ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމަށް ހެދިފައިވާ ބޮޑު ގޯހަކުން، އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭގެ ކަކުލަށް ލިބިފައިވާ އަނިޔާ ނުބައިކޮށް ދެނެގަނެވި، އަނިޔާގައި ހުރެ ތިން މެޗެއް ކުޅުނުކަން ހާމަވެއްޖެ އެވެ.
ދި އެތުލެޓިކުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ރެއާލްގެ މެޑިކަލް ޓީމުން އެމްބާޕޭގެ ކަކުލުގެ އެމްއާރުއައި ސްކޭނެއް ކުރި އިރު، ސްކޭން ކުރެވިފައިވަނީ އަނިޔާނުވާ ކަނާތު ކަކުލެވެ. އަނިޔާ ކުރިމަތިވީ އޭނާގެ ވައާތު ކަކުލަށެވެ. ކަނާތު ކަކުލުގެ ސްކޭންގައި އެއްވެސް މައްސަލައެއް ނެތުމުން، 27 އަހަރުގެ ފޯވާޑް ވަނީ އެއްވެސް ފަރުވާއަކާ ނުލައި އިތުރު ތިން މެޗެއްގައި ކުޅެފައެވެ.
މި މައްސަލަ ފެންމަތިވީ ޑިސެމްބަރު 30 ގައި ޗުއްޓީއަށްފަހު އެމްބާޕޭ އެނބުރި ތަމްރީނުތަކަށް އައި ދުވަހު އެވެ. އެ ދުވަހު އޭނާގެ ވާތު ކަކުލުގައި އަތްލައިގެން ހުރެ މެޑިކަލް ޓީމާ ވާހަކަދައްކަނިކޮށް ފެނިފައިވެ އެވެ. އޭގެ ފަހުން ހެދި ސްކޭންތަކުން އެނގުނު ގޮތުގައި އޭނާގެ ވައާތު ކަކުލުގެ ލިގަމަންޓަށް ވަނީ ނިސްބަތުން ބޮޑު ގެއްލުމެއް ވެފަ އެވެ. ނަމަވެސް ކްލަބުން ނެރުނު ބަޔާނުގައި އެއީ ކަކުލަށް ލިބުނު ކުޑަ އަނިޔާއެއްގެ ގޮތުގައި ސިފަކޮށްފައި ވެ އެވެ.
މި އަނިޔާގެ ސަބަބުން ސައޫދީ އަރަބިއްޔާގައި އޮތް ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް މެޗު އެމްބާޕޭ އަށް ގެއްލުނެވެ. ނަމަވެސް ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ފަހު 14 މިނެޓަށް އޭނާ ކުޅެން ނުކުތެވެ. އެ މެޗުން ރެއާލް 3-2 އިން ބަލިވުމާ ގުޅިގެން، އޭރުގެ ކޯޗު ޒަބީ އެލޮންސޯގެ މަގާމު ގެއްލުނެވެ.
އެމްބާޕޭ އަށް މި އަނިޔާ އެންމެ ފުރަތަމަ ކުރިމަތިވީ ޑިސެމްބަރު ހަތެއްގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ނަމަވެސް ނުބައި ފައެއްގެ ސްކޭނުން އަނިޔާގެ ނިޝާނެއް ނުފެންނާތީ އެ އަނިޔާއާ އެކުވެސް އޭނާ ވަނީ މިދިޔަ އަހަރު ނިމުމުގެ ކުރިން ރެއާލުން ކުޅުނު ފަހު ތިން މެޗުގައިވެސް 90 މިނެޓު ކުޅެފައެވެ. އެ މެޗުތަކުގައި ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެއް އަހަރެއްގެ ތެރޭގައި އެ ކްލަބަށް ޖަހައިދިން 59 ލަނޑުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.