މިއަހަރު ޖޫން ޖުލައިގައި ބާއްވާ ވޯލްޑް ކަޕްގައި އިރާނު ބައިވެރިވުމަކީ އެ ގައުމުގެ ކުޅުންތެރިންގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި  ވާހަކަ އަށް އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމުން ވަރުގަދަ ރައްދެއް ދީފި އެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގައި އިރާނުން ގުރޫޕް ސްޓޭޖްގައި ކުޅޭ ތިން މެޗު ވެސް އޮތީ އެމެރިކާގެ ފަސްގަނޑުގަ އެވެ.

މިދިޔަ ހަފުތާގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، އިރާނުގެ ޓީމަށް މަރުހަބާ ކިޔަން ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށެވެ. 

އެކަމަކު ޓްރަމްޕް ވަނީ އިންފަންޓީނޯގެ ވާހަކަ އަށް ބާރު ނުދޭ ޒާތުގެ ރާގަކަށް ވާހަކަ ދައްކައިފަ އެވެ. 

އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ވިދާޅުވީ، ވޯލްޑް ކަޕްގައި އިރާނު ބައިވެރިވުމަކީ "އެކަށީގެންވާ" ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެއީ އެ ކުޅުންތެރިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށް އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ.  

"އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕަށް މަރުހަބާ ކިޔަން. އެކަމަކު އެމީހުންގެ އަމިއްލަ ފުރާނަ އާއި ސަލާމަތަށްޓަކައި، އެމީހުން އެތަނުގައި [ވޯލްޑް ކަޕްގައި] ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް އަހަރެން ހަގީގަތުގައިވެސް ގަބޫލެއް ނުކުރަން. މިކަމަށް ތިޔަ ދެއްވި ސަމާލުކަމަށްޓަކައި ޝުކުރިއްޔާ! ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް،" ތުރޫތު ސޯޝަލްގައި ޓްރަމްޕް ލިޔެފައި ވެއެވެ.

އިރާނުގެ ރައްދު: އިރާނު ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވޯލްޑް ކަޕުން އެ ޓީމު ބޭރު ކުރެވޭނެ އެއްވެސް ވަކި ފަރުދަކު ނުވަތަ ގައުމެއް ނޯންނާނެ ކަމަށެވެ.

"ވޯލްޑް ކަޕަކީ ބައިނަލްއަގުވާމީ މުބާރާތެއް، މީގެ ނިންމުންތައް ނިންމާނީ ފީފާއިން، ވަކި ގައުމަކުން ނޫން،" އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެކައުންޓުން ސޯޝަލް މީޑިއާޣައި ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

އިރާނުން ވަނީ އެމެރިކާގެ ސަލާމަތީ ކަންކަމަށް ފާޑުކިޔައި، މުބާރާތް ބާއްވާ ގައުމުން ސަލާމަތްތެރިކަން ކަށަވަރުކޮށްނުދެވޭނަމަ ބޭރުކުރަންޖެހޭނީ އެ ގައުމެއް ކަމަށް ބުނެފައެވެ.

"އިރާނުގެ ހިތްވަރުގަދަ ދަރިން [ކުޅުންތެރިން] ކުރި މަސައްކަތާއި ފަހަގަކޮށްލެވޭ ފުރިހަމަ މޮޅުތަކަކާ އެކު، އިރާނުގެ ގައުމީ ޓީމު ވެފައިވަނީ މި ބޮޑު މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމުތަކުގެ ތެރެއިން އެއް ޓީމަށް،" ބަޔާނުގައި ވެއެވެ. 

"ޔަގީނުންވެސް، އިރާނުގެ ގައުމީ ޓީމު ވޯލްޑް ކަޕުން ބޭރުކުރެވޭނެ އެކަކުވެސް ނުހުންނާނެ. މި މުބާރާތުން ބޭރުކުރަންޖެހޭ ހަމައެކަނި ގައުމަކީ، 'މުބާރާތް ބާއްވާ ގައުމުގެ' ނަން ލިބިފައިވާ ގައުމު. (އެއީ) މި ބައިނަލްއަގުވާމީ ހަރަކާތުގައި ބައިވެރިވާ ޓީމުތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ނެތް ގައުމު (ކަމަށް ވުމުން)."

މި މައްސަލަ ހޫނުވެފައިވަނީ އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމައިގައި އެ ގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ހޫނު ވެފަ އެވެ.

އިރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމަލީ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކާ ގުޅިގެން އިރާނަށް ވޯލްޑް ކަޕްގައި ބައިވެރިވުމަކީ މިހާރު "ޔަގީނުންވެސް" ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް އެކަމާ ބެހޭގޮތުން އިރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަކި ނިންމުމެއް ފީފާ އަށް އަންގާފައި ނުވެ އެވެ.