ހީނާ އަހުމަދު ސަލީމް ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ތިން ކުޅިވަރެއްގައި ގައުމީ ޓީމު ތަމްސީލްކުރި ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގައި ހެއްޔެވެ؟ ކްލަބް ވެލެންސިއާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ފަހުން އެ ކްލަބަށް ކަޕްވިނާސް ކަޕް ކާމިޔާބުކޮށްދިން ކޯޗުގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ފުރަތަމަ ޕޮމިސް ކަޕުގައި 1987 ވަނަ އަހަރު ރެފްރީކަންކޮށް އޭގެ 10 އަހަރު ފަހުން އެ މުބާރާތް ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިން ކޯޗުގެ ގޮތުގައި ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ މި ހުރިހާ ކަމަކަށް ވުރެ ބޮޑުހީނާގެ ނަން ބިންވަޅު ނެގިފައިވަނީ ކުޅުންތެެރިން އުފެއްދުމުގެ ދާއިރާގައި ކަމެވެ. އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ނަމުގައި މީގެ 12 އަހަރު ކުރިން ރަސްމީކޮށް ފެށި މި މަސައްކަތަކީ އޭގެ ފުރިހަމަ ހެއްކެކެވެ. އެކަމަކު މިއީ ހީނާ މާ ކުރިން ފަށާފައިވާ މުހިއްމު މަސައްކަތެކެވެ.

ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނި ފުޓްބޯޅަ ކެރިއަރަށް ރަނގަޅު ފެށުމެއް ލިބުނު ނަމަވެސް ހީނާގެ ވިސްނުން އެންމެ ޅަ ދުވަހުން ފެށިގެން ހުރީ ޓީމު ލީޑްކޮށް، ކޯޗުކޮށްދީ ފުޓްބޯޅައިން މީހުން އުފެއްދުމާ ދިމާލަށެވެ. ޒުވާންތަކެއް ގުޅިގެން 1979 ވަނަ އަހަރު ވެލެންސިއާ އުފެއްދުމުގެ ފަހަތުގައި އޮތީ ވެސް އެ ވިސްނުމެވެ. ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ވެސް އެ ކްލަބުގެ ޕްރެކްޓިސް ކުރިއަށް ގެންގޮސް ޓީމު ބައްޓަން ކުރުމުގައި އިސް ދައުރެއް އަދާކުރި އެވެ.

"މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު ވެސް އަޅުގަނޑުގެ ކިބައިގައި ހުންނަ ކަމެއް އެއީ މީހުން ލައްވާ ކަންތައް ކުރުން. މީހުން ގޮވައިގެން އުޅުމުގެ ބައި މިއީ އަޅުގަނޑަށް ގުދުރަދީ ގޮތުން ވެސް އައިސްފައި ހުންނަ ކަމެއް. އޭގެ ފަހަށް ބަލާއިރު ވެލެންސިއާގައި ވެސް ޓީމު ގެންއުޅުނީ އަޅުގަނޑު. މާބޮޑު ކޯޗިންއެއް ނޯންނާނެ އެކަމަކު ޕްރެކްޓިހުގައި ޓީމު ލައްވައި ވޯމްއަޕްކޮށްލައި ކުޅުވައި މިފަދަ ކަންކަން ކުރަން. އޭރުއްސުރެ ކޯޗިން އަށް ޝައުގުވެރިކަން ހުރޭ،" ހީނާ ކުރީގެ ހަނދާންތައް އާކުރި އެވެ.

