ފޯރިގަދަ ފައިނަލް މެޗުގައި ނިއުޒީލަންޑް 96 ލަނޑުން ބަލިކޮށް، އިންޑިއާއިން ތިންވަނަ ފަހަރަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.
މި ކާމިޔާބާ އެކު އީ އިންޑިއާއިން ވަނީ އެ މުބާރާތުގެ ތަށި ދިފާއުކުރި ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފަ އެވެ. މީގެ އިތުރުން، އަމިއްލަ ގައުމުގައި ކުޅެ ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ލަގަބުވެސް ސޫރިޔާކުމާރު ޔާދަވްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އިންޑިއާ ޓީމުން ވަނީ ހޯދާފައެވެ.
އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ނަމަށް ނިސްބަތްކޮށްފައިވާ ސްޓޭޑިއަމްގައި 86،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މޮޅުވެ، އިންޑިއާއިން ވަނީ އިނގިރޭސިވިލާތާއި ވެސްޓް އިންޑީޒް ހަދާފައިވާ ދެ ތަށީގެ ރެކޯޑު މުގުރާލާފައެވެ.
މި ކާމިޔާބީއާއެކު އިންޑިއާއިން ވަނީ 2023 ގައިގެ އޯޑީއައި ވޯލްޑް ކަޕް ފައިނަލްގައި އެ ދަނޑުގައި އޮސްޓްރޭލިއާ އަތުން ލިބުނު ހިތްދަތި ނާކާމިޔާބީގެ ހަނދާންތައް ފޮހެލައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އުފާވެރި އީދެއް ގެނެސްދީފައެވެ.
އެ ދެ ގައުމުން ވަނީ ޓީ20 ގެ ތަށިު ދެ ފަހަރު ތަށި ހޯދާފަ އެވެ. އިންޑިއާއިން މިވަނީ އެ ރެކޯޑު މުގުރާލާފައެވެ. މި މުބާރާތުގެ ތެރޭގައި އިންޑިއާއިން ވަނީ އެ ދެ ގައުމުވެސް ބަލިކޮށްފައެވެ. ހާއްސަކޮށް ސުޕަ އެއިޓްގެ ފަހު މެޗުގައި ވެސްޓް އިންޑީޒް އަތުން ހޯދި މޮޅަކީ، ބަލިވިނަމަ މުބާރާތުން ވަކިވާންޖެހޭނެ ފަދަ ނާޒުކު ދަނޑިވަޅެއްގައި ހޯދި މުހިންމު މޮޅެކެވެ.
މެޗުގެ ފުރަތަމަ އިނިންގްސްގައި އިންޑިއާއިން ކުޅެން އަރައި 5 ވިކެޓަށް 255 ރަން ހެދިއެވެ. މި ބޮޑު ސްކޯއެއް ހެދުމުގެ އެންމެ ބޮޑު ހިއްސާއެއްވީ ސަންޖޫ ސެމްސަންއެވެ. އޭނާ ވަނީ އެންމެ 46 ބޯޅައިން 89 ރަން އެއްކޮށްފައެވެ. މުބާރާތުގެ ކުރީކޮޅު ޓީމުން ބޭރުގައި ހުރުމަށްފަހު، އެންމެ މުހިންމު ވަގުތު ޖެހިޖެހިގެން ތިން މެޗުގައި 89 ރަނަށްވުރެ ގިނައިން ހަދައި، ސެމްސަން ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްދީފައެވެ.
މެޗުގެ ނަތީޖާ އަނބުރާލަން ނިއުޒީލަންޑުން ކުރި މަސައްކަތުގައި އެންމެ ބޮޑު ހުރަހަކަށްވީ އިންޑިއާގެ ތަޖުރިބާކާރު އުކުންތެރިޔާ ޖަސްޕްރިތު ބުމްރާއެވެ. އޭނާ ވަނީ ހިތްގައިމު ސްލޯ-ބޯލް ޔޯކާ ތަކެއް ބޭނުންކޮށްގެން 15 ރަނަށް 4 ވިކެޓް ނަގާފައެވެ. ނިއުޒީލަންޑްގެ އޯޕަނަރ ޓިމް ސައިފަރޓް 26 ބޯޅައިން 52 ރަން ހެދި ނަމަވެސް، އޭނާ ނުބައިވުމާއެކު ނިއުޒީލަންޑްގެ އުންމީދުތައް ފަނޑުވެގެންދިޔައެވެ.
ނިއުޒީލަންޑްގެ އިނިންގްސް ނިމިގެންދިޔައީ 19 އޯވަރުގެ ތެރޭގައި 159 ރަނަށް ހުރިހާ ކުޅުންތެރިން ނުބައިވެގެންނެވެ. މެޗުގެ ފަހު ވިކެޓް ނަގައިދިނީ ޕާޓް-ޓައިމް ސްޕިނަރު އަބީޝެކް ޝަރްމާއެވެ. މީގެ އިތުރުން އަކްޝަރު ޕަޓޭލް ވަނީ ކުރީކޮޅު ނިއުޒީލަންޑްގެ ދެ ވިކެޓް ނަގައި، އެޓީމަށް ޕްރެޝަރު ބޮޑުކޮށްފައެވެ.
ނިއުޒީލަންޑްގެ ކެޕްޓަން މިޗެލް ސެންޓްނަރ 43 ރަން ހެދި ނަމަވެސް، އިންޑިއާގެ ވަރުގަދަ އުކުންތަކުގެ ކުރިމަތީގައި ނިއުޒީލަންޑަށް ހިފަހައްޓައެއް ނުލެވުނެވެ.
މިއީ 2021 ވަނަ އަހަރުގެ ފައިނަލުން ބަލިވި ފަހުން، ނިއުޒީލަންޑް ޓީ20 ވޯލްޑް ކަޕް ފައިނަލެއްގައި ބަލިވި ދެވަނަ ފަހަރެވެ.