އިރާނުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދީފިނަމް، އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެގައުމުގެ ޝަރުތުތަކަށް މުބާރާތް ބާއްވާ ގައުމުތަކުން އެއްބަސްވާންޖެހޭނެ ކަމަށް އިރާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.
އިރާނުގެ އެންމެ މަތީ އަސްކަރީ ގޮފި، އިސްލާމީ އިންގިލާބީ ލަޝްކަރާ ގުޅުން އޮންނަ ކަމަށް ބުނެ. މިދިޔަ މަހު ފީފާގެ ބައްދަލުވުމަށް ކެނެޑާ އަށް އެތެރެވުމުގެ ހައްގެއް އިރާނުގެ ފުޓްބޯޅަ އިދާރާގެ އެންމެ އިސް އޮފިޝަލުންނަކަށް ނުދިނެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ ފެބްރުއަރީ މަހު އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު އެ ގައުުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނަމަ، ވޯލްޑް ކަޕަށް ދާނެ ކަމަށް އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ބުންޏެވެ.
"އަހަރެމެން ޔަގީނުންވެސް 2026 ގެ ވޯލްޑް ކަޕްގައި ބައިވެރިވާނަން. ނަމަވެސް މުބާރާތް ބާއްވާ ގައުމުތަކުން އަހަރެމެންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރަންޖެހޭނެ" އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
"އަހަރެމެން ވޯލްޑް ކަޕްގައި ބައިވެރިވާނީ އަހަރެމެންގެ ގަބޫލުކުރުންތަކާއި ސަގާފަތާއި އަދި އަގީދާއަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން."
އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ދައުލަތުގެ ޓީވީގައި ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް 10 ޝަރުތެއް އެބައޮތް ކަމަށާއި، އޭގެ ތެރޭގައި ވިސާ ދިނުމާއި، ގައުމީ ޓީމުގެ ސްޓާފުންނާއި، ގައުމީ ދިދަ އަދި ގައުމީ ސަލާމަށް އިހުތިރާމް ކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެއާޕޯޓްތަކާއި، ހޮޓާތަކާއި އަދި ސްޓޭޑިއަމްތަކަށް ދާ މަގުމަތީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ތާވަލާ އެއްގޮތަށް އިރާނުގެ މެޗުތައް އެމެރިކާގެ ފަސްގަނޑުގައި ކުރިއަށްދާނެ ކަމަށެވެ. ގްރޫޕް ޖީ ގައި ހިމެނޭ އިރާން ވާދަކުރަން ޖެހެނީ ނިއުޒިލޭންޑް، ބެލްޖިއަމް އަދި މިސްރާ އެވެ. އެ ޓީމުގެ ފުރަތަމަ މެޗު އަންނަ މަހު 15 ގައި ލޮސް އެންޖެލިސްގައި ނިއުޒިލޭންޑާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.