ރެއާލް މެޑްރިޑްގެ ކުޅުންތެރިން އަނިޔާގައި ތިބޭ މުއްދަތުގައި ރައްކާތެރިވުމުގެ ގޮތުން ބައިސްކަލް ދުއްވުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޯރީނިއޯ ބުނެފައިވަނިކޮށް، ކީލިއަން އެމްބާޕޭ ބައިސިކަލް ދުއްވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފި އެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި އެމްބާޕޭ، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ކުރު ވީޑިއޯކޮޅުގައި ފެންނަނީ ހެލްމެޓެއް އަޅައިގެން ހިނިތުންވުމާއެކު ރަށްފުށު ހިސާބު މަގަކުން ބައިސިކަލް ދުއްވާފައިދާ މަންޒރެވެ.

ހަތްދިހައިގެ އަހަރުތަކުގެ މަޝްހޫރުވި ލަވައެއް ކަމަށްވާ "ދަ ގުޑް ގާއިޒް، ދަ ބޭޑް ގާއިޒް" ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ހިމަނާފައިވާ މި ވީޑިއޯއަކީ، ފްރާންސްގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދިން ރައްދެކެވެ.

މީގެ ކުރިން މޯރީނިއޯ ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިޔަކު 24 ގަޑިއިރު ވެސް ތިބެންޖެހޭނީ ސަމާލުވާންޖެހޭކަންކަމަށް ވިސްނައިގެން ކަމަށެވެ. އަދި ދިރިއުޅުމުގެ އާދަކާދަތަކާއި އަމިއްލަ ކަންކަމުންވެސް ކުޅުމަށް އަސަރުކުރާނެ ކަންތަތަކުން ދުރުހެލިވާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. 

ބައިސަކަލް ދުއްވުމާއި ސްކީކުރުން ފަދަ ކަންކަމަކީ އަނިޔާވެ، މެޗުތަކުން މަހްރޫމްވެދާނެ ކަންކަން ކަމަށްވާތީ އެފަދަ ކަންކަން ދޫކޮށްލަންޖެހޭނެ ކަމަށް މޯރީނިއޯ ފާހަގަކޮށްފައިވެ އެވެ. 

މިދިޔަ މަހު 25 ގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެމްބާޕޭ ވަނީ ގައުމީ ޓީމުގެ ކޭމްޕުން ދޫކޮށްލާފައެވެ.

ކުރިއަށް އޮތް ވިޔަރެއާލް މެޗުގައި އޭނާ ކުޅުވޭނެކަމާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް މި މަހު 25 ގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލާސިކޯ މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވެ އެވެ.

އެމްބާޕޭ ވަނީ މި ސީޒަނުގައި ލީގުގެ ހަތް މެޗުންހަތް ލަނޑު ޖަހާފައެވެ. ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށްވުރެ ރެއާލް މެޑްރިޑް އޮތީ ހަ ޕޮއިންޓް ފަހަތުގަ އެވެ.