އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރޭގައި، އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވުމަށް ތުރުކީގައި ފަރިތަކުރުންތައް ފަށައިފިއެވެ.
ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ވޯޅޑް ކަޕްގައި އިރާން ބައިވެރިވެދާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު އިރާނުގެ ފުޓްބޯޅަ އިދާރާއިން ވަކި ގޮތެއް އެކަމާ ބެހޭގޮތުން ނުނިންމަ އެވެ.
ވޯލްޑް ކަޕްގެ ކުރިން އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކް މިހާރު ކުރިއަށްދަނީ އެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެކުވެރިކަމުގެ ދެ މެޗު މި ޕީރިއަޑްގައި ކުޅެން އިރާނުން ވަނީ ހަމަޖައްސައިފަ އެވެ.
ކުރިން ހަމަޖައްސާފައި އޮތީ މި މެޗުތައް އުރުދުގައި ކުޅުމަށެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި އެންމެ ރައްކާތެރި މާހައުލެއް ނެތެވެ. އެހެންވެ އިރާނުން ނިންމީ ތުރުކީގެ މި ކޭމްޕު ކުރުމަށެވެ. ނައިޖީރިއާ އަދި ކޮސްޓަރީކާއާ ދެކޮޅަށް ތުރުކީގައި އިރާނުން ކުޅޭނެ އެވެ.
މި ކޭމްޕުން އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ޓީމުގެ ތަރި ސަރުދާރު އަޒްމޫން ކުއްލި ގޮތަކަށް ޓީމުން ބޭރު ކުރުމެވެ.
އިރާނުގެ "ގޯލް މެޝިން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަޒްމޫން ޓީމުން ވަކިކުރީ، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ބޮޑުވަޒީރު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމުން އުފެދުނު މައްސަލަތަކުގެ ތެރެއިންނެވެ. އިރާނުގެ މީޑިއާ ތަކުން ވަނީ "ގައުމަށް ވަފާތެރިނުވުމުގެ" ތުހުމަތު އޭނާ އަށް ކޮށްފަ އެވެ.
ރުކީގެ އެންޓަލްޔާގައި ކުރިއަށްދާ މި ކޭމްޕުގައި މީޑިއާއަށް ވަނީ ވަރަށް ބޮޑަށް ފުރުސަތު ހަނިކޮށްފަ އެވެ. އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ މީޑިއާގެ ހުއްދަ ހަނިކުރީ ކުޅުންތެރިންގެ ސަމާލުކަން ގެއްލުނަ ނުދިނުމުގެ ގޮތުން ކަމަށެވެ.