އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އަންހެނުންގެ އޭޝިއަން ކަޕްގައި ވާދަކުރި އިރާން ޓީމުގެ ކުޅުންތެރިންތަކެއް ފިލައިގެން ސިޔާސީ ހިމާޔަތް ހޯދުމާ ގުޅިގެން، މިއަހަރު ވޯލްޑް ކަޕްގައި އެ ގައުމުން ބައިވެރިނުވެދާނެ ކަމުގެ އިޝާރާތެއް ޓްބޯޅަ ފެޑެރޭޝަނުން ދީފިއެވެ.
އިރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް، ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ސަރުކާރުން އަންހެން ކުޅުންތެރިން ފިލަން މަޖުބޫރުކުރުވީ އެވެ. އަދި ވޯލްޑް ކަޕްގައި ވެސް މިފަދަ ގޮތަކަށް ހިނގާނަމަ، ގައުމީ ޓީމު އެފަދަ މުބާރާތަކަށް ފޮނުވާނީ ކޮން ފަރާތަކުންތޯ އޭނާ ސުވާލު އުފެއްދި އެވެ.
މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. އިރާނުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ. އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ކުރިންވެސް އޮތީ ސުވާލު އުފެދިފައެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ބުނި ގޮތުގައި އިރާން އަންހެން ޓީމުގެ ކެޕްޓަން ޒަހްރާ ޣަންބަރީ ހިމެނޭހެން ފަސް ކުޅުންތެރިއަކު ވަނީ ޓީމު ތިބޭ ހޮޓަލުން ފިލައިގެން ގޮސް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާރަކުގެ ހިމާޔަތް ހޯދާފަ އެވެ. އޭގެ ފަހުން އިތުރު ދެ ކުޅުންތެރިއަކުވެސް ހިމާޔަތަށް އެދުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ، މުބާރާތުގެ ފުރަތަމަ މެޗުގައި ގައުމީ ސަލާމް ކިޔުމުގެ ބަދަލުގައި ހިމޭނުން ތިބުމުން، އިރާނުގެ ދައުލަތުގެ ޓީވީން "ޚާއިނުން" ގެ ގޮތުގައި ސިފަކޮށްފައިވާ ކުޅުންތެރިންނެވެ. ނަމަވެސް ޖެހިގެން އައި ދެ މެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަނީ ސަލާމް ކިޔައިފަ އެވެ.
ފެޑެރޭޝަންގެ ރައީސް ތާޖް ތުހުމަތުކުރެއްވި ގޮތުގައި، މި ކުޅުންތެރިން "ވަގަށް ނެގީ" އެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އޭނާ ވިދާޅުވި އެވެ. ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި އީރާން ކުޅުންތެރިންނަށް ހިމާޔަތް ދޭނެ ކަމަށް ވިދާޅުވެފައިވާކަން ތާޖް ފާހަގަކުރެއްވިއެވެ.
"އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަކާ މެދު އުުއްމީދީ ނަޒަރަކުން ބަލާނީ ކިހިނެއް؟" ތާޖް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ފުލުހުން ޓީމުގެ މަސައްކަތަށް ހުރަސްއެޅިކަމަށް އޭނާ ތުހުމަތު ކުރި އެވެ. ކުޅުންތެރިން އެނބުރި ގައުމަށް ދިޔުމަށް އެއާޕޯޓަށް ދިޔަ މަގުމަތީގައިވެސް ބަޔަކު ހުރަސްއެޅި ކަމަށް އޭނާ ބުންޏެވެ.
އޭއެފްޕީން ބުނި ގޮތުގައި މެޗުތައް ކުރިއަށްދިޔަ ވަގުތު ދަނޑު ބޭރުގައި ގިނަ ބަޔަކު އެއްވެ އިރާނުގެ "ވެރިކަން ބަދަލުކުރުމަށް" ގޮވައި، ކުޅުންތެރިން ދޫކޮށްލުމަށް ގޮވަމުންދިޔައެވެ. - (އޭއެފްޕީ)