އޮސްޓްރޭލިއާއިން ސިޔާސީ ހިމާޔަތް ހޯދި އިރާނުގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކު ނިންމުން ބަދަލުކޮށް އަނބުރާ ގައުމަށް ހިނގައްޖެ އެވެ.

އޮސްޓްރޭލިއާގައި ބޭއްވި އޭޝިއަން ކަޕްގެ އަންހެން މުބާރާތަށް ދަތުރު ކުރި ޓީމުގެ ބައެއް ކުޅުންތެރިން ޓީމު ތިބޭ ހޮޓަލުން ފިލައިގެން ގޮސް އޮސްޓްރޭލިއާގެ އިދާރާތަކުގެ ހިމާޔަތް ހޯދި އެވެ.

ފަސް ކުޅުންތެރިން ވަނީ ހިމާޔަތް ދޫކޮށްލައި އެނބުރި ގައުމަށް ދާން އޮސްޓްރޭލިއާ ދޫކޮށް ގޮސްފަ އެވެ.

ހިއުމެނިޓޭރިއަން ވިސާގެ ނަމުގައި އޮސްޓްރޭލިއާއިން ދިން ހުއްދައިގެ ދަށުން އިރާނުގެ ޓީމުގެ ހަތް މެންބަރަކު އޮސްޓްރޭލިއާގައި ހިމާޔަތް ހޯދި އެވެ. އެ މީހުންގެ ތެރެއިން މިހާރު އޮސްޓްރޭލިއާގައި ތިބީ އެންމެ ދެ މީހުން ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކުޅުންތެރިން އެނބުރި ދިއުމަކީ އޮސްޓްރޭލިއާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބުނު "ލަދުވެތި ނާކާމިޔާބީއެއް" ކަމަށް އިރާނުގެ މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ. އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ ކުޅުންތެރިން އެނބުރި އައީ އާއިލާއިން "ހޫނު މަރުހަބާއެއް" ކިޔަން ހަމަޖެހިފައިވާތީ ކަމަށެވެ.

ނަމަވެސް، އޮސްޓްރޭލިއާގައި ވަޒަންވެރިވެފައިވާ އިރާނުގެ ދަރިކޮޅުގެ މީހުން ތުހުމަތު ކުރާ ގޮތުގައި، ހިމާޔަތް ދޫކޮށްލި ކުޅުންތެރިންނަށް ވަނީ އިރާނު ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފަ އެވެ.

އޮސްޓްރޭލިއާގެ އެސިސްޓަންޓް އިމިގްރޭޝަން މިނިސްޓަރު މެޓް ތިސްލެތުވެއިޓް ވިދާޅުވީ މިއީ ވަރަށް އުނދަގޫ އަދި ޒާތީ ނިންމުންތަކެއް އެކުލެވޭ ހާލަތެއް ކަމަށެވެ.

"އެނބުރި ދާން ނިންމި މީހުންގެ ނިންމުމަށް ސަރުކާރުން އިހުތިރާމް ކުރަން. އަދި މިހާރު މަޑުކޮށްގެން ތިބި ދެ ކުޅުންތެރިންނަށް ސަރުކާރާއި އޮސްޓްރޭލިއާގައި ތިބޭ އިރާނު މުޖުތަމައުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

މި ކުޅުންތެރިންނަށް އިރާނުގައި ނުރައްކާ އޮތް ކަމަށް ބެލެވުނީ، މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން އިރާނުގެ ގައުމީ ސަލާމް ކިޔަން އެ ކުޅުންތެރިން އިންކާރު ކުރުމާ ގުޅިގެންނެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން އޮސްޓްރޭލިއާގައި ހުޅުޖެހުމުގެ ހަމަލާތަކެއް ރޭވި ކަމަށް ތުހުމަތުކޮށް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވަނީ މިދިޔަ އަހަރު އީރާނާ އެކު އޮތް ސިޔާސީ ގުޅުންތައް ވެސް ކަނޑާލާފަ އެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން އޮސްޓްރޭލިއާގައި ހުޅުޖެހުމުގެ ހަމަލާތަކެއް ރޭވި ކަމަށް ތުހުމަތުކޮށް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވަނީ މިދިޔަ އަހަރު އިރާނާ އެކު އޮތް ސިޔާސީ ގުޅުންތައް ވެސް ކަނޑާލާފަ އެވެ.