ހީނާ (މެދު ބަރީގެ ކ-3) ގައި: މިއީ ވެލެންސިއާ އިން ކުޅުނު ރަސްމީ ފުރަތަމަ މެޗު. --ފޮޓޯ: ކްލަބް ވެލެންސިއާ
ހީނާ (މެދު ބަރީގެ ކ-3) ގައި: މިއީ ވެލެންސިއާ އިން ކުޅުނު ރަސްމީ ފުރަތަމަ މެޗު. --ފޮޓޯ: ކްލަބް ވެލެންސިއާ

އޭރު އޭނާ އަކީ ރާއްޖޭގެ ކުޅިވަރުގެ އުދަރެހުގައި އެންމެ އަލިގަދަ އެއް ތަރި އެވެ. ވެލެންސިއާ ޓީމަށް ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޮކީ އަދި ކްރިކެޓް ކުޅުނުއިރު 1984 އަދި 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކުރި އެވެ. އަދި 1985 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދި ބެޑްމިންޓަން ޓީމުގައި ހިމެނުނެވެ.

ރާއްޖޭގައި ކުޅޭ ގިނަ ކުޅިވަރުތަކެއްގައި 11 އަހަރު ވާދަކުރުމަށް ފަހު ހީނާ ދެން ވަނީ ރަސްމީކޮށް ކޯޗިންގެ ތެރެއަށެވެ. ރާއްޖެ ފުޓްބޯޅައިން ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދިއިރު ހީނާ އަކީ އެސިސްޓަންޓް ކޯޗެކެވެ. އޭގެ ހަތަރު އަހަރު ފަހުން 1995 ވަނަ އަހަރު ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށްދިނެވެ. އިންޑިއާގެ ގަދަބާރު މޯހަން ބަގާން ބަލިކޮށް 1995 ގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރަށް ވެލެންސިއާ ގެންގޮސްދިނުމާއި ވާދަވެރި ނިއު ރޭޑިއަންޓަށް 1997 ވަނަ އަހަރުގެ ޕޮމިސް ކަޕް ކާމިޔާބުކޮށްދިނުމަކީ ވެސް ހީނާގެ ކޯޗިންގެ ކެރިއަރުގެ އުސްއަލިތަކުގެ ތެރޭގައި ހިމެނޭ ކާމިޔާބެކެވެ.

އެކަމަކު އޭނާ އެންމެ ޝައުގުވެރިކަމާ އެކު ކުރި އެއް މަސައްކަތަކީ އަމީރު އަހުމަދު ސްކޫލުގެ ޓީމް ތައްޔާރުކުރުމާއި އަމިއްލަ އަށް އުފެއްދި ޔޫތު ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިނުމެވެ. ގައުމީ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އައްސަދު އަބްދުލްގަނީ އާއި އަލީ އުމަރު ފަދަ ކުޅުންތެރިންނަކީ އަމީރު އަހުމަދުގައި ހީނާ ތައްޔާރުކުރި ކުޅުންތެރިންނެވެ. އަދި ޔޫތަށް ހަ އަހަރު ކޯޗުކޮށްދިނީ، އެ ޓީމު މެދުވެރިކޮށް އެ ކުޅުންތެރިން ގަލޮލު ދަނޑަށް ނެރެދިނެވެ.

"އަހަރެމެން ބޮޑުހީނާ އަށް ޝުކުރުއަދާކުރަން ޖެހޭ އަލީ އުމަރު ފަދަ ހުނަރުވެރި ކުޅުންތެރިއެއް ފާހަގަކޮށް ދިވެހި ފުޓްބޯޅަ އަށް ނެރެދިނީތީ،" ވެލެންސިއާގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްކޯ ކިސް ބުންޏެވެ.

އަލީ އުމަރު ނިއުގެ ޖާޒީގައީ: އޭނާ އަކީ ހީނާގެ އުފެއްދުމެއް.
އަލީ އުމަރު ނިއުގެ ޖާޒީގައީ: އޭނާ އަކީ ހީނާގެ އުފެއްދުމެއް.

ޔޫތު ޑިވެލޮޕްމަންޓުގެ ތެރެއަށް ހީނާ ވަނީ 1997 ވަނަ އަހަރު 14 އަހަރުން ދަށުގެ ކުދިންތަކެއް ތަމްރީން ކުރަން އަމިއްލަ އަށް އިސްނަގައިގެން ފެށި މަސައްކަތަކާ އެކު އެވެ. އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވުނު ނަމަވެސް 2004 ވަނަ އަހަރުގެ އޭޕްރިލް 25 ގައި، ހީނާގެ 44 ވަނަ އުފަންދުވަހު އޭނާގެ ހުވަފެނީ މަސައްކަތް ފެށި އެވެ. އާލީ ޓަޗް ފުޓްބޯލް އެކަޑަމީ އެވެ!

"އެކަޑަމީ އެއް ހަދަން އަބަދުވެސް ބޭނުންވެފައި ހުރީ. އެކަމަކު ފަށަން ފަށަން ތިބީ އެއްޗެއް ނެތިގެން ފެށޭނެ ގޮތެއް ނެތިފައި. އެންމެ ފަހުން މީހެއް ކައިރީ އާދޭސްކޮށްގެން ހޯދި 10 ބޯޅައިން ފަށައިގަތީ. އެންމެ ފުރަތަމަ ރަށްޓެހިންގެ އަށެއްކަ ކުދިން ގެނެސްގެން ތަމްރީން ދިނީ،" ހީނާ ބުންޏެވެ.

އެކަމަކު 12 އަހަރުވީ އިރު މަންޒަރު ބަދަލުވެއްޖެ އެވެ. އަށް ކުދިންނާ އެކު ފެށި އެކަޑަމީގައި މުޅި ރާއްޖެ އަށް ފުޅާކޮށް މިވަގުތު ވެސް އެއްހާހަށް ވުރެ ކުދިން ރަޖިސްޓަރީގައި އެބަ ތިއްބެވެ. މާލޭގައި 400 އެއްހާ ކުދިން ތިބިއިރު ހދ. ކުޅުދުއްފުށީގައި 250 ކުދިން، ސ. މީދޫގައި 150 ކުދިން، ފުވައްމުލަކުގައި 90 ކުދިން އަދި ގދ. ތިނަދޫގައި 180 ކުދިންނަށް ހީނާގެ އެކަޑަމީން އަންނަނީ ތަމްރީން ދެމުންނެވެ. މި ކުދިންނަށް ކޯޗުކޮށްދޭން 40 ކޯޗުން މުޅި ރާއްޖޭގައި ހަރަކާތްތެރިވެ އެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހީނާގެ މަސައްކަތުގެ ނަތީޖާ ވެސް ފެންނަނީ ވަރަށް ރަނގަޅަށެވެ. ދާދި ފަހުން ނިމުނު 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވެސް ހީނާގެ އެކަޑަމީން ތަމްރީންވި ކުދިން ގިނަ އެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގައި ވެސް ގިނައީ ހީނާގެ ކުޅުންތެރިންނެވެ.

"އަދި ކިރިޔާ ކުޅުންތެރިން ނުކުންނަން ފެށީ. އަޅުގަނޑުމެން އެކަޑަމީއާ އުމުރުން ފަސް އަހަރުގައި ޖޮއިންކޮށްގެން ތަމްރީންވާން ފެށި ކުދިން މިހާރު އެ ނުކުންނަނީ ސީނިއާ ފުޓްބޯޅައަށް،" ހީނާ ބުންޏެވެ.

އެކަޑަމީ އެންމެ ބޮޑަށް ފަހުރުވެރިކޮށްދޭ އެއް ކުޅުންތެރިޔަކީ އިންޓަ ސްކޫލުގައި އާދާޔާހިލާފު ހުނަރެއް ދެއްކި އަދި ފަހުން ސްޕެއިނުގެ ބާސެލޯނާގެ އެކަޑަމީގައި ތަމްރީންވި މުހައްމަދު މިރާޝް އިމްތިޔާޒެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ތަމްރީންވި، ހީނާ އަށް ބޮޑުބޭބެ ކިޔާ އިސްމާއިލް ޒާން އާމިރަކީ ވެސް ހަމަ މި އެކަޑަމީގެ އުފެއްދުމެކެވެ.

"މިރާޝް ބޭބީނާސަރީން ފެށީ. އަޅުގަނޑުމެން އުރައިގެން ގެންއުޅުނީ. އެހާ ވެސް ތުއްތު އިރު އަޅުގަނޑުމެން އެކަޑަމީއާ ޖޮއިންކުރީ،" ހީނާ ބުންޏެވެ.

މިހުރިހާ ކަމަކާ އެކު ވެސް އަދިވެސް އެކަޑަމީގެ މަސައްކަތްތައް ހުރީ ހީނާ އެންމެ ހިތްހަމަޖެހޭ ފެންވަރެއްގައެއް ނޫނެވެ. ކަންކަން އަޕްގްރޭޑްކުރަން އޮތް ހުރަހަކީ ފައިސާ އެވެ. ބަޔެއްގެ އެހީނެތި އަދިވެސް ބޮޑެތި ކަންކަން ކުރެވެން ނެތެވެ.

"ފެސިލިޓީޒް އެންމެހާ ދަތި. އަޕްގްރޭޑް ކުރެވޭކަށް ނޯވޭ ބަޔެއްގެ އެހީއެއް ނެތި. މިސާލަކަށް ބަލަންޏާ މިހާރު ކުދިންނަށް މިދެނީ ޖާޒީ އާއި ސޯޓާއި އިސްޓާކީން. ކުދިންނަށް ދަބަސް ދޭން ބަލާއިރު ބަޖެޓެއް ނޯވޭ. ރަނގަޅު އެހީއެއް ލިބިއްޖެއްޔާ ވަރަށް ރަނގަޅަށް ގެންދެވޭނެ،" ސްޕޮންސަރުންގެ އެހީއަށް އެދިގެން ހުރި ހީނާ ބުންޏެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ކުދިން ތަމްރީން ހަދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ކުދިން ތަމްރީން ހަދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ވަގުތު އެންމެ އިސްކަން ދެނީ ކޯޗުން ތަމްރީން ކުރުމަށެވެ. ކުދިންނަށް ތަމްރީން ދޭ ކޯޗުންނަކީ އެކަށީގެންވާ ފެންވަރުގެ ކޯޗުންނަށް ހެދުމަށްޓަކައި ހީނާ ވަނީ އަންނަ އަހަރަށް ކޯޗިން ކޭމްޕްތަކެއް ބާއްވަން ރާވައިފަ އެވެ. އެކަޑަމީގެ ގިނަ ކޯޗުންނަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހީނާގެ ކޮއްކޮ އަދި ކުރީގެ އެއް ވަނަ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަހުމަދު ނާޝިދު (ނާދު) ހިމެނެ އެވެ.

ކުދިން ތަމްރީންކުރުމުގެ އިތުރުން ސްކޫލްތަކުގެ ޓީމުތައް މުބާރާތްތައް ވެސް އެކަޑަމީން ތައްޔާރުކޮށްދެ އެވެ. މީގެ އިތުރުން ޖޫނިއާ ގައުމީ ޕޫލްތަކަށް ކުޅުންތެރިން ހޮވައިދެ އެވެ. އެހެންކަމުން ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އާލާވޭތޯ، މި ސުވާލަށް އެންމެ ފުރިހަމަ ޖަވާބެއް ދެވޭނެ އެކަކަކީ ހީނާ އެވެ.

"ވަރަށް ހުނަރުވެރި ކުދިން އެބަތިބި. ސަތޭކަ ކުދިން އައިސްފިއްޔާ 25 ކުދިން ހޮވާލެވޭނެ ވަގުތުން. މާނައަކީ ހަތަރު ބައި ކުޅަ އެއްބައި ކުދިންނަކީ ވަރަށް ހުނަރުވެރި ކުދިންނޭ،" ހީނާ ބުންޏެވެ.

އެ ކުދިންގެ ހުނަރު ގައުމީ ޓީމާ ހަމަޔަށް ނާންނަނީ ކީއްވެ ހެއްޔެވެ؟ ހީނާ ދެކޭ ގޮތުގައި ރާއްޖޭން ކުޑައިރު ތަމްރީން ހޯދުމަށް ފަހު ސީނިއާ ލެވެލްގައި ކުޅުމުގެ ކުރިން ރާއްޖޭން ބޭރަށް ފޮނުވައިގެން އެ ކުދިންނަށް ފެންވަރު ރަނގަޅު ތަމްރީންދީ އަދި ބޭރުގެ ޕްރޮފެޝަނަލް މާހައުލަށް ހާނުވަން ޖެހެ އެވެ. ތަފާތު ގެނެވޭނީ އޭރުންނެވެ.

"އަބަދުވެސް ކޮންމެ އޭޖް ގްރޫޕަކުން ފަސް ވަރަކަށް ކުދިން ނުވަތަ ކޮންމެވެސް އެއް އޭޖަކުން ކުދިންތަކެއް ބޭރުގެ އެކަޑަމީތަކަށް ފޮނުވަންވީ. އޭރުން އެ ކުދިން ނިންމާފައި އައިސް އެކުގައި ގައުމީ ޓީމަށް ކުޅެން ފެށޭނީ. ޔަގީނުން ވެސް އޭރުން މި ރީޖަންގައި ގައުމީ ޓީމު ބައްޔެއް ނުކުރެވޭނެ،" ހީނާ އިތުބާރާ އެކު ބުންޏެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ރާއްޖޭގެ މާހައުލާއި އާދަކާދަތައް ހުންނަ ގޮތުން، ކުޅުންތެރިޔާ ޕްރޮފެޝަނަލް ވުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ޑިސިޕްލިން އާއި މިހުރިހާ ކަމެއް ބަދަލުކުރެވޭނީ ބޭރުގެ އެކަޑަމީތަކުން ކަމަށް ގަބޫލުކުރެ އެވެ.

"ކުޑައިރުން ފެށިގެން ތަމްރީންދޭ. އެކަން ދަނީ ރަނގަޅަށް. އެކަމަކު ދެން އެ ކޮންޓިނިއު ނުކުރެވޭތީ މައްސަލައަކީ،" ހީނާ ބުންޏެވެ.

ހީނާ ހުރީ ރާއްޖޭގައި ދޭން ޖެހޭ ތަމްރީންތައް ދިނުމަށް ކޮށްދެވެން އޮތް ކަމެއް ކަމެއް ކުރަން ތައްޔާރަށެވެ. ޔޫތު ޑިވެލޮޕްމަންޓް ފިޔަވައި އިތުރު ދިމާލަކަށް ދިއުމުގެ ވިސްނުމެއް ނެތެވެ. ކްލަބް ކޯޗިން ނުވަތަ ފުޓްބޯޅައިގެ އެހެން ދިމާލަކަށް މިސްރާބު ޖެހުމެއް ނެތެވެ.

"އަޅުގަނޑުގެ ކިބައިގައި މިހާރު ހުންނާނީ ކުދިން ހަމަހަމަކުރުމުގެ ބައި. ކްލަބް ކޯޗިން އަށް ބޭނުންވާ ވިނިން އެޓިޓިއުޑް ނުހުންނާނެ. ފަލަކުއްޖާ އާއި ހިކި ކުއްޖާ ވެސް އެއްވަރުކޮށް ހަމަހަމަ ފުރުސަތެއް ދީގެން ތަމްރީން ދިނުމުގެ ބައި އިންނާނީ،" ހީނާ ބުންޏެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ސެޝަނެއްގައި ހީނާ ކޯޗުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު