ވިލްވަހެމްޓަން (ފެބްރުއަރީ 28) - އުނެއި އެމެރީގެ އެސްޓަން ވިލާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮތުމަށް ފަހު، ތާވަލްގެ ފަހަތަށް ސޮއްސާލަފާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ވިލާ ވަނީ ރޭ ރަށުން ބޭރުގައި، ލީގުގެ ފުލުގައި އޮތް ވުލްވްސް އަތުން 2-0 އިން ބަލިވެފަ އެވެ.
ގަޑިއެއްގެ ހާއިރުގެ ކުޅުމަށް ފަހު އެއްވަރު ވެފައި އޮތް މެޗުގެ ފުރަތަމަ ގޯލު ވުލްވްސް އަށް ޖަހައިދިނީ ޖާއޯ ގޮމޭޒް އެވެ. އެއަށް ފަހު އިތުރު ވަގުތުގެ ވެސް ފަހު ސިކުންތުގައި ހާސްކަން ފިލުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮޑްރިގޯ ގޮމޭޒްގެ ގޯލަކުންނެވެ.
ފަހު ވަގުތު ވިލާ ފޮނުވާލި ހަމަލާއަކުން އެއްވަރު ކުރުމާ ގާތަށް ވެސް ދިޔަ އެވެ. ނަމަވެސް ކީޕަރު ވެސް ބީޓު ވެފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ކްލިއާ ކޮށްލީ ވުލްވްސްގެ ޑިފެންޑަރުންނެވެ. ވުލްވްސްގެ ދެވަނަ ގޯލު ޖެހީ އޭގެ ފަހުން އުފެއްދި ކައުންޓާއެއްގަ އެވެ.
މި ނަތީޖާއާ އެކު، ލީގުގެ 12 ވަނަ ހަފްތާއިން ފެށިގެން ތާވަލްގެ ތިން ވަނައިގައި އޮތް އެސްޓަން ވިލާގެ ނަތީޖާތައް ދަށްވެ، އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. މީގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ފަހު ފަސް މެޗަށް ބަލާއިރު އެއް މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފައިވެ އެވެ.
"މިއީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތު، އަހަރެމެން މިހާރު ތިބި ހިސާބަށް އާދެވުނު ގޮތާމެދު ވިސްނަންވީ ވަގުތު. މިއަދު އަހަރެމެން ބޭނުންވޮިި ނަތީޖާއެއް ނުލިބުނު، އެކަމަކު މަގާމު ދިފާއުކުރުން ވެސް އޮތީ އަހަރެމެންގެ އަތްމަތީގައި،" އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ބުންނެވެ.
މިހާތަނަށް ކުޅުނު 28 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ވިލާ ތިންވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓް ހޯދައިފަ އެވެ.
ޖެހި ގޯލާއި ފައިދާ ގޯލުގެ ތަފާތުން ވެސް ޔުނައިޓެޑް އޮތީ ވިލާއަށް ވުރެ މާ ކުރީގަ އެވެ.
މިއީ ވުލްވްސް މި ސީޒަންގައި މޮޅުވި ދެވަނަ މެޗެވެ. އަދި ހަތް މެޗުން އެއްވަރުވެ، ލިބުނު 13 ޕޮއިންޓާ އެކު ފުލުގައި އޮތީ، ސޭފް ޒޯނަށް ވުރެ 13 ޕޮއިންޓް ފަހަތުގަ އެވެ. އަދި ވުލްވްސް ވަނީ ރެލިގޭޝަން ޒޯނުގައި ކުރީގައި އޮތް ބާންލީ އާއި ވެސްޓް ހޭމަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ.