަށުންނެވެ. އެކަމަކު ރަނގަޅު ޕްލޭނެއް، އަމާޒެއް ނެތުމުން އެކަން ވެސް އެންމެ ރަނގަޅަކަށް ކުރިއަށް ނުވެ އެވެ.

މި އަހަރު ފުޓްބޯޅަ ކްލަބްތަކާ ކުންފުނިތައް ގުޅާލުމަށް އެފްއޭއެމުން ނިންމާފައިވާއިރު، ކްލަބާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގައި ކްލަބްތަކުގައި އުމުރުފުރާ ޓީމުތައް ހިމެނުމަށް ވަނީ ޝަރުތުކޮށްފަ އެވެ. ދުނިޔޭގައި ފުޓްބޯޅަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަނީ މި ފަދަ ސިސްޓަމަކަށެވެ.

ރާއްޖެއާ ސަރަހައްދީ ގޮތުން ފުޓްބޯޅައިގައި އެންމެ ވާދަވެރި ގައުމަކީ އިންޑިއާ އެވެ. އިންޑިއާ އިން ފުޓްބޯޅަ އަށް ހެދި ދުރުރާސްތާ ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއްދިނީ އެކަޑަމީތައް ހަރުދަނާ ކުރުމަށެވެ. އަދި އިންޑިއާ އިން ވިސްނީ ޔޫރަޕްގެ ކްލަބްތަކުގެ މޮޑެލަށް އެކަޑަމީ ހިންގުމަށެވެ. ޔޫރަޕްގައި ކުޅުންތެރިއަކު ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅޭއިރު އޭނާ ހުންނާނީ ޖޫނިއާ ލެވެލުގައި މަދުވެގެން 100 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އިންޑިއާ އިން ވެސް މިހާރު މަސައްކަތް ފަށާފައިވަނީ އެ ވިސްނުމުގަ އެވެ.

އިންޑިއާ އިން އެކަޑަމީތައް ތަރައްގީ ކުރުމަށް ހެދި ޕްލޭނުގައި އެހީތެރިކަން ހޯދީ އެންމެ ބޮޑު ދެ ފަރާތަކީ މަޝްހޫރު ދެ ކްލަބް ކަމަށްވާ ބަޔާން މިއުނިކާއި ލިވަޕޫލުންނެވެ. އެ ދެ ކްލަބްގެ އެހީތެރިކަމާ އެކު އިންޑިއާ އިން މިހާރު އަންނަނީ އެ ގައުމުގައި ވަރަށް ފުޅާކޮށް އެކަޑަމީ ހިންގަމުންނެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން އަންނަނީ އިންޑިއާގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެމުންނެވެ. މި އަހަރު އިންޑިއާގައި އޮންނަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އިންޑިއާ އަށް ކުޅޭ ގިނަ ކުޅުންތެރިންނަކީ މިދިޔަ ހަ ވަރަކަށް އަހަރުތެރޭ އިންޑިއާގެ އެކަޑަމީ ޕްލޭންގެ ތެރެއިން އުފެދުނު ކުޅުންތެރިންނެވެ.

ރާއްޖޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި އެކަޑަމީ ހިންގަމުން އަންނަ ފަރާތަކީ ކުރީގެ ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން އޭނާ ފެށި އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އަންނަނީ އުފެދެމުންނެވެ. އެކަމުގައި ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ޑިވިޝަންގެ ސީނިއާ ޓީމުތަކާ ހަމައަށް އެ ކުޅުންތެރިން ގެންނަން ރަނގަޅު ސިސްޓަމެއް ބިނާކުރެވިފައިނެތުމެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ބަލާއިރު ދެން އެކަޑަމީ އެންމެ ފުޅާކޮށް ހިންގާ ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުން އަންނަނީ ހަތަރު ރަށެއްގައި އެކަޑަމީ ހިންގަމުންނެވެ. ރާއްޖެ އަށް ބަލާއިރު މިއީ އެކަޑަމީ ހިންގަން ރަނގަޅު ގޮތެކެވެ. އެއީ ހަމައެކަނި މާލޭގައި އެކަޑަމީ ހިންގައިގެން އެންމެ ރަނގަޅު މަންފާ ނުކުރާނެތީ އެވެ.

"އެކަޑަމީ އެއް އެންމެ ފުރިހަމަ އަށް ހިންގުނު ކަމަށް ޔަގީންކުރެވޭނީ އޭގެ ތެރެއިން އަންނަ ކުޅުންތެރިން ސީނިއާ ޓީމުތަކަށް ކުޅޭ އަދަދު ގިނަވާން ފެށުމުން. މިއީ އެއް އަހަރު ދެ އަހަރުގެ މަސައްކަތެއް ނޫން. ގާތްގަނޑަކަށް 10 އަހަރުގެ ވާހަކަ މިދެކެވެނީ. މިކަމަށް ބޭނުންވަނީ ރަނގަޅު ސިސްޓަމެއް. އެ ސިސްޓަމް ގާއިމްކުރުން މުހިއްމީ،" ފުރަތަމަ ޑިވިޝަންގެ ކޯޗަކު އޭނާގެ ވިސްނުން "މިހާރަ"ށް ހިއްސާކުރި އެވެ.

ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެކަޑަމީ ހިންގުމުގައި ރާއްޖެ އަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ވަސީލަތްތައް ވެސް ނުލިބުމެވެ.

"އެކި ގައުމުތަކުގައި ކަން ހިނގާނީ އެކި ގޮތަށް. ފުޓްބޯޅައިގައި މިހާރު ދުނިޔެއަށް ބެލިއަސް ވަރަށް މުހިއްމު ދަައުރެއް އަދާކުރޭ ސްޕޮންސަރުންނާއި އެކި ކަންތައްތައް. އެއީ ވަސީލަތްތައް ގާއިމްކޮށް ފުރުސަތު އިތުރުކުރުމަށް މި ކަންކަމަށް ބަލާއިރު ރާއްޖޭ އަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް މަދުވުން. މިހާރު އެކަޑަމީ އެއް ހިންގަން ވެސް އެކަމަށް ހާއްސަ ދަނޑެއް އޮންނަނަމަ އެވެސް ފަސޭހައެއް،" ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗަކު ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ތަފާތު ގޮންޖެހުންތައް އެބަހުއްޓެވެ. އެހެން ނަމަވެސް މަސައްކަތް ކޮށްފިނަަމަ ކަންތައްތައް ހައްލުކޮށްގެން ފުޓްބޯޅަ ކުރިއެރުވޭނެ ފަދަ ހުނަރުވެރި ކުޅުންތެރިން މި ގައުމުގައި އުފެދެ އެވެ. ބޭނުންވަނީ އެ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަމެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ އެކަޑަމީ ލެވެލުން ފެށިގެން ކުޅުންތެރިން ތަރައްގީ ކުރަން ފެށުމެވެ. ހަމައެކަނި ސީނިއާ ޓީމަކަށް ވިސްނައިގެން ފުޓްބޯޅަ ކުރިއަރުވަން ވިސްނައިފިނަމަ ދުރު މުސްތަގުބަލުގައި ހާސިލްކުރެވޭނެ އެއްޗެއް ނެތެވެ.