އަންނަ މަހު ފަށާ ވޯލްޑް ކަޕަށް އިރާނުން ތައްޔާރީތައް ފަށައިފިކަން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކާއި ފޮޓޯތަކުން ހާމަވެއްޖެ އެވެ.
ޓީމުގެ އިންސްޓަގްރާމް އެކައުންޓުން އިއްޔެ އާންމުކުރި ވީޑިއޯތަކުން ފެންނަނީ، ވޯލްޑް ކަޕްގައި ބޭނުންކުރާނެ ކަމަށް ބެލެވޭ އާ ކިޓް ދައްކާލުމަށް ކުޅުންތެރިން ފޮޓޯޝޫޓެއްގައި ބައިވެރިވާ މަންޒަރެވެ. އިރާނުގެ އެއްވަނަ ގޯލްކީޕަރު އަލީރޭޒާ ބޭރަންވަންދު އާއި ވިންގާ މިލާދު މުހައްމަދީ ފަދަ މުހިންމު ކުޅުންތެރިން މި އާ ކިޓުގައި ފެންނަން ތިއްބެވެ.
ޓްރޭނިން ކޭމްޕްގައި ތުރުކީއަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ފަހުގެ ތަމްރީނުތައް އިރާނުން އަންނަނީ ފުރިހަމަކުރަމުންނެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށް އިރާނުން ތައްޔާރުވާކަން ހާމ ކުރީ، އެ މުބާރާތުގައި އެ ޓީމު ބބައިވެރިވާނެކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ.
ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ހަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެކަމާ މެދު ސުވާލު އުފެދުނެވެ. މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާ ގުޅިގެން ބާއްވާ މިފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އިރާނުގެ ތިން މެޗު ވެސް ކުޅެން ހަމަޖެހިފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ކުރިން ވަނީ އިރާނުގެ ކުޅުންތެރިން އެމެރިކާއަށް ދަތުރުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެކަން ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
އިރާނުގެ މެޗުތައް، މެކްސިކޯ އަށް ބަދަލު ކުރުމަށް ވެސް އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅި އެވެ. އަދި އިރާނުގެ މެޗުތައް މެކްސްކީގައި ކުޅުމަށް، އެ ގައުމުން ވެސް އޮތީ ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް އިރާނުގެ މެޗުތައް އެެހެން ގޮތަކަށް ބަދަލު ނުކުރެވޭނެކަމަށް ފީފާއިން ބުންޏެވެ.
އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެމެރިކާގައި މެޗުތައް ކުޅެން އިރާނުން މުބާރާތަށް ދާނެކަމަށް ވިދާޅުވެފަ އެވެ.
"އެންމެ ފުރަތަމަ ވެސް އަހަރެން ސާފުކޮށްދޭން ބޭނުންވަނީ ޝައްކެއްވެސް ނެތް ގޮތުގައި އިރާނުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާނެކަން. އަދި ހަމަ ޔަގީނުންވެސް އެ ޓީމުގެ މެޗުތައް އެމެރިކާގައި ކުޅޭނެ،" މިދިޔަ ބުރާސްފަތި ދުވަހު ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވި އެވެ.
އިރާނުގެ އެސިސްޓަންޓް ކޯޗު ސައީދު އަލްހޯއީ ބުނީ ތައްޔާރީތަކުގެ ފުރަތަމަ މަރުހަލާ މާދަމާ ނިންމާލާނީ ޓީމުން ކުޅޭ ތަމްރީނު މެޗަކުން ކަމަށެވެ. މި މެޗު ކުރިއަށްދާނީ ވޯލްޑް ކަޕްގެ މާހައުލާ އެއްގޮތަށް، އިންޓަނޭޝަނަލް ރެފްރީންނާއި ވީއޭއާރު ޓެކްނޮލޮޖީ ވެސް ބޭނުންކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން އެކުވެރިކަމުގެ ތިން މެޗު ކުޅޭނަން، އޭގެ ތެރެއިން ދެ މެޗު ކުޅޭނީ ސްޓޭޑިއަމް ބަންދުކޮށްގެން ކްލަބްތަކުގެ ޓީމުތަކާ ދެކޮޅަށް. އަދި ތިންވަނަ މެޗު ކުޅޭނީ އެފްރިކާގެ ގައުމަކާ ދެކޮޅަށް،" އޭނާ ބުންޏެވެ.
އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭނެ އެެވެ. އެ ގްރޫޕް ގައި ދެން ހިމެނެނީ ބެލްޖިއަމް އާއި މިސްރެވެ.