ރެއާލް މެޑްރިޑާ އެކު ހޯޒޭ މޮރީނިއޯ އެނބުރި އައި ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން، ފަހު ވަގުތު 2-1 ން މޮޅުވެއްޖެ އެވެ. 

މެޗުގެ ކުރީކޮޅު ރެއާލުން ލީޑް ނެގި އެވެ. އަރުދާ ގުލާ، ނަގައިދިން ހިލޭޖެހުން ގޯލްގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް ލީޑް ނަގައި ދިނީ ޖޫޑް ބެލިންހަމެވެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅުނު އެސްޕަންޔޯލުން ރެއާލަށް ލިޑްގައި އޮންނާކަށް ފުރުސަތެއް ނުދިނެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 30 ވަނަ މިނެޓްގައި އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ އެލެކްސް ކަލަޓްރާވާ އެވެ. 

މި ސީޒަނަށް ރެއާލުން ސޮއި ކުރުވި ކުޅުންތެރިންގެ ތެރެއިން، މާކް ކުކްރެޔާ، ޑެންޒަލް ޑަމްފްރީސް އަދި ބެނާޑޯ ސިލްވާ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނެވެ. އެއީ 2009 ގެ ފަހުން ޓްރާންސްފާގެ އެއް ވިންޑޯއެއްގައި ރެއާލުން ސޮއި ކުރުވި ކުޅުންތެރިންގެ ތެރެއިން އެއް ފަހަރާ ތިން ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އެ އަހަރު ހޫނު މޫސުމުގައި ރެއާލުން ސޮއި ކުރުވި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރިކާޑޯ ކަކާ އަދި ކަރީމް ބެންޒެމާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތެވެ. 

ރެއާލްގެ ފުރަތަަ ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: ޑޭވިޑް ރާމޮސް | ގެޓީ އިމޭޖަސް
ރެއާލްގެ ފުރަތަަ ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: ޑޭވިޑް ރާމޮސް | ގެޓީ އިމޭޖަސް

މި ސީޒަނުގައި ރެއާލުން ސޮއި ކުރުވި އެންމެ އަގުބޮޑު ކުޅުންތެރިޔާ، ޔާން ޑިއޮމަންޑޭ ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ގުލާގެ ބަދަލުގަ އެވެ. އަދި ރެއާލް މޮޅުކޮށް ދިން ލަނޑު ޖަހައި ދިން ކާލޯސް އެސްޕީ ވެސް ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. 

އޭނާ ރެއާލްއާ ގުޅުނީ، މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގަ އެވެ. މިދިޔަ ސީޒަނުގައި ލެވަންޓޭގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެޗުން މޮޅުވުން ރެއާލަށް ހައްގު ކަމަށެވެ. އަދި އެސްޕަންޔޯލް ބަލިވުން ހައްގުވާ ކަމަށް އޭނާ ގަބޫލު ނުކުރާކަމަށް ޕޯޗުގަލްގެ ކޯޗު ބުންޏެވެ. 

އެސްޕަންޔޯލްގެ ޑިފެންސާއި ކައުންޓަ އެޓޭކްގައި އެ ޓީމުގެ ނުރައްކާ ވަރުގަދަ ކަމަށް މޮރީނިއޯ ބުންޏެވެ. 

އޭނާ ބުނީ އެ ވަރުގަދަކަން، އެ ޓީމުގެ ފަރާތުން ފެނުނީ ވޯލްޑް ކަޕްގައި ކުޅުނު އެއްވެސް ކުޅުންތެރިޔެއް އެ ޓިމުގެ ސްކޮޑްގައި ނެތުމުން، މުޅި ޓީމު އެކުގައި ތައްޔާރުވާން ވަގުތު ލިބުމުން ކަމަށެވެ. 

ކާލޯސް އެސްޕީ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ: އަނަޑޮލޫ އެޖެންސީ |
ކާލޯސް އެސްޕީ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ: އަނަޑޮލޫ އެޖެންސީ |

"ޑިފެންސިވް ސިސްޓަމްގެ ވާހަކަ ދައްކާއިރު ސަމާލުކަން ނުދީ ދޫކޮށްނުލެވޭނެ އެއް ކަމަކީ ޓީމުގެ ފިޒިކަލް ހާލަތު. އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު ވޯލްޑް ކަޕުގައި ނުކުޅޭ. (އެހެންވެ) ދިގު މުއްދަތެއް ވަންދެން އެކުގައި ޕްރެކްޓިސްކުރަމުން އަންނަ ޓީމެއް. އެ ކަން، އެ ޓީމުން ކުޅުމުގައި ދަމަހައްޓައި ގޭމުން ވެސް ވެސް ފެންނަން ހުރޭ،" މޮރީނިއޯ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވާ ފެންވަރަށް ރެާލްގެ ކުޅުންތެރިން އަދި ނުކުޅެ އެވެ. 

"ބައެއް ކުޅުންތެރިން އަދިވެސް އެންމެ ފުރިހަމަ ފޯމަކަށް ނާދޭ. އަދި އަހަރެން ބޭނުންވާ ގޮތަށް ޕްރެސްކުރުމުގެ ގޭމްގައި ޓްރެއިނިންގައި ވިޔަސް، މެޗުތަކުގައި ވިޔަސް، އަދިވެސް ބައިވަރު މިނިޓާއި ކިލޯމީޓަރު ދުރުގައި ތިބިކަން ފާހަގަކުރެވޭ. އެހެންވެ މި މޮޅު އެހާ އަގުހުރި ކަމަކަށް ވަނީ. ސަބަބަކީ މިއީ ފުރާނަ ދީގެން ހޯދި މޮޅެއް." 

މޮރީނިއޯގެ ޓީމަށް ދެން އޮތީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.