އެފްސީ ބާސެލޯނާގެ އިންތިހާބުގައި ވިކްޓާ ފޮންޓް ބޮޑު ތަފާތަކުން ބަލިކޮށް ޔޮއާން ލަޕޯޓާ އަނެއްކާވެސް ކްލަބްގެ ރައީސްގެ މަގާމަށް ތިހާބުވެއްޖެ އެވެ.

ކްލަބުގެ މެންބަރުން ވޯޓުލީ މި އިންތިހާބުގައި ޖުމްލަ 48,480 ވޯޓުގެ ތެރެއިން 32,934 ވޯޓު ލަޕޯޓާ ހޯދި އެވެ. ފޮންޓަށް ލިބުނީ 14,385 ވޯޓެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ 42.34 ޕަސަންޓް ކަމަށް ބާސެލޯނާއިން ބުނެއެވެ.

އިންތިހާބުގެ ކާމިޔާބީއަށް ފަހު ލަޕޯޓާ ބުނީ، މި ނަތީޖާއިން ކްލަބް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

"މި ނަތީޖާގެ ސަބަބުން އަހަރެމެންނަކީ ހުއްޓުވޭނެ ބައެއް ނޫންކަން ސާބިތުވެއްޖެ. ކުރިއަށް އޮތް އަހަރުތަކަކީ އަހަރެމެންގެ ހަޔާތުގައި އަންނާނެ އެންމެ ފުރިހަމަ އަހަރުތަކަށް ވާނެ،" އޭނާ ބުންޏެވެ.

ބާސާޣެ ރަސްމީ ދަނޑު ސްޕޮޓިފައި ކޭމްޕް ނޯގައި ކުރިއަށްދިޔަ މި އިންތިހާބުގައި، ކްލަބުގެ މިހާރުގެ ކޯޗު ހަންސީ ފްލިކް އާއި ސީނިއާ ޓީމުގެ ކުޅުންތެރިން ވެސް ވޯޓް ލި އެވެ. އިންތިހާބު ބޭއްވީ ބާސެލޯނާއިން ލަލީގާގައި 5-2 އިން ސެވިއްޔާ ބަލިކުރި ދުވަހު އެވެ. އެ މެޗަށްފަހު ރަފީނިއާ، ޕެޑްރީ އަދި ޑެނީ އޮލްމޯ ފަދަ ތަރިން ވަނީ ވޯޓުލުމުގައި ބައިވެރިވެފައެވެ.

މި އިންތިޚާބުގެ ފާހަގަކޮށްލެވުނު އަނެއް ކަމަކީ، ލޯނު އެއްބަސްވުމެއްގެ ދަށުން ޖިރޯނާ އަށް މިހާރު ކުޅެމުން އަންނަ ގޯލްކީޕަރު މާކް-އަންޑްރޭ ޓާސްޓެގަން އަށް ވޯޓު ނުލެވުމެވެ. ޓާސްޓެގަން ވޯޓުލާން ދިޔަ ނަމަވެސް، ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އޭނާގެ ނަމެއް ނެތެވެ.

ބާސާގެ ރައީސްކަމުގެ ދައުރަކީ ފަސް އަހަރެވެ. އިންތިހާބުގެ ކާމިޔާބާ އެކު 2031 ގެ ނިޔަލަށް ކްލަބުގެ ރައީސްކަމުގެ ލަޕޯޓާ ދެމިހުންނާނެ އެވެ. ސްޕެއިންގެ ކްލަބްތަކުގެ ތެރެއިން މެންބަރުންގެ ވޯޓުން ރައީސް އިންތިހާބު ކުރަނީ ހަތަރު ކްލަބަކުންނެވެ. އެއީ ބާސާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ އަދި އޮސަސޫނާ އެވެ.