ބާމިންހަމް (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަން އަތުން ބަލިވުމާ ގުޅިގެން، ތާވަލްގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު ވިލާ އިން ނަގާލައިފި އެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ލިބިފައި އޮތީ 43 ޕޮއިންޓެވެ. އެއްވަނައިގައި 50 ޕޮއިންޓާ އެކު އޮތް އާސެނަލްއާ ދެމެދު އަދި ވެސް އޮތީ ހަތް ޕޮއިންޓްގެ ފަރަގެކެވެ.

މި މެޗުން މޮޅުވެގެން އާސެނަލްއާ ހަތަރު ޕޮއިންޓަށް ކައިރިއަށް ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެސްޓަން ވިލާ އަށް އޮތް ނަމަވެސް، މެޗުގެ ތަފާތަކަށް ވީ ދެވަނަ ހާފުގައި ތިއާނޯ ބެރީ، އެވަޓަން އަށް ކާމިޔާބު ކޮށްދިން ގޯލެވެ.

އެވަޓަން އިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އެވަޓަން އިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ހަފްތާ ސިޓީ ވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.

އެސްޓަން ވިލާ އަށް ދެން އޮތީ ޔޫއެފާ ޔޫރޮޕާ ލީގުގައި ތުރުކީގައި ފެނަބާޗޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ނިއުކާސަލް ޔުނައިޓެޑާއި ވުލްވްސް ވެސް ރޭ ބައްދަލު ކުރި އެވެ. މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ލީގުގެ ގަދަ ހަތަރަކަށް މަސައްކަތް ކުރާ ނިއު ކާސަލް އަތުން ހޯދި ޕޮއިންޓާ އެކު ފުލުގައި އޮތް ވުލްވްސް މި ވަނީ 22 މެޗުން ޖުމްލަ އަށް ޕޮއިންޓް ހޯދައިފަ އެވެ.

ވުލްވްސް ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅެއް ހޯދާފައި ވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ.