އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަރުގަދަ ޝަރުތެއް ކުރިމަތިކޮށްފި އެވެ.
އިރާންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖު ވިދާޅުވީ، މުބާރާތުގައި އެ ޓީމު ބައިވެރިވާނީ އެ ގައުމުގެ ސިފައިންނާއި އިސްލާމީ އިންގިލާބީ ލަޝްކަރަށް، އެމެރިކާއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.
މަހްދީ ތާޖު މި މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުން އޮންނާނީ ފީފާގެ މަރުކަޒީ އިދާރާ ހުންނަ ސްވިޒަލެންޑްގެ ޒިޔުރިކްގަ އެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން އިރާންގެ އަސްކަރީ މުއައްސަސާތަކަށް ބަދުބަސް ނުބުނާނެ ކަމުގެ ގެރެންޓީއެއް ފީފާ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެމެރިކާއިން އަހަރެމެންގެ އަސްކަރީ މުއައްސަސާތަކާއި އައިއާރްޖީސީ [އިރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު] އަށް ފުރައްސާރަ ނުކުރާނެ ކަމުގެ ޔަގީންކަން ދީފިނަމަ، އަހަރެމެން މުބާރާތަށް ދާނަން،" ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ތާޖު ވިދާޅުވި އެވެ.
އިރާނުން މިފަދަ ޝަރުތެއް ކުރިމަތިކުރީ މިދިޔަ ހަފުތާގައި ކެނެޑާގެ އެއާޕޯޓަކުން އިރާންގެ ވަފުދަކަށް ކުރިމަތި ކުރުވި ހާލަތާ ގުޅިގެންނެވެ. ފީފާގެ ކޮންގްރެސްއަށް ކެނެޑާއަށް ދިޔަ އިރާންގެ ވަފުދަށް އެ ގައުމުގެ އިމިގްރޭޝަނުން އެތެރެވުމުގެ ހުއްދައެއް ނުދިނެވެ. ކެނެޑާއިން ބުނެފައިވަނީ އައިއާރްޖީސީއާ ގުޅުން އޮންނަ ފަރާތްތަކަށް އެ ގައުމަށް އެތެރެ ނުވެވޭނެ ކަމަށެވެ.
މި މައްސަލައިގައި ވާހަކަދައްކަމުން ތާޖު ވިދާޅުވީ ކެނެޑާގައި ހިނގި ފަދަ ކަމެއް އެމެރިކާގައި ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށެވެ.
"ކެނެޑާގައި ހިނގި ފަދަ ހާދިސާއެއް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފިނަމަ އަހަރެމެން ދާނަން. އަހަރެމެން މުބާރާތަށް ދަނީ ކޮލިފައިވެގެން. އަހަރެމެންގެ މެދުވެރިޔަކީ ފީފާ، މިސްޓަރ ޓްރަމްޕް ނުވަތަ އެމެރިކާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައާ ގުޅިގެން 3,468 މީހުން ވަނީ މަރުވެފަ އެވެ. އިރާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ހަމަލާތަކުގައި 26,500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
މި ހާލަތުގައި ވެސް އިރާންގެ ގައުމީ ޓީމުން ދަނީ ވޯލްޑް ކަޕަށް ތައްޔާރުވަމުންނެވެ. އަންނަ ހޯމަ ދުވަހު ފަރިތަކުރުންތަކަށް ތުރުކީއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ވޯލްޑް ކަޕްގައި އިރާން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ގައި ނުކުންނާނީ ނިއުޒީލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް އެ ގައުމު ނުކުންނާނެ އެވެ